web analytics
ކަރެކުޝަން

އަނިޔާ އާއި ދެކޮޅު ސަރުކާރު ފުރަތަމަ ޓެސްޓުން ފެއިލް؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ އަނިޔާގެ ވާހަކަދައްކައިގެންނެވެ. ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަ އަކީ އެންމެ ހަރުއަޑުން ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކައެވެ.

“ތަރައްޤީ އޯކޭ” ނަމަވެސް ރައްޔިތުން ޔާމީންގެ ސަރުކާރަށް ނޫނެކޭ ބުނީ “އަނިޔާވެރިކަން” ގަބޫލު ނުކުރާތީއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރާސްލާފައި އަންނަމުން ދިޔަ ބޮޑު ތަރައްޤީ އާއި “ގޫގުލް ސްޕީޑްގައި” މައްޗަށް އުފުލިގެން ދިޔަ ދަރުމަވަންތަ ހޮސްޕިޓަލާއި “ޔާނު ސްޕީޑްގައި” ނިމިގެން ދިޔަ ސިނަމާލެ ބުރިޖު އެއީ “އަނިޔާވެރިކަމުގެ” ކުރިމަތީގައި މާބޮޑު އަގެއް ހުރި އެއްޗަކަށް ނުވިއެވެ.

ކޮންމެއަކަސް ޔާމީންގެ ސަރުކާރުން ކުރި ކޮންމެ ކަމެއް އެއީ “އަނިޔާއެއް” ކަމަށް ސިޔާސީ ބޭފުޅުން މެޖޯރިޓީ ރައްޔިތުންނަށް ވިސްނައިދީގެން އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ. ނަމަވެސް ސަރުކާރަށް އަނިޔާވެރިކަމުގެ ކުރިމަތީގައި އިންސާނިޔަތުކަން އިސްނުކުރެވި ފުރަތަމަ ޓެސްޓުން ވެސް މިވަނީ ފެއިލް ވެފައެވެ.

ޔާމީންގެ ފަސް އަހަރު ނިމިގެން ދިޔައިރު މާފުށީ ޖަލުގައި މިފަދަ ލާއިންސާނީ އަނިޔާތަކެއް ކުރި ޚަބަރެއްގެ އަޑެއް ނީވެއެވެ. އޭގެ ބަދަލުގައި އިވިގެން ދިޔައީ މާފުށީ ޖަލުގައި ތިބި ގައިދީން ޤާރީ ކޯސް ފުރިހަމަ ކުރާ ޚަބަރާއި އޯލެވެލް ފުރިހަމަ ކުރާ ޚަބަރާއި ތަފާތު މަސައްކަތްތައް ދަސްކޮށް އެމަސައްކަތްތައް ކުރާ ޚަބަރެވެ.

މިދިޔަ ބުރާސްފަތި ދުވަހަކީ މާފުށީ ޖަލުގައި ފަހަކަށް އައިސް އެންމެ ބޮޑު ލާއިންސާނީ އަމަލުތައް ހިންގި ދުވަހެވެ. ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ގައިދީންތަކަށް ވަރަށް ބޮޑެތި ލާއިންސާނީ އަނިޔާތައް ކޮށްފިއެވެ. އެކަމަށް ސަރުކާރުން ވެސް އިއުތިރާފުވެއެވެ. ގައިދީންނަށް އެކަށީގެންވާ އަވަސް މިނެއްގައި ބޭސްފަރުވާ ވެސް ފޯރުކޮށް ނުދިން ކަމަށް ސަރުކާރުން އިއުތިރާފުވެއެވެ.

“އަނިޔާ އާއި ދެކޮޅު” ސަރުކާރުގައި ޖަލުގައި ހިނގި ފުރަތަމަ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި އިންތިހާ ދަރަޖައަށް އަނިޔާވެރިކަން އިސްކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ޖަލުގައި އަނިޔާ ކުރުމަކީ ސަގާފީ ކަމެއް ކަމަށާއި ޖަލުގައި އަނިޔާ ކުރުން ބަލައިނުގަންނަ ކަމަށާއި ޖަލުގައި އަނިޔާ ކުރުން ކުރިއަށް އޮތްތަނުގައި ތަކުރާރު ނުވާނެ ކަމަށް ސަރުކާރުން ހަމައެކަނި ބުނުމަކުން މިމައްސަލައެއް ނުނިމޭނެއެވެ.

ބުރާސްފަތި ދުވަހަކީ އަނިޔާ އާއި ދެކޮޅު ސަރުކާރު ވެރިކަމާއި ހަވާލުވިތާ 215 ވަނަ ދުވަހެވެ. ނުވަތަ ހަތް މަހާއި ތިން ވަނަ އަށްވީ ދުވަހެވެ. ސުވާލަކީ އަނިޔާ ކުރުމުގެ ސަގާފަތެއް ޖަލުގައި އޮތް ކަމަށް ސަރުކާރުގެ ވެރިން ގަބޫލު ކުރައްވާއިރު، އެސަގާފަތް ނައްތާލަން ވޭތުވެގެން ދިޔަ ހަތް މަސް ދުވަހު ސަރުކާރަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ހޯމް މިނިސްޓަރަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ ކަރެކްޝަނަލް ސާވިސްގެ ވެރިންނަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟

ޖަލުގައި ގައިދީނަށް ދިން އަނިޔާތަކުގެ ވާހަކަ ސަރުކާރުން ހާމަ ކުރުން އެއީ ސަރުކާރުގެ ރަނގަޅު ކަން ކަމުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ވިދާޅުވެފައެވެ. ޖަލުގައި ގައިދީންނަށް އަނިޔާ ކުރި ވާހަކަ ހާމަ ކުރީ ސަރުކާރުން ނޫންކަމާއި، އެކަން ހާމަވެގެން ދިޔައީ މީސް މީޑިއާ އާއި އެހެން މީޑިއާތަކުގެ ސަބަބުން ކަމަށް މިނިސްޓަރު މަހްލޫފަށް އެނގިވަޑައި ނުގެންނެވީ ކަމަށް ވެދާނެއެވެ. މީޑިއާތަކުން ހާމަކުރި ބައެއް މައުލޫމާތުތައް އެއީ ދޮގު ކަމަށް ބުނެ ކަރެކްޝަނަލް ސާވިސް އިން އެތައް ފަހަރެއްގެ މަތިން ދޮގު ހެދިކަން ވެސް މިނިސްޓަރ މަހްލޫފަށް އެނގިވަޑައިނުގެންނެވުން ގާތެވެ.

ޙަޤީޤަތަކީ ޖަލުގައި ގައިދީންތަކަކަށް އަނިޔާ ކޮށް، ލާއިންސާނީ އަމަލުތައް ސިއްރު ކުރުމަކީ މިހާރު މާފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި 2003 ވަނަ އަހަރު ސެޕްޓެމްބަރ މަހު އީވާން ނަސީމް ޖަލުގައި މަރާލާ އަދި ޖެހިގެން އައި ދުވަހު ޖަލުގައި ބަޑި ޖަހާ އެތައް ބަޔަކު މަރާލި ހާދިސާ ވެސް އާއްމުންގެ ތެރެއަށް ފެތުރިގެން ދިޔައީ ސަރުކާރުން އެގޮތް ބޭނުން ވެގެންނެއް ނޫނެވެ. މިދިޔަ ހަފްތާގައި އަނެއްކާ ވެސް މާފުށީ ޖަލުގައި ގައިދީންނަށް ކުރި އަނިޔާތައް އާއްމުންނަށް އެނގުނީ ސަރުކާރުން އެކަން ކޮށްގެންނެއް ނޫނެވެ. އެކަން ކަރެކްޝަނަލް ސާވިސް އާއި ހޯމް މިނިސްޓްރީ އިން ކޮށްފައި ހުރި ޓްވީޓްތަކުން ރަނގަޅަށް ސާބިތުވާނެއެވެ.

މާފުށީ ޖަލުގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ގައިދީންނަށް ލާއިންސާނީ އަނިޔާތަަކެއް ކޮށްފިއެވެ. ގައިދީންގެ ކުރިމަތިފަރާތަށާއި، ފުރަގަސްފަރާތައް ޕެޕަ ސްޕްރޭ ޖަހައިފިއެވެ. އެއީ ފަހުގެ ތާރީޚެއްގައި އެންމެ ލާއިންސާނީ އަމަލުތައް ހިންގާފައިވާ އިރާޤުގެ އަބޫ ޤުރައިބު ޖަލުގައި އެމެރިކާ ސިފައިން ހިންގި ފަދަ ލާއިންސާނީ އަމަލެކެވެ. އެހެންކަމުން މިއީ މާފުށީ ޖަލު ބެލެހެއްޓުމާއި ހަވާލުވެ ތިބި ވެރިންނާއި، ކަރެކްޝަނަލް ސާވިސްގެ ވެރިން އަދި ކަރެކްޝަނަލް ސާވިސްގެ ބަލަދުވެރި މިނިސްޓަރު މަގާމުން ދުރުކުރަން ޖެހޭ ފަދަ ކަމެކެވެ. ސަރުކާރުން ހަޤީޤަތުގައި ވެސް “އަނިޔާ އާއި ދެކޮޅު” ކަން ސާބިތުވާނީ އޭރުންނެވެ.

އެބޭފުޅުން މަގާމުން ދުރުކުރަން ޖެހޭ ދެވަނަ ސަބަބަކީ މާފުށި ޖަލުގައި ބުރާސްފަތި ދުވަހު ހިންގި އަމަލުތަކަކީ 2003 ވަނަ އަހަރަށް ފަހު އެޖަލުގައި ހިންގި އެންމެ އަނިޔާވެރި އަމަލުތައް ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާތީއެވެ. އެފަދަ ކަމަކަށް ފުރުސަތު ފަހިވެފައި އޮތުން އެއީ މަގާމުގެ ޒިންމާ އަދާނުކުރެވުނު ކަމުގެ ހެއްކެކެވެ. ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ދެވަނަ ފުރުސަތު ދިނުން އެއީ ކަންކަން ގޯހުން ގޯހަށް ދާން މެދުވެރިވާ އެއް ސަބަބެވެ.

އެމްޑީޕީ އިން ކޮންމެ ފަހަރަކު ވެސް ވެރިކަމަށް އަންނަނީ އަނިޔާ އާއި ދެކޮޅަށް އަޑުއުފުލައިގެންނެވެ. ނަމަވެސް 2009 ވަނަ އަހަރު ވެސް އެމްޑީޕީގެ ވެރިކަމުގައި ފުލުހުންގެ ބަންދުގައި ތިބި ބައެއްގެ ބޯ ބާލުވާފައިވެއެވެ. އެމައްސަލަ އަށް ވެސް އިންސާފު ނުލިބި އެމްޑީޕީގެ ވެރިކަން އެފަހަރު ނިމިގެން ދިޔައީ އެވެ.

އެއްވެސް ވެރިކަމެއްގައި ޖަލުގައި ލާއިންސާނީ އަނިޔާ ކުރުން އެއީ ގޯހެކެވެ. އެކަން ކުރި މީހުންނާއި، އެކަމަށް މަގުފަހި ކުރުވި މީހުން ޖަވާބުދާރީ ކުރެވެން ޖެހޭނެއެވެ. އަނިޔާ އާއި ދެކޮޅު ވާހަކަ ހަމައެކަނި ދެއްކުމަކުން ނުފުދެއެވެ. އަނިޔާ އާއި ދެކޮޅު ކަން އަމަލުން ވެސް ދައްކުވައިދޭން އެބަޖެހެއެވެ.

ތާރީޚުން އިބުރަތް ލިބިގަނެ، މިވަގުތު ރައީސް ޞާލިހް މިވަނީ ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހިފައެވެ. ދެވަނަ ޓެސްޓެއް ކުރިމަތިވެ، އެޓެސްޓުން ފެއިލްވުމުގެ ކުރިން ފިޔަވަޅު ނާޅައިފިނަމަ ދެރަ ނަތީޖާ އަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މުނާޒްގެ މައްސަލައެއް އޭސީސީއަށް

ސުވާދީބު

ޓެގް އެޅުވުމަށް ފަހު އަދީބު ގެއަށް ބަދަލުކޮށްފި

ސުވާދީބު

ރައީސް މައާފު ނުދެއްވާ ގައިދީއަކު މިނިވަންކުރި މައްސަލައެއް ތަހުގިީގު ކުރަން އަންގަވައިފި

ސުވާދީބު