web analytics
ކަރެކުޝަން

މުނާޒް އިތުބާރު ނެތް “ގޮޅިއަަށް”!

މާފުށީ ޖަލުގައި ހުރި ގައިދީއަކު ގޮޅިން ނެރުނު ވަގުތު އެކަމާ ހިތްހަމަ ނުޖެހިގެން އޭނާ ޖަލު އޮފިސަރު ގައިގައި ޖަހަައިފި އެވެ. އޮފިސަރުންތައް ޖަލު ރެއިޑުކޮށް، ކަރުނަ ގޭސް ޖަހައި، ތަޅައި މަރަނީ އެވެ. މޫނުމައްޗަށް ހެސްކިޔާފައި ޕެޕާސްޕްރޭ ޖެހުމަށް ފަހު ބިޑި އަޅުވައި، އެ ދިލަތަކާއެކު ރަތްދަކަ އަތްވަށް ނެރެ ފިހެން ދޫކޮށްލަނީ އެވެ. މިހާރު ހުރިހާ ޖަލެއްގައި އޮތީ ހަޅުތާލެވެ، މިއީ މިދިޔަ ހަފުތާއެއްހާ ދުވަހު ހުއްޓުމެއް ނެތި ތޭރިތަކުގެ ތެރެއިން ބޭރަށް އިވުނު އަޑުތަކެވެ!

ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުށްވެރިންތައް ގެންގުޅޭ ޖަލުތަކަކީ ހަމަހިމޭންކަމާއި އަމާންކޮށް އޮންނަ ތަންތަނެއް ނޫނެވެ. ޖަލެއް ވެއްޖެއާ ހަލަބޮލި ވެސް ވާނެ އެވެ. ހަމަނުޖެހުންތައް ވެސް ހިނގާނެ އެވެ. ލަފާ މީހުނެއް ޖަލަކަށް ނުލާނެ އެވެ. އެކަމަކު މި ދުވަސްވަރު މާފުށީ ޖަލުގައި ހިނގައިގެން މި އުޅޭ ކަންކަން ހަމަޔަކަށް ނޭޅުވި އެހެން ޖަލުތަކާ ހަމައަށް ފޯރައިގެން މި އުޅެނީ މުޅީން އެހެން މައްސަލައެއް ދިމާވެގެނެވެ.

ޖަލު ހަމަނުޖެހުންތަކުގެ ވާހަކަ ސޯޝަލް މީޑިއާގައި ކެނޑި ނޭޅި އެކިއިރު އެކި ގޮތްގޮތައް ދައްކަމުން ދާއިރު ކަރެކްޝަނުން އޮތީ “ހައްޕު” ކިޔައިގެނެވެ. މި ހިނގާ ކަންކަމުގެ ތެދު ދޮގު ސާފުކޮށް ދިނުމުގެ ބަދަލުގައި މައުލޫމާތެއް ދޭން ފޯނު ހިއްލާލަން ވެސް ތައްޔާރެއް ނޫނެވެ. ކަރެކްޝަނަށް ވުރެ ގައިދީންގެ ފޯނުތަކުން ލިބޭ ކަވަރޭޖް މާ ރަނގަޅޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

މި ގޮތަށް ކަންކަން ފޮރުވައި މަކަރު ހަދައިގެން އުޅެންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟ އޭގެންވީ، އަދި ވާނެ ފައިދާއެއް އެބައޮތް ހެއްޔެވެ؟ އެތައް އާއިލާތަކަކާ ގުޅޭ ސެންސިޓިވް މައްސަލައެއްގައި ސޯޝަލް މީޑިއާގައި މީހުން ހިތު ހުރި ވާހަކައެއް ދައްކަން ދީފައި “އަތް އުރާލައިގެން” ތިބުމުން ވެރިޔާގެ މަގާމްގެ މައްސޫލިއްޔަތު އަދާ ކުރެވުނީ ހެއްޔެވެ؟

 މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވި ގައިދީއެއްގެ ހާލަތު ހޯމް މިނިސްޓަރު ބައްލަވަނީ — ފޮޓޯ: ހޯމް މިނިސްޓްރީ

މިކަމާ ހެދި ކަރެކްޝަންސްގެ ކޮމިޝަނާ އަބްދުﷲ މުއާޒްއަށް ސަރުކާރު ތެރެއިންނާއި ބޭރުން އައި ފިއްތުންތަކުން ރެކި ގަންނަން މިދިޔަ އާދީއްތަ ދުވަހު ނެރުނު ބަޔާން ވެގެން ދިޔައީ ކަރެކްޝަންސް އިތުރަށް ބެދި، “ގޮޅި” އަކަށް ފެތިގެން ދިޔަ ކަމަކަށެވެ.

އެ ބަޔާނުގައި ހުރި ވާހަކަތައް ފުލުހުން އަދި އިންސްޕެކްޓާ އޮފް ކަރެކްޝަންސް ވެސް ގަބޫލެއް ނުކުރައްވަ އެވެ. ބަދަލުގައި ދޮގު މައުލޫމާތު ދިން ކަމަށް ވިދާޅުވެ ކޮންބޮޑުވުން ފާޅު ކުރެއްވި އެވެ. އެފަހުން މުނާޒްގެ އިތުބާރު ނެތް ކަމަށް ބުނާ އަޑުތައް ވަނީ ގަދަވާން ފަށައިފަ އެވެ.

އެނގިފައިވާ ގޮތުގައި މައްސަލަ ހޫނު ވެގެން މި އުޅެނީ މުނާޒް ފުލުހުންނާއި އިންސްޕެކްޓާ ގެންގޮސް ނުބައި ދަނޑިވަޅެއްގައި ޖަލު ރެއިޑް ކޮށްލުމުންނެވެ.

މިދިއަ ހުކުރު ދުވަހު ހިނގި ކަމަކާ ހެދި ހަލަބޮލިވެފައިވާ ކަމާއި މި ދަނޑިވަޅުގައި ރެއިޑެއް ކުރުން ރަނގަޅެއް ނުވާނެ ކަމަށް ކަރެކްޝަންސްގެ ސީނިއާ އޮފިސަރުން މުނާޒަށް ލަފާ އެރުވި އެވެ. ނަމަވެސް އެއަށް މާ ބޮޑު ސަމާލު ކަމެއް ނުދެއްވާ ރެއިޑުކޮށްލުމުގެ ސަބަބުން ޖަލު ހަލަބޮލިވެ އެންމެ ފަހުން ޖެހުނީ ގޮޅިތަކަށް ވަދެ ގަދައަށް ޕެޕާ ސްޕްރޭ ޖަހައި މައިތިރި ކުރާށެވެ.

މުނާޒްގެ މައްސަލައެއް އޭސީސީއަށް

ގޮޅިތައް ރެއިޑު ކުރުމުން ޖަލު ހަލަބޮލި ވަނީ ކީއްވެތޯ ސުވާލު އުފެދިދާނެ އެވެ. — ޖަލު ރެއިޑު ކުރުމުން ގައިދީން އަތުން ގެއްލޭ ފޯނުތަކާއި އެ މީހުންނަށް އާދައިގެ ބައްތި ފޯނު 7000ރ. އާއި 10،000ރ. އާ ދެމެދުގެ އަގެއްގައި ޖަލު އޮފިސަރުން ވިއްކުމީ އަދި ރީލޯޑެއް ކޮށްލަން އެ އޮފިސަރުންނަށް ދައްކަން ޖެހޭ “ޓެކްސް” ގެ ވާހަކަ އެހެން ފަހަރަކުން ލިޔާނީ އެވެ.

މިގޮތަށް ޕެޕާ ސްޕްރޭ ޖަހައި ބައެއް ގައިދީން އަތްވަށް ނެރެ އަދަބު ދީގެން މައިތިރި އެއް ނުވި އެވެ. އޭގެ ފަހުން ކޮންމެ ދުވަހު ހަޅުތާލު ކުރިޔަށް އެބަދެ އެވެ. ހަޅުތާލުތައް ދަނީ އެހެން ޖަލުތަކަށް “ވާރުތަ” ކުރަމުންނެވެ.

އެހެން ނަމަވެސް ކަރެކްޝަންސް އިން ނެރުނު ބަޔާނުގައި އޮންނަނީ ގައިދީންތައް އޮފިސަރުން ގަޔަށް ކާއެއްޗެހި އުކާ ގޯނާ ކުރި ވާހަކަ އެވެ. އޮފިސަރުން “ކެތްތެރިކަމާއެކު ތިބީ” އެވެ. އަދި “ނަސޭހަތް ދޭން މަސައްކަތް ކުރީ” ކަމަށް އެ ބަޔާނުގައި ވެއެވެ.

ކަރެކްޝަންގެ ބަޔާނުގައި މީޑިއާއަށް އޮޅުވާލައި ދޮގު ހަދާފައި ހުރިކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ ސްޓޭޓްމަންޓުތަކުން ވަރަށް ސާފުވެ އެވެ. ސުވާލަކީ ފޮރުވައިގެން އޮޅުވާލައިގެން ކުރަން މި އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ އޭގެން ހާސިލްވާނެ ވަކި ރަނގަޅު ނަތީޖާއެއް އޮންނާނެ ހެއްޔެވެ؟

ކުޑަ އެންމެ މައްސަލައެއް ނޫން

ކަންބޮޑުވުންތައް އޮތީ ޖަލުތަކުގެ ހާލަތު މިހާ ބޮޑަށް ގޯސް ވެގެން އެކަންޏެއް ނޫނެވެ. މިކަންކަން ހިނގާފައި ވަނީ ޖަލު ބަލަހައްޓަން ހުންނެވި އިސްވެރިޔާއާ ގުޅޭ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ވެސް ފެންމަތިވެފައި ދަނޑިވަޅެއްގަ އެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފު ދެއްވަން ނިންމާފައިވާ ގައިދީއެއް ކަމަށް ބުނެ މައާފު ނުދޭ ގައިދީއެއްގެ އަދަބު ލުއިކޮށް އޭނާ ގެއަށް ފޮނުވައިލި ކަމަށް ބުނާ މައްސަލަ އެވެ.

އެ މައްސަލައަކީ އަމިއްލަ މަަންފާއަކަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ކުރެއްވި ކަމެއްކަމަށް ތުހުމަތު ކުރެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން އިން ވަނީ ތަހުގީގެއް ވެސް ފަށައިފަ އެވެ. އެ މައްސަލައިގެ ލިޔުންތަކުގައި މުނާޒް ސޮއި ކުރައްވާފައިވާއިރު ސުވާލު އުފެދެނީ އެވަރު ބޮޑު ކަމެއް އޭނާގެ އަތްދަށުން ދާންވީ ކީއްވެ ހެއްޔެވެ؟

ކޮރަޕްޝަަނަށް “ޒީރޯ ޓޮލަރެންސް” ގެ ސިޔާސަތުގެ ގެންގުޅޭ މި ސަރުކާރުގެ އެހާ މުހިންމު މަގާމެއްގައި ހުރި މީހެއްގެ އަމަލުތައް މިގޮތައް ހުރުމުން އިތުބާރު އެބައޮތްތޯ ސުވާލު އުފެދެ އެވެ. ހިނދުކޮޅަކަށް ވެސް އެ މަގާމުގައި ބަހައްޓަން ފެނޭ ހެއްޔެވެ؟

މި މައްސަލަތަކާ ހެދި މުނާޒަށް އިތުބާރު ގެއްލޭ ހިސާބަށް ވަނީ ގޮސްފަ އެވެ. އިއްޔެގެ ވަގުތެއްގައި އޭނާ ރައީސް އޮފީހަށް ވެސް ހާޒިރު ކުރި ކަމަށް ވެއެވެ. އަދި އެ ތުހުމަތުތަކާއި ޖަލުގެ މައްސަލާގައި ދޮގު މައުލޫމާތު ދެއްވި ކަމަށް ބެލެވޭ މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރި ކަމަށް ވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދަށް ގުޅުމުން އެކަން ދޮގެއްވެސް ނުކުރައްވަ އެވެ.

ޖަލުގައި ގަވައިދާ ހިލާފު އެތައް ކަމެއްކޮށް، އަނިޔާ ކުރި އޮފިސަރުންނަށް ޕްރޮމޯޝަން ދިން ކަމަށް ކުރީގެ ޕީޖީ މުހުތާޒް މުހުސިން ތުހުމަތު ކުރައްވަ އެވެ. މިކަމަކީ ވެސް އަޅައި ނުލާ ދޫކޮށްލެވޭނެ މައްސަލައެއް ނޫނެވެ. އަދި އެއީ މުހުތާޒް ހަމަ ދައްކާލި ސިޔާސީ ވާހަކައެއް ކަމަށް ވެސް ނުބެލެވެ އެވެ.

މި ސަރުކާރަކީ ޖަލު އިސްލާހު ކުރާނެ ބޮޑު ރިޔާސީ ވައުދަކާއެކު އައި ސަރުކާރެކެވެ. މި ސަރުކާރުން ޖަލުތައް އިސްލާހު ކުރަން ހެދި އޮޑިޓުން ގިނަ މައްސަލަތަކެއް ހައްލު ކުރަން އޮތީ ލަފާ ދީފަ އެވެ.

އޭގެ ތެރޭގައި ގައިދީން އެންމެ ބޮޑަށް މައްސަލަ ޖައްސާ ޖާގައިގެ ދަަތިކަމާއި ބޭސްފަރުވާ ފަދަ ހިދުމަތްތައް އެކަށީގެންވާ ވަރަށް ނުލިބުމާއި ތަފާތު ކުރުން ގެންގުޅުމާއި އާއިލީ ބައްދަލުވުންތަކާއި ޕެރޯލްގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

ޖުމުލަ 290 ސަފުހާގެ އެ ރިޕޯޓުގައި ހުރި ކަންކަން އިސްލާހު ކުރަން ފަށާފައިވާ ކަމަށް މުނާޒް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ ތެރެއިން އިސްލާހުކޮށްފައި ވަނީ ކޮން ކަމެއްކަން ނުވަތަ މިހާތަނަށް އައީ ކޮން ބަދަލެއް ކަމެއް ނޭނގެ އެވެ.

މީގެ 20 އަކަށް އަހަރު ކުރިން ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި މިއަދު މިއޮތް ހާލަތު އަޅައި ބަލާއިރު މާ ބޮޑު ތަފާތެއް އެބައޮތް ހެއްޔެވެ. އޭރު ވެސް އަދި މިހާރު ވެސް ދައްކަނީ އަނިޔާ ކުރުމާއި ހައްގުތައް ނުލިބޭ ވާހަކަ އެވެ. އަދި ވަކިން ހާއްސަކޮށް ކިތަންމެ ބޮޑު ކަމެއް ވިޔަސް، ފޮރުވާފައި ބާއްވާ މައްސަލަ އެވެ. ބަދަލުވަމުން އަންނަނީ މަގާމް ހިންގުމާ ހަވާލުވާ މީހުންނެވެ. އެކަމަކު ޖަލުތައް އިސްލާހު ހުކުރުމަކީ މި ސަރުކާރުގެ މުހިންމު މަސައްކަތެވެ. މިވަރުން އެކަންވޭ ހެއްޔެވެ؟

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދެ އަހަރަށް ފަހު, އާއިލާގެ ފަރާތުން ގައިދީންނަށް އަންނައުނު ފޮނުވޭ ގޮތް ހަމަޖައްސައިފި

ސުވާދީބު

އަނިޔާ އާއި ދެކޮޅު ސަރުކާރު ފުރަތަމަ ޓެސްޓުން ފެއިލް؟

ސުވާދީބު

މުނާޒްގެ މައްސަލައެއް އޭސީސީއަށް

ސުވާދީބު