ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ބޭންކް އެކައުންޓަށް 4.2 މިލިއަން ޔޫރޯ (72 މިލިއަން ދިވެހި ރުފިޔާ) ޖަމާކުރި ކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
ރައީސް ޞާލިހްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ އަންގާރަ ދުވަހުއެވެ. އެމައްސަލަ އޭސީސީއަށް ބަލައިގެންފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް “ވަގުތު” އަށް ވަނީ ލިބިފައެވެ.
މައްސަލަ ހުށަހެޅި ފަރާތުން “ޑީޕީ” އަށް މައުލޫމާތު ދެމުން ބުނީ އިބްރާހިމް މުހައްމަދު ޞާލިހް ނަމަކަށް ކިޔާ މީހެއްގެ އެކައުންޓަކަށް 4.2 މިލިއަން ޔޫރޯ ޖަމާކޮށްފައިވާ ކަމުގެ ލިޔުންތަކެއް ލިބިފައި ވާތީ އެމައްސަލަ އޭސީސީއަށް ހުށަހަޅާފައި ވާނެ ކަމަށެވެ.
“އިބްރާހިމް މުހައްމަދު ޞާލިހް ނަމަކަށް ކިޔާ މީހެއްގެ ބޭންކް އެކައުންޓަށް 4.2 މިލިއަން ޔޫރޯ ޖަމާކޮށްފައިވާ ކަމުގެ ލިޔުންތަކެއް ލިބިފައި ވާތީ އެލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، އެކަމާއި ގުޅިގެން އިތުރަށް ތަޙްޤީޤެއް ކުރަން ޖެހޭނަމަ އެކަން ކޮށްްދިނުން އެދި އޭސީސީ އަށް ވާނީ މައްސަލައެއް ހުށަހަޅާފައި.” މައްސަލަ ހުށަހެޅި ފަރާތުން ބުންޏެވެ.
ރައީސް ޞާލިހްގެ ބޭންކް އެކައުންޓަށް 72 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅާފައި ވާއިރު ރައީސް ޞާލިހާއި އެމަނިކުފާނުގެ ކޮއްކޮ ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މިހާރުގެ މެންބަރު އަލީ ނިޔާޒްގެ އެކައުންޓަށް ރިޔާސީ އިންތިޚާބުގެ ދުވަސް ވަރު ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ކަމަށް ވެސް އަޑުފެތުރުނެވެ. އެފައިސާ ޖަމާކުރީ މެލޭޝިއާގެ ބޭންކެއްގައި ދެބޭފުޅުން ހުޅުވާފައިވާ އެކައުންޓްތަކަކަށް ކަމަށް އޭރު ބައެއް ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
ރާއްޖެ އިން ބޭރުގެ ޖާސޫސީ އިދާރާ އަކުން އިދިކޮޅު އެމްޑީޕީ އަށް 376 މިލިއަން އެމެރިކާ ޑޮލަރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ދިން ކަމަށް ވެސް އެދުވަސްވަރު އަޑުފެތުރުނެވެ
Facebook Comments