ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ނ.ހޮޅުދޫ އަށް ބޯކޮށް ވާރޭވެހި، 30 ގެއަކަށް އެއްކޮށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ވަމުން އެބަ ދެއެވެ.
ރަށުގެ ހުރިހާ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު، ހިންދުމުގެ މަސައްކަތް ރަށުގެ ކުދި ބޮޑު އެންމެ ކުރަމުންދާއިރު، އެ މަސައްކަތަށް މާ ބޮޑު ކުރިއެރުމެއް އަދި ލިބިފައިނުވާ ކަމަށް އެރަށުން މަޢުލޫމާތު ދިން މީހަކު ބުންޏެވެ. އެހެންކަމުން، އެމްއެންޑީއެފް އާއި، ފުލުހުންގެ އެހީއަށް މިހާރު އެދިފައިވާ ކަމަށާއި، އެފަރާތްތަކުން މިހާރު އެ ރަށަށް ދަތުރު ކުރަމުން ދާ ކަމަށްވެސް އޭނާ ބުންޏެވެ.
ފެންހިންދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމަށްވާ، މޫސާ އިބްރާޙިމް “ވަގުތު” އަށް މަޢުލޫމާތު ދެމުން ބުނީ، ހޮޅުދޫ އަކީ އަބަދުވެސް ރަށުގެ ހުރިހާ މަގެއްގައިވެސް ފެން ބޮޑުވާ ރަށެއް ކަމަށާއި، ނަމަވެސް އަދި ދުވަހަކުވެސް މި ވަރަށް ފެން ބޮޑުވެފައި ނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ވަގުތު ތަކުގައިވެސް މިވަރަށް ވާރޭ ވެހޭނަމަ، ލިބޭ ގެއްލުންތައްވެސް ބޮޑު ވާނެ ކަމަށާއި، ވީ އެންމެ އަވަހަކަށް މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުން އެދި ސަރުކާރުގެ ކަމާއި ގުޅޭ ފަރާތްތަކުގެ ކިބައިން އާދޭހާއި އެކު އެދޭކަމަށްވެސް މޫސަ ބުންޏެވެ.
މިއަދު މުޅި ރާއްޖޭގެ މޫސުމަށް ބަލާލާއިރު، ދެކުނާއި މެދުތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެކެމަށް ލަފާކުރެވޭ ކަމަށާއި، އުތުރުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރާނޭ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރު އުުރާއި އިރުން ގަޑިއަކު 10 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭ ކަމަށް އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
އެހެން ކަމުން ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
Facebook Comments