web analytics
ރިޕޯޓް

ރިކޯޑަށްޓަކައި ސީޕްލޭން ޓާމިނަލްގެ ހަގީގަތް ފިލިން ފިއްޔަށް!

އާ ސީޕްލޭން ޓާމިނަލްއެއް އަޅާ ވާހަކަ އެންމެ ފުރަތަމަ ދައްކަން ޖެހުނީ ކުރީ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކޮށް އިތުރު ރަންވޭއެއް އަޅަން ޖެހުނު ހިސާބުންނެވެ. އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ސްޓޭންޑަޑާ އެއްގޮތައް އެ ރަންވޭ ތަރައްގީކޮށް އޮޕަރޭޓް ކުރަން ބަލާއިރު، ރަންވޭގެ ސެންޓާ ލައިނުން 150 މީޓަރު ފުޅާމިނުގައި އޮތް ބިމުގައި، ރާއްޖެ އާއި ދުނިޔޭގައި ވެސް ސީޕްލޭން ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި، ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އިން ސީޕްލޭން އޮޕަަރޭޝަންތަކަށް ބޭނުން ކުރާ އިމާރާތެއް ހުއްޓެވެ.

އާ ރަންވޭގެ ހިދުމަތްތައް ފެށުމުގެ ކުރިން ޓީއެމްއޭއަށް ދޫކޮށްފައިވާ އެ ބިން ހުސް ކުރަން ޖެހޭތީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމީ ވީއައިއޭގެ އިރުމަތީ ފަރާތުގައި ޒަމާނީ ފެންވަރުގެ މުޅިން އާ ސީޕްލޭން ޓާމިނަލްއެއް އިމާރާތް ކުރުމަށެވެ. އަދި އެ ޓާމިނަލަކީ ހުރިހާ ސީޕްލޭން އޮޕަރޭޓަރުންނަށް ބޭނުން ކުރެވޭ ގޮތައް ހަދައި ތަނެއް ކަމަށް ކަނޑައެޅި އެވެ.

މި މަޝްރޫއަކީ ސެޕްޓެމްބަރު 14، 2017 ވަނަ ދުވަހު އެމްއޭސީއެލް އާއި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ކުންފުންނާ ދެމެދު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން 55.5 މިލިއަން ޑޮލަރު (855.8 މިލިއަން ރުފިޔާ) އަށް ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއަށް ފައިސާ ހަމަޖެއްސީ ޗައިނާ ޑިވަލޮޕްމަންޓް ބެންކުން 47.2 މިލިއަން ޑޮލަރާއި ވީއައިއޭ ތަރައްގީ ކުރުމަށް އެމްއޭސީއެލް އިން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ 8.3 މިލިއަން ޑޮލަރުންނެވެ.

އާ ރަންވޭގެ މަސައްކަތް ނިމުމުގެ ކުރިން އާ ސީޕްލޭން ޓާމިނަލެއް އަޅައި ނިންމަން އެންމެ ފުރަތަމަ އެ ކުންފުނިން އެއްބަސްވީ މަސައްކަތް ފަށައިތާ 13 މަސް ދުވަސް ތެރޭގަ އެވެ. އެހެން ނަމަވެސް އެ މުއްދަތަށް މަސައްކަތް ނުނިމުމުން މިހާރު ރާވާފައި ވަނީ ޖުލައި، 15. 2020 ގައި އެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލު ކުރުމަށެވެ.

ބޮޑު ޓީއެމްއޭއަށް ކުޑަ އަގެއް!

އެއާޕޯޓުގައި ވިޔަފާރި ކުރަން އެމްއޭސީއެލް އިން ބިން ދޫކުރުމުގައި ހާއްސަ ރޭޓުތަކެއް ހުރެ އެވެ. ބައެއް ރަސްމީ ހިސާބުތަކަށް ބަލާއިރު ބޭރުގެ ތަފާތު އެއާލައިންސްތަކަށާއި ކާގޯ ބިލްޑިންތަކާއި އަދި ޓްރާންސްޕޯޓު ހަމަޖައްސާ އޮފީސްތަކުގެ ހިދުމަތް ދޭ ކުންފުނިތަކަށް އެއާޕޯޓުން ބިން ދޫކޮށްފައިވާ އެވަރޭޖް ރޭޓަކީ އަކަ މީޓަރަކަށް 48.7 ޑޮލަރަށެވެ.

 ޓީއެމްއޭގެ ސީޕްލޭންއެއް

އެހެން ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ޓީއެމްއޭއަށް އަދި 2018 ވަނަ އަހަރުން ފެށިގެން މަންތާ އެއާއަށް ބިން ދޫކޮށްފައި ވަނީ 10.35 ޑޮލަރަށެވެ. އަދި އެއާޕޯޓުގައި ރިސޯޓްތަކަށް ލައުންޖް ހެދުމަށް އަކަ މީޓަރެއް 174.94 ޑޮލަރާއި 314.57 ޑޮލަރުގެ ރޭޓުން އުޅޭއިރު މައްސަލައަކީ އަލަށް ސަރުކާރުން އަލައި ސީޕްލޭން ޓާމިނަލް ވެސް ޓީއެމްއޭއަަށް ދިނުމަށް މަޝްވަރާކޮށްފައި ވަނީ ހަމަ އެ 10.35 ޑޮލަރުގެ ރޭޓުންނެވެ.

މީގެ އިތުރުން ވެސް ޓީއެމްއޭ އާއި އެމްއޭސީއެލް ދެމެދު ދެކެވުނު ވާހަކަތަކާއި ބަދަލު ކުރެވުނު ސިތީތަކުގައި އިތުރު ކަމަކަށް ޓީއެމްއޭއިން ޑިމާންޑުކޮށްފައިވެ އެވެ. އެއީ އެ ކުންފުނިން ކުރިން އަޅާފައިވާ އިމާރާތެއް ނަގާތީ އޭގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގައި، އަލަށް އަޅައި ސީޕްލޭން ޓާމިނަލުން ވެސް ޓީއެމްއޭއަށް ދޭން ޖެހޭނީ ހުސްކުރި ވަރުގެ ބޮޑު ޖާގަ އެކެވެ.

 ސީޕްލޭން ޓާމިނަލް

އެހެންކަމުން ޖުމުލަ 15،242 އަކަމީޓަރުގެ އާ ލައުންޖުގެ 81 ޕަސަންޓު ޓީއެމްއޭއަށް ދިނުމަށް ފަހު ބާކީވާ 19 ޕަސަންޓު އެހެން އޮޕަރޭޓަރުންނަށް ދޭން މަޝްވަރާ ކުރި އެވެ. އެގޮތުން އައިއޭއެސްއަށް 10 ޕަސަންޓު، މަންތާ އެއާއަށް ހަ ޕަސަންޓު އަދި ވިލާ އެއާއަށް ތިން ޕަސަންޓު ދިން ކަން ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.

އޭސީސީގެ ތަހުގީގުގައި ފާހަގަކޮށްފައިވާ ގޮތުގައި އާ ސީޕްލޭން ތަރައްގީ ކުރުމަށް އެމްއޭސީއެލް އިން އެއްބަސްވުމެއް ޑްރާފްޓުކޮށް، ޓީއެމްއޭއާ ހިއްސާކޮށް އެ ޑްރާފްޓް ވަނީ ފައިނަލްކޮށްފަ އެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރުމާ ގުޅޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި ފޯނުން ގުޅައި މުއާމަލާތްކޮށްފައިވެ އެވެ. އެ ޑްރާފްޓް އެއްބަސްވުމުގައިވާ ގޮތުން އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ކުޑަ އަގެއްގައި ޓީއެމްއޭއަށް ދޭން ނިންމާފައި ވަނީ 15 އަހަރަށެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުގެ ވެރިކަން ބަދަލުވެގެން އައިއިރު އެކަމާ ގުޅޭ އެއްވެސް ލިޔެކިޔުމެއްގައި ދެ ފަރާތުން ސޮއިކޮށްފައެއް ނުވެ އެވެ.

 ޓީއެމްއޭގެ ބައެއް އިސްވެރިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި

އޮޑިޓާ ޖެނަރަލް އޮފީހުން ހެދި ހާއްސަ އޮޑިޓުން ދައްކާ ގޮތުގައި އެމްއޭސީއެލް އާއި ޓީއެމްއޭ ދެމެދު މަޝްވަރާ ކުރެވުނު ގޮތައް އެ ޓާމިނަލް ކުއްޔަށް ދީފި ނަމަ ކުރިޔަށް އޮތް އަހަރަށް ބަލާއިރު އެމްއޭސީއެލްއަށް ލިބޭނީ 5.7 މިލިއަން ޑޮލަރު (87.8 މިލިއަން ރުފިޔާ)ގެ އަމްދަނީއެކެވެ. އެހެން ނަމަވެސް ޓީއެމްއޭއަށް ވަކި ހާއްސަ އަގެއް ނުދީ، އެއާޕޯޓުގައި ހިންގާ އެހެން ފަރާތްތަކަށް ވެސް ކުއްޔަށް ދޭ ރޭޓުތަކުގައި ވާދަވެރި ބިޑް އުސޫލުން އެކަން ކުރާނަމަ 41.7 މިލިއަން ޑޮލަރު (729 މިލިއަން ރުފިޔާ) ދައުލަަތަށް ލިބޭނެ ކަމަށް އެ އޮފީހުން ވަނީ އަންދާޒާކޮށްފަ އެވެ.

އެހެންކަމުން މިއީ ދައުލަތަށް ލިބެން އޮތް ބައި ބިލިއަނަށް ވުރެ ވެސް ބޮޑު އާމްދަނީ އެއް ހުރި ގޮތައް “ދިރުވާލުން” ފަދަބޮޑު ޖަރީމާއަކަށް ވަނީ ވެފަ އެވެ.

އެމްއާރްއޯ ފެސިލިޓީ: މިއީ ކޮން ވާހަކައެއް؟

މެއިންޓޭނަންސް، ރިޕެއާ އެންޑް އޯވަހޯލް (އެމްއާރްއޯ) ފެސިލިޓީއަކީ ސީޕްލޭން ޓާމިނަލެއް އޮޕަރޭޓު ކުރާ ފަރާތްތަކަށް ވަރަށް މުހިންމު ތަނެކެވެ. ސީޕްލޭންތައް މަރާމާތުކޮށް، މެއިންޓެއިން ކުރުމަށް ބޭނުންވާ މުހިންމު ބައެކެވެ. މިހާތަނަށް އެމްއާރްއޯ ފެސިލިޓީ އޮތީ މޯލްޑިވިއަން އާއި ޓީއެމްއޭގަ އެވެ.

އޭގެ ތެރެއިން އައިލެންޑް އޭވިއޭޝަނަށް ދޫކޮށްފައިވާ ސީޕްލޭން ޓާމިނަލްގައި އެމްއާރްއޯ ފެސިލިޓީއެއް ހުންނައިރު އެމްއޭސީއެލް އިން ނިންމީ ޓީއެމްއޭގެ ބިން ހުސް ކުރުމާ ގުޅިގެން ދެން އެފަދަ ފެސިލިޓީއެއް ބޭނުންވާ ހަމައެކަނި ފަރާތަކީ އެ ކުންފުނި ކަމަށެވެ. އެހެންކަމުން އާ ސީޕްލޭން ޓާމިނަލް ސަރަހައްދުގައި ބައިނަލްއަގުވާމީ ފެންވަރަށް 5.4 މިލިއަން ޑޮލަރު ދީގެން އަޅާ އާ އެމްއާރްއޯ ފެސިލިޓީ ވެސް ޓީއެމްއޭއަށް ދޭން ވަނީ މަޝްވަރާކޮށްފަ އެވެ. އެތަން ދޫކުރާ ރޭޓަކީ ވެސް އަކަމީޓަރަކަށް މަހަކު 10.35 ޑޮލަރެވެ.

 ސީޕްލޭން ޓާމިނަލް

މިކަމަކީ އެ މަސައްކަތުގައި އުޅޭ އެހެން ފަރާތްތަކަށް ހުރި ބޮޑު ގޮންޖެހުމެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން މަންތާ އެއާގެ އިސް އޮފިޝަލުން ވިދާޅުވި ގޮތުގައި ސީޕްލޭންތަކުގެ މައްސަލަ ވަރަށް ގިނައިން ޖެހިގެން އެމްއާރްއޯ ފެސިލިޓީގެ ހިދުމަތް ހޯދަން ޓީއެމްއޭއަށް ދިޔުމުން އެކަން ނުކޮށްދިނެވެ. އެންމެ ފަހުން އެ މަސައްކަތް ކުރީ އައިލެންޑް އޭވިއޭޝަންގެ ފެސިލިޓީން ކަމަށް މަންތާ އިން ބުންޏެވެ.

ޓީއެމްއޭއާ ވާދަވެރި، މަންތާއިން ގަބޫލު ކުރާ ގޮތުގައި ޓީއެމްއޭއަށް އެމްއާރްއޯ ފެސިލީޓީ ދިނުމުން އެ ދާއިރާގެ އެހެން ވިޔަފާރިތަކަށް ކުރިއަށް ދިޔުމަށް ހުރަސް އަޅަ އެވެ. އޭގެ ބަދަލުގައި އެހެން ފަރާތްތަކަށް ވެސް ބޭނުން ކުރެވޭ ގޮތައް އެތަން ދޫކުރަން މަންތާއިން ބޭނުންވެ އެވެ. މިކަން އޭސީސީން ވެސް ފާހަގަ ކުރެ އެވެ.

އެމްއޭސީއެލް، ޓީއެމްއޭ: އާއިލީ އަދި ވިޔަފާރީގެ ގުޅުން!

ހުރިހާ ދިމާއަކުން ވެސް ބޮޑު ފައިދާއެއް ޓީއެމްއޭއަށް ލިބޭ ގޮތައް މަޝްރޫއު ފަރުމާވެ، ބައްޓަންކޮށްފައި އޮއްވާ މި މައްސަލަ ބޭރުވެ، ރައްޔިތުންގެ މަޖިލީހާއި އޭސީސީ އަދި އޮޑިޓާ ޖެނަރަލް އޮފީހުން ބަލަން ފެށި އެވެ. އެގޮތުން އޭސީސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި “ސިއްރު” ރިޕޯޓުގެ 15 ވަނަ ސަފުހާގައިވާ ގޮތުން ސީޕްލޭން ޓާމިނަލްގެ މަޝްވަރާތައް އެމްއޭސީއެލް އިން ހުރިހާ އޮޕަރޭޓަރުންނާއެކު ކޮށްފައިވީ ނަމަވެސް އެކަމާ ގުޅޭ އެއްބަސްވުމުގެ ޑްރާފްޓެއް ފޮނުވާފައި ވަނީ ޓީއެމްއޭއަށް އެކަންޏެވެ.

އެހެންކަމުން މިކަމަކީ އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ނުއަގުގައި ކުއްޔަށް ދީ، ޓީއެމްއޭއަް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. މިކަމާ ބެހޭ ގޮތުން އޮޑިޓާ ޖެނަރަލް އޮފީހުން ރައްޔިތުން މަަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އެދުމުގެ މަތިން ހެދި އޮޑިޓް ރިޕޯޓުގެ ލީކުވި ކޮޕީއެއް އަވަސްއަށް ލިބިފައިވާއިރު އެމްއޭސީއެލް އިން ދައުލަތަށް ބޮޑު ގެއްލުމެއް ލިބި ޓީއެމްއޭއަށް ފައިދާވާ ގޮތައް ނިންމަން މަޝްވަރާކޮށްފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.

 ޗަންޕާ ހުސެއިން އަފީފު ކޮމާޝަލް ބޭންކް ތެރޭގައި

މީގެ އިތުރުން ދައުލަތަށް ގެއްލުންވާ ގޮތައް 10.35 ޑޮލަރުގެ ރޭޓުން އާ ސީޕްލޭންގެ ބިން ވިއްކަން މަޝްވަރާކޮށްފައި ވަނީ ޓީއެމްއޭ އަދި މަންތާ އާއެކަނި ކަމަށްވާއިރު އެ ދެ ކުންފުނީގެ ވެރިންނާއި އެމްއޭސީއެލް ބޯޑުގެ މެންބަރުންނާ ގުޅުން އޮތްތޯ ބެލިއިރު އެ ދެ ފަރާތުގެ ދެ މެދުގައި އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮތް ކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

ޓީއެމްއޭގެ ހަމައެކަނި ދިވެހި ހިއްސާދާރަކީ ޗަމްޕާ ހުސެއިން އަފީފް އެވެ. އާ ސީޕްލޭން ޓާމިނަލްގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށިއިރު އެމްއޭސީއެލްގެ ބޯޑު މެންބަރެއްގެ ގޮތުގައި ހުރި އަހުމަދު ނަޒީރަކީ 2012 ވަނަ އަހަރާ ހަމަޔަށް ޓީއެމްއޭގެ ބޯޑް މެންބަރެކެވެ. އަދި މިހާރު އޭނާއަކީ ޗަމްޕާގެ ހިއްސާ އޮންނަ ކްރައުން ކުންފުންޏާއި، ޓްރީޓޮޕާއި ކޮމާޝަލް ބެންކުގެ ބޯޑް މެންބަރެކެވެ.

މި ސަރުކާރަށް ބަލާއިރު އެމްއޭސީއެލްގެ ބޯޑުގައި މިހަރު ތިބި ހަތަރު ބޯޑް މެންބަރުންގެ ތެރެއިން އިބްރާހިމް ނޫރައްދީންއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނެކެވެ. އަދި ރައީސް އޮފީހުގައި މަސައްކަތް ކުރާ ސަބްރާ ނޫރައްދީންގެ ބައްޕަ އެވެ. އޭގެ އިތުރުން ނޫރައްދީންއަކީ ސީޕްލޭން އޮޕަރޭޓު ކުރާ މަންތާގެ އިތުރުން ޗަމްޕާގެ ކްރައުން ކުންފުންޏާއި ޓްރީޓޮޕްގެ ބޯޑް މެންބަރެކެވެ.

މިހާރުގެ ބޯޑުގައި ހިމެނޭ މުހައްމަދު އަބްދުއްސައްތާރަކީ ޗަމްޕާއަށް ބޮޑު ބޭބެ ކިޔާ މީހެކެވެ. އަދި ޗަމްޕާގެ މަޑިވަރު ހޯލްޑިން ކުންފުނީގެ ޝެއާ ހޯލްޑަރެކެވެ. އަދި ބޯޑުގައި ހިމެނޭ ފާތުމަތު މުއާޒްއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮމާޝަލް ބެންކުގެ ސެކެޓަރީއެކެވެ. އެމްއޭސީއެލްއަށް އެމްޑީއަކު އައްޔަން ނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ވަގުތީ އެމްޑީއެއްގެ ރޯލު އަދާ ކުރަނީ މޫސާ ސޯލިހެވެ. އެއީ ރައީސް ސޯލިހުގެ ބޮޑުބޭބެއެކެވެ.

ދެ ރައީސުން މިކަަމާ ގުޅުވަނީ މިހެން ކިޔާފަ!

ސަރުކާރަށް މިކަމުގެ ފާޑު ކިޔުން އިންތިހާއަށް އަމާޒުވެފައި ވަނިކޮށް، ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމުގެ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަން ފެއްޓެވި އެވެ. އެހާ ހިސާބުން އެމަނިކުފާނާ މި ކުންފުންޏާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރި އެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ މިކަމާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ސޯޝަލް މިޑިއާގައި މިކަމުގައި ސަރުކާރާއި ރައީސް ނަޝީދާ ނުސީދާ ގޮތަކަށް ގުޅުވައި ތަފާތު ތުހުމަތުތަކެއް ފެންމަތި ކުރި އެވެ. އެއްކަމަކީ ޓީއެމްއޭ ކުންފުންޏަށް ޕީއާރް މަސައްކަތްކޮށްދެނީ އެޓޯލްސް ކޮމިއުނިކޭޝަން ކިޔާ ކުންފުންޏަކުން ކަމަށްވާތީ އެވެ. މިއީ ރައީސް އޮފީހުގެ ޕޮލިސީ ސެކެޓަރީ އައިމިނަތު ޝައުނާ ކުރިން ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުންޏަށް ކުރިން ކިޔަނީ “ޝައުނާ އެންޑް ރޮބާޓްސް” އެވެ. ނަމަވެސް ރައީސް އޮފީހުގެ މަގާމާ ހަވާލުވުމާއެކު މިހާރު އެ ކުންފުނީގެ ހިއްސާ އޮންނަނީ ޝައުނާގެ ފިރިމީހާ މުހައްމަދު ތޯރިގު އަތުގަ އެވެ. އަދި ޓީއެމްއޭ މައްސަލާގައި މިފަހުން ހޫނުވުމުން ވެސް ބައެއް މީޑިއާތަކަށް ޓީއެމްއޭގެ ބަސް ފޯރުކޮށްދިނީ އޭނާ އެވެ.

ޓީއެމްއޭގެ 80 ޕަސަންޓު ހިއްސާ އޮންނަ ބެއިން ކުންފުނިން ސަރުކާރަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުތައް ކުރެވެމުން ދިޔަ އިރު އެ ކުންފުނީގެ އެއް ވަކީލަކީ ރައީސް ނަޝީދުގެ ކުރީގެ ގާނޫނީ ވަކީލު ޖެރަޑް ޖެންސާ ކަމަށް މަޖިލިސް މެންބަރު އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ. އެއާއެކު ތުހުމަތުތައް ރައީސް ނަޝީދަށް ވެސް ވަނީ ކޮށްފަ އެވެ.

އޭގެ ތެރެއިން އެއް ތުހުމަތަކީ ޖެރަޑް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ވަރަށް ގިނަ މެންބަރުންނާ ވަކިން ބައްދަލު ކުރަން އެދިފައިވާ ކަމުގެ ތުހުމަތެކެވެ.

ކުރީ ސަރުކާރަށް ތުހުމަތު، އެކަމަކު ހިމޭނުން!

ރައީސް ނަޝީދާއި ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުން ތުހުމަތު ކުރާ ގޮތުން މި މައްސަލާގެ އަސްލު ފެށިފައި ވަނީ ކުރީ ސަރުކާރާ ހަމައިންނެވެ. އެ ސަރުކާރުން ޓީއެމްއޭއަށް ފައިދާވެ، ދައުލަތަށް ބޮޑު ގެއްލުމެއްވާ ގޮތައް ހަދަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

 އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި އިހުތިިޖާޖު ކުރަނީ

މިވަރުގެ ބޮޑު ތުހުމަަތުތަކެއް އަޅުވާ މި މައްސަލާގައި ގައުމު އެހާ ބޮޑަށް ހާސްކަމެއްގެ ތެރޭގައި އުޅުނު އިރު ވެސް އިދިކޮޅު އެއްވެސް ފަރާތެއް މާ ސީރިޔަސް ކަމަކަށް ނެހެދި އެވެ. ޓީއެމްއޭ މައްސަލާގައި ބައެއް އަމިއްލަ މެންބަރުން މަޖިލީހުގައި ވަކާލާތުކޮށް ހެދިއިރު އިދިކޮޅުގެ މާ ބޮޑު ރޯލެއް ސަރުކާރު ޕްރެޝާ ކުރާކަށް މަސައްކަތެއް ވެސް ނުކުރެ އެވެ.

ހިމޭންކަމާއެކިގައި ތިބުމަށް ފަހު ބައެއް ވަކިވަކި މެންބަރުންނަށް އަމާޒުކޮށް އެމްޑީޕީން ތުހުމަތު ކުރަން ފެށުމުން އެ މެންބަރުން އެކަން ދޮގު ކުރި އެވެ. ނަމަވެސް މުޅި މައްސަލަ ނިމުމަކާ ހަމަޔަށް އައިއިރު ވެސް އިދިކޮޅުން އެކަމަކަށް އެއްވެސް ވަރަކަށް ފޯކަސްއެއް ނުކުރެ އެވެ. އިދިކޮޅާއި ސަރުކާރަށް ވުރެ ގަދަބާރަކުން އެކަން ހުއްޓުވާފައި އޮތް ކަހަލަ އެވެ.

މިހާރު އޮތް ހިސާބު: މިވަގުތައް ސަލާމަތްވެއްޖެ

ޕްރެޝަރާއި އެތައް ބައިވަރު ތުހުމަތުތަކާ ހެދި ސަރުކާރުން މިހާރު ވަނީ ޓީއެމްއޭއާއެކު ކުރިން ކޮށްފައިވާ ބައެއް މުއާމަލާތްތައް ބާތިލު ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން ނިންމާފައި ވަނީ ޓާމިނަލްގެ 81 ޕަސަންޓު ދިނުމުގައި 6400 އަކަމީޓަރު ހަމަ 10.35 ޑޮލަރުގެ ރޭޓުން ދިނުމަށެވެ. އެގޮތަށް ދޭން ނިންމާފައި ވަނީ ދެ އަހަރުގެ މުއްދަތަކަށެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓުތަކުން ބުނާ ގޮތުން ޓީއެމްއޭގެ ބިން ހުސް ކުރުމުން އެ ލިބެން ޖެހޭ ބަދަލެއް ގޮތައް 6400 މީޓަރުގެ ބިމަކާއެކު ދިނުމުން އެމްއޭސީއެލްއަށް ކުރިން ލިބޭނެ ކަމަށް ލަފާ ކުރި ގެއްލުން ކުޑަވެ އެވެ. ސަރުކާާރުން ނިންމާފައި ވަނީ ދެ އަހަރުގެ މުއްދަތު ހަމަވުމުން އަލުން އޯޕަން ބިޑަކަށް ހުޅުވާލުމަށެވެ.

އޭގެ އިތުރުން ޓީއެމްއޭއަށް 6400 އަކަމީޓަރު ދިން ނަމަވެސް އެހެން އޮޕަރޭޓަރުންނަށް ލިބޭ ބައި ބޮޑެއް ނުކުރެ އެވެ. ބާކީވާ ބައި ބިޑް އުސޫލުން ދޫކުރަން ވަނީ ނިންމައިފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އަނިޔާ އާއި ގެއްލުންދީފައި މިނިވަންކަން މަތީ!

ސުވާދީބު

ބޮޑު ނުރައްކަލަކަށް ފަހު ދިވެހި ނޫސްވެރިކަމަށް އާ ދުވަސްތަކެއް

ސުވާދީބު

ލަކްސް ރިސޯޓް: ހުދު ކުލައިގެ ހިތްގައިމުކަމެއް

ސުވާދީބު