web analytics
ރިޕޯޓް

އެއްފަސް ކުރުމުގެ އޮޑިޓް: ކުދި އާބާދީތަކާ ނުބައްދަލު ތަރައްގީއަށް ދެގުނަ ހަރަދު!

އެކި ސަރުކާރުތަކުން އެއްފަސް ކުރުމުގެ ހަރުދަނާ ސިޔާސަތެއް ނުގެންގުޅުމުގެ ސަބަބުން، ދެމެހެއްޓެނެވި ތަރައްގީ ހާސިލް ނުވެ، ކުދި އާބާދީތަކަށް ދައުލަތުން ދެ ގުނައަށް ހަރަދު ކުރަންޖެހޭ ކަމަށް އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.

އާބާދީއާއި ތަރައްގީ އެއްފަސް ކުރުމާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ޕަފޯމަންސް އޮޑިޓެއްގައި ބުނެފައިވަނީ ރާއްޖޭގެ އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތަކީ 1980 ވަނަ އަހަރުން ފެށިގެން އެކި ސިފަ ސިފައިގައި ގެންގުޅެމުން އައި ވިސްނުމެއް ކަމަށެވެ.

ނަމަވެސް، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ދުރު ރާސްތާގެ ޕްލޭނުތަކެއް ނެތި، އެ ދައުރެއްގައި ތަފާތުއެކި މަޝްރޫއުތައް ރާވައި ހިންގަމުން ދާކަން، 2008 އިން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ރަށްތައް ތަރައްގީ ކުރުމަށާއި އެއްފަސް ކުރުމަށް ކޮށްފައިވާ ކަންކަމަށް ބަލައި އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށުގެ ތެރެއިން 56 ޕަސަންޓް ރަށްތަކުގެ އާބާދީގައި 1،000 މީހުން ހަމައެއް ނުވެއެވެ. ނަމަވެސް، އެއްފަސްކުރުމުގެ ވިސްނުމެއްގެ ތެރެއިން 1985 އިން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް އެހެން ރަށަކަށް މީހުން ބަދަލުކުރެވިފައި ވަނީ އެންމެ 15 ރަށުގެ ރައްޔިތުންނެވެ.

ދުރު ރާސްތާގެ ޕްލޭނެއް ނެތި ހިންގާ މަޝްރޫއުތައް

އޮޑިޓުގައި ބުނެފައިވަނީ ސަރަހައްދީ ތަރައްގީއަށް އަމާޒު ކޮށްގެން މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި ކުދި އަދި ބޮޑެތި އާބާދީގެ އެކި ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން، 2013 އިން 2017 އަށް 3،154 މަޝްރޫއު ހިންގަން 25.4 ބިލިއަން ރުފިޔާ ދައުލަތުން ވަނީ ހޭދަކޮށްފަ އެވެ. މި އަދަދުތަކުން ފެންނަ ގޮތުގައި، ވަކި ވަކި ރަށްތައް ތަރައްގީ ކުރުމުން ދިޔުމުގެ ސަބަބުން ދެމެހެއްޓެނެވި ތަރައްގީ ހާސިލު ނުވެ، ތަރައްގީއަށް ދައުލަތުން ކުރަންޖެހޭ ހޭދަ ދެ ގުނައަށް އިތުރުވެފައިވެ އެވެ.

 އއ.ގެ ދެ ރަށް ކަމައްވާ އުކުޅަސް އާއި ފެރިދޫއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅުގައި ރައީސަށް މަރުހަބާ ކިޔުމަށް ރައްޔިތުން އެއްވެފައި. 

އޭގެ މިސާލެއްގެ ގޮތުން އެ ދިރާސާގައި ފާހަގަކޮށްފައި ވަނީ 2016 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ތަރައްގީއަށް ކޮށްފައިވާ ހޭދަ އެވެ. އެގޮތުން، އެ އަހަރު، އާބާދީ ބޮޑު ފަސް ރަށެއްގައި ހިމެނޭ ޖުމްލަ 27،935 މީހުނަށް 1.6 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަށް ހިމަނާފައިވާއިރު، އެ އަތޮޅުތަކުގައި ބާކީތިބި 41 ރަށުގައި ހިމެނޭ 28،972 މީހުންގެ އާބާދީއަށް 3.25 ބިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކޮށްފައި ވެއެވެ.

ތައުލީމާއި ސިއްހީ ހިދުމަތަށް އާބާދީއާ ނުބައްދަލު ބޮޑު ހަރަދެއް

އެ ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރާ ދާއިރާތަކުގެ ތެރޭގައި ތައުލީމާއި ސިއްހީ ދާއިރާ ހިމެނެ އެވެ. އެގޮތުން މުޅި ރާއްޖޭގައި ޖުމްލަ 232 މަދަރުސާގައި ކިޔަވާދެމުން ދާއިރު، އޭގެ ތެރޭގައި 15 ދަރިވަރުން ވެސް ހަމަނުވާ މަދަރުސާތައް ހިމެނެ އެވެ. ނަމަވެސް، ކޮންމެ މަދަރުސާއަކަށް ވެސް ކުރަންޖެހޭ ޒަރޫރީ ހަރަދުތަކުގެ ސަބަބުން އެފަދަ މަދަރުސާތަކުގައި ކިޔަވައިދިނުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ އެވެ.

މިގޮތުން، ތައުލީމީ ދާއިރާއިން 8،000 އަށް ވުރެ އާބާދީ ހިމެނޭ ދެ ރަށެއްގެ މަދަރުސާ ހިންގުމަށް ބޮލަކަށް 3،610 ރުފިޔާ ހަރަދުވާއިރު، 2،000 އާއި 3،000 ދެމެދުގެ އާބާދީ ހިމެނޭ ރަށްތަކުގެ ތެރެއިން ހަ ރަށުގައި ބޮލަކަށް 4،754 ރުފިޔާ ހޭދަކުރަންޖެހޭ ކަމަށް ބުނެފައިވެ އެވެ.

  • މާލޭގައި 31،847 ދަރިންވަރުންނަށް 2،553 ޓީޗަރުން
  • އަތޮޅުތަކުގެ ތެރޭގައި 56،289 ދަރިވަރުންނަށް 6،689 ޓީޗަރުން

ސިއްހީ ހިދުމަތަށް ބަލާއިރު، އައްޑޫ ސިޓީގެ 21،275 މީހުން ހިމެނޭ އާބާދީއަށް ބޮލަކަށް 3،970 ރުފިޔާ ޖެހޭއިރު، ވ. އަތޮޅުގެ 1،811 މީހުންގެ އާބާދީއަށް ބޮލަކަށް 7،336 ރުފިޔާ ޖެހޭކަމަށް އެ ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

އިޖުތިމާއީ ކުޅިވަރާއި އިދާރީ ހިންގުން ވެސް ދެކޮޅު ނުޖެހޭ

  • 22،180 އާބާދީގެ ތިން ރަށުގައި ޒުވާނުންގެ މަރުކަޒާއި ސްޓޭޑިއަމް އެޅުމަށް – 2 މިލިއަން ރުފިޔާ
  • 21،743 އާބާދީގެ 22 ރަށުގައި ޒުވާނުންގެ މަރުކަޒާއި ސްޓޭޑިއަމް އެޅުމަށް – 15 މިލިއަން ރުފިޔާ

އެ ދިރާސާގައި ބުނެފައި ވަނީ، އަހަރުން އަހަރަށް ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަ އިރު، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ.

  • 19،541 އާބާދީގެ ހދ. އަތޮޅު ކައުންސިލް ހިންގުމަށް – ބޮލަކަށް 2،786 ރުފިޔާ
  • 1،811 އާބާދީގެ ވ. އަތޮޅުގެ އިދާރީ ހިންގުމަށް – ބޮލަކަށް 12،326 ރުފިޔާ

އެގޮތުން، 2008 ވަނަ އަހަރު ދައުލަތުގެ ބަޖެޓު 11.9 ބިލިއަން ރުފިޔާގައި ހުރިއިރު، 2019 ވަނަ އަހަރު އެ އަދަދު 157 ޕަސަންޓް އިތުރުވެ، 30.6 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެ.

 ސީއެޗްއެސްސީގެ ދަރިވަރުންތަކެއް މަޑުކޮށްލައިގެން.:

ދައުލަތުން މިހާ ބޮޑު ހޭދައެއް ކުރާއިރުވެސް، ދައުލަތަށް އެންމެ ހަރަދުކުޑަވާނެ ގޮތަކީ އެއްފަސްކުރުމުގެ ހަރުދަނާ ސިޔާސަތެއް ތަންފީޒުކުރަމުންދިޔުން ކަމަށްވީނަމަވެސް، ދައުލަތުގެ ހިންގުމުގެ ކަންކަން އެގޮތަށް ރޭވިފައިނެތްކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ހަރަދާ އެއްވަރަށް ނަތީޖާއެއް ނުނެރެވޭ

ޕްލޭނެއްނެތި ކުދި ރަށްތަކަށްވެސް ހަރަދު ކުރަމުންދިޔުމުގެ ސަބަބުން، ސަރަހައްދީ ތަރައްގީ ނުގެނެވި، ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ވެރިރަށް މާލެއަށް ހިޖުރަކުރަންޖެހިފައިވާކަމަށް އޮޑިޓުގައި ބުންޏެވެ.

އަދި އެކަމުގެ ސަބަބުން، މާލެ ތޮއްޖެހި، ރައްޔިތުންނަށް ތަފާތު ގިނަ އިޖުތިމާއީ އަދި އިގުތިސޯދީ މައްސަލަތައް ކުރިމަތިވެފައިވާކަމަށް ބުނެފައިވެ އެވެ.

އެ އޮޑިޓުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުން ދުރުރާސްތާގެ ޕްލޭނެއް އެކުލަވާލައިގެން، އެއާ އެއްގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެފަދަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކުރިއަށް ގެންދެވޭނަމަ، މިހާރު ހިނގާ ހަރަދަށްވުރެ މާ ހަރަދުކުޑަކޮށް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީ ގެނެވިދާނެކަމަށެވެ.

އަދި އެއްފަސްކުރުމުގެ ހަރުދަނާ ސިޔާސަތެއް ތަންފީޒު ކުރުމަށް މިވަގުތު ބޮޑު ހަރަދެއް ކުރަންޖެހުނު ނަމަވެސް، ކުރިއަށްއޮތް ތަނުގައި އޭގެ ހަގީގީ މަންފާ ދައުލަތުގެ ބަޖެޓުގެ އިތުރުން ރައްޔިތުންނަށްވެސް ކުރާނެކަމަށް އެ ރިޕޯޓުގައި ދައުލަތަށްދީފައިވާ ލަފާގައި ހިމަނާފައިވެ އެވެ.

ސުވާދީބު ވައިބަރ ކޮމިއުނިޓީ ގުރޫޕަށް ޖޮއިން ވުމަށް ދައުވަތު އަރުވަމެވެ  މިލިންކަށް  ކްލިކް ކޮއްލައްވާ އެންމް ފަހުގެ ހަބަރު ލިބި ވަޑައިގަންނަވާނެ. ވީހާވެސ ގިނަ ބޭފުޅުން ވައިބަރ ކޮމިއުނިޓީ ގުރޫޕަށް ޖޮއިންވުމަކީ  ސުވާދީބު ވެބްސައޓް ޓީމަށް ލިބިގެންދާނެ ވަރަށްވެސް ރަގަޅު ހިތްވަރެކެވެ. ކިއުންތެރިންގެ ފަރާތުން އެއްބާރުލުން ދެއްވުން އެދެމެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އަނިލްގެ ލަފައެއް، ޒިންމާއެއް ވެސް ނެތް؟

ސުވާދީބު

ޕީޕީއެމްގެ ކުރިމަގު ކޮން ބޭފުޅަކަށް؟ މިއީ ބަހުސެއް ނޫން!

ސުވާދީބު

ރީތި މިސާލެއް، އޭނާ ހަދިޔާ ކުރީ ކިޑްނީ!

ސުވާދީބު