web analytics
ރިޕޯޓް އިންޑިއާ

ރޮހިންޔާއާއެކު ހުންނެވި ނަޝީދަށް އިންޑިއާ މުސްލިމުން ހަމަ ފެންނަގޮތެއް ނުވި

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވަން ރާއްޖޭން ވަނީ ތެދުވެފަ އެވެ. ރޮހިންޔާގެ މުސްލިމުން ހިމާޔަތް ކުރަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިހަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދުއްހުލު ވާނެ ކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިއުލާން ކުރައްވައިފަ އެވެ.

އެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލު ވަކީލެއް ކަމަށްވާ އާމާލް ކްލޫނީ އެވެ. ސަރުކާރުގެ އެ ނިންމުމަށް ތާއީދުކޮށް ތައުރީފު ކުރެއްވި ބޭފުޅުންގެ ލިސްޓުގައި އެންމެ ކުރީގައި ހުންނެވީ ވެސް ރައީސް ނަޝީދެވެ.

“އަޅުގަނޑު ވަރަށް އުފާކުރަން ރޮހިންޔާ މުސްލިމުންގެ ހައްގުގައި ރާއްޖެއާއެކު އަމާލް ކްލޫނީ މަސައްކަތް ކުރައްވާތީ. ރަނގަޅު މުސްލިމުންގެ ހައިސިއްޔަތުން، ރާއްޖޭގެ ޒިންމާއެއް އެއީ ހާއްސަކޮށް އެންމެ ގާތުގައި ތިބި މުސްލިމު އަހުންނާއި އުހުތުންނަށް އެހީތެރިވުން،” މިދިޔަ މަހުގެ 28 ވަނަ ދުވަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފަ އެވެ.

ރާއްޖެއާ ކައިރީ މިއަންމާ، އިންޑިއާ އެއް ނޫން!

ރާއްޖެއާއި މިއަންމާއާދެމެދުގެ ދުރުމިނަކީ 3،280 ކިލޯމީޓަރެވެ. ރާއްޖެއާ އެންމެ ކައިރީގައި ތިބި މުސްލިމުންނަށް އެހީވުމަކީ ވާޖިބެއްކަމަށް ނަޝީދު ވިދާޅުވިއިރު ވެސް، ރާއްޖެއާ 2،142 ކިލޯމީޓަރު ދުރުގައި އޮތް ގައުމެއްގައި އެތަކެއް މުސްލިމުންނަކަށް ބަޔަކު ދިޔައީ އަނިޔާދީ މަރަމުންނެވެ.

ފެބްރުއަރީ 23 ވަނަ ދުވަހު އަވަށްޓެރި އަދި މިހާރު ރާއްޖެއާ އެންމެ ރަހުމަތްތެރި އިންޑިއާގެ ވެރިރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް ފެށުނެވެ. ފަހުގެ ތާރީހެއްގައި ދީނާ ގުޅުވައިގެން އިންޑިއާގައި ހިނގި އެންމެ ރަހުމްކުޑަ ހަމަނުޖެހުންތަކުގައި، 46 މުސްލިމަކު ވަނީ މަރާލައިފަ އެވެ. މުސްލިމުންގެ ގެދޮރާއި ވިޔަފާރިތައް ލޫޓުވާލައި އަންދާ އަޅިއަށް ހަދައިފައި ވެއެވެ. އެ ލާއިންސާނީ އަމަލުތައް ހިންގި މީހުނަށް ދިއްލީ ފުލުހުންގެ އިތުރުން ނަޝީދުގެ އަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަންކުރާ ބީޖޭޕީއިން ވާގިދީ، ހިތްވަރުދިން ކަމުގެ ތުހުމަތުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

 ބަންގްލަދޭޝްގެ ކޮްކްސް ބާރާރުގައިވާ ރެފިއުޖީ ކޭމްޕްގައި ރޯހިންޔާ ދަރިކޮޅުގެ އަންހެނަކާއި ބަލި ކުއްޖެއް. 

މިދިޔަ އަހަރުގެ މެއި މަހު އާ ދައުރަކަށް އިންތިހާބުވުމަށްފަހު މޯދީގެ ސަރުކާރުން ދަނީ ހިންދޫ ގައުމިއްޔަތެއް އިސް ކުރަމުންނެވެ. މުސްލިމުން ނޫން މީހުނަށް ރައްޔިތުކަން ލިބޭ ގޮތަށް ގާނޫނެއް ވަނީ ފާސްކޮށްފަ އެވެ. މުސްލިމުންގެ އާބާދީ ބޮޑު ޖައްމު-ކަޝްމީރުގެ ހާއްސަ އިމްތިޔާޒުތައް އުވާލައި، އެތަން އެކީގައިހެން ވަނީ ބަންދުކޮށްފަ އެވެ. ހިންދޫން ނުކުމެ 1992 ވަނަ އަހަރު ތަޅައި ސުންނާފަތިކޮށްފައިވާ އާސާރީ މިސްކިތެއް ހުރި ބިމުގައި ފައްޅިއެއް އެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ވަރުން ނުވެގެން އިންޑިއާގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ހިންދޫންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމުގެ މަސައްކަތް ބީޖޭޕީ އަޑީގައި އޮވެގެން ދަނީ ކުރަމުންނެވެ.

އިންޑިއާގެ މުސްލިމުން ފެންނަ ކަމަކަށް ނުވި!

އިންޑިއާގެ މުސްލިމުން ވެއްޓިފައިވާ ބިރުވެރި ހާލަތެއް ދިވެހި ސަރުކާރަކަށް ވެސް ފެންނަ ކަމަކަށް ނުހަދަ އެވެ. އެތަކެއް މުސްލިމުންނެއް އެ ހަމަލާތަކުގެ ބިރަށް ގެދޮރު ދޫކުރަން މަޖޫބުރުވެފައިވާއިރު، ދިވެހި ސަރުކާރުން ބުނަމުންދަނީ އެއީ ދާހިލީ ކަމެކޭ އެވެ.

 ފަހުގެ ތާރީހެއްގައި ދީނާ ގުޅުވައިގެން އިންޑިއާގައި ހިނގި އެންމެ ރަހުމްކުޑަ ހަމަނުޖެހުންތަކުގައި، 46 މުސްލިމަކު ވަނީ މަރާލައިފަ އެވެ.  

ރޮހިންޔާ މުސްލިމުންގެ ހައްގުގައި ރާއްޖެ ތެދުވުމާއެކު، ނަޝީދު ކުރެއްވި ތައުރީފާމެދު ސުވާލު އުފައްދަވައި، ކަންބޮޑުވުން ފާޅު ކުރެއްވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިނެވެ. ނަޝީދުގެ ޓްވީޓަށް ރައްދު ދެއްވައި އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ހާލަތަށް ވެސް ރާއްޖޭން ސަމާލުކަން ދޭންޖެހޭއޭ އެވެ.

“ވަރަށް ގިނަ ގޮތްގޮތުން އިންޑިއާ ރާއްޖެއާ މާ ގާތް. އެހެންވީމާ އެކަމާ ކަންބޮޑުވުންފާޅު ނުކުރެވޭންވީ ސަބަބެއް ނެތް،” އެއް ކަމެއްގައި ސަރުކާރުން ގެންގުޅުނުޖ ތަފާތު ކުރުމުގެ ވިސްނުމަށް ރައްދުދެއްވަމުން އަލީ ވިދާޅުވެފައިވެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެންބަރެއްގެ ގޮތުގައި ހުންނަވާ އަލީ ފާޅުކުރެއްވި ކަންބޮޑުވުމަށް އިންޑިއާގެ މީޑިއާގެ ސަމާލުކަން ވެސް ވަނީ ލިބިފަ އެވެ. އެ ޓްވީޓަށް ފަހު އިންޑިއާގެ ނޫހަކަށް އަލީ އިތުރަށް ވިދާޅުވި ގޮތުގައި ވަކި ބަޔަކަށް ވީތީ އިންސާފަށް މަސައްކަތް ނުކޮށް ރާއްޖެ އޮވެގެން ނުވާނެ އެވެ.

އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ސަރުކާރު އިސްވެ އަޅަމުންދާ ފިޔަވަޅުތަކަށް އިޝާރާތްކުރައްވަމުން ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަލީ ވިދާޅުވި ގޮތުގައި އެ ފިޔަވަޅުތަކަކީ މުސްލިމުންނަށް ތަފާތުކުރުމުގެ އިތުރުން އެމީހުން ނިކަމެތި ވެގެންދާ ކަމެކެވެ.

 އަލީ ހުސެއިން ކޮމެޓީގައި ވާހަކަ ދައްކަވަނީ —

“އޭގެ އިތުރުން، ދިއްލީގައި ހަމަނުޖެހުންތަކާ ގުޅިގެން އެ ސިޓީގެ ފުލުހުންނާމެދު ސުވާލު އުފެއްދެވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ސީނިއާ ފަނޑިޔާރަކު ޓްރާންސްފާ ކުރުމުން، އިންޑިއާގެ ޖުޑީޝަރީގެ މިނިވަންކަމާމެދު ވެސް މިހާރު ވަރަށް ބޮޑަށް ސުވާލު އުފެދޭ،” އަލީ އިތުރަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާއަކީ ރާއްޖޭގެ ގާތް އެކުވެރިއަކަށްވީތީ، ހުރިހާ ރައްޔިތުންނަށް ހަމަކަމާއި އިންސާފާއެކު އަމަލުކުރުމަށް އެދުމަކީ ދިވެހިންގެ ވާޖިބެކެވެ.

އަލީގެ ވާހަކަތަކާ ގުޅިގެން ދަ ހިންދޫން ކުރި ސުވާލުތަކަށް ރައީސް ނަޝީދު ވެސް ވަނީ ފޯނު ޖަވާބު ދެއްވައިފަ އެވެ. އިންޑިއާގެ ހަމަނުޖެހުންތައް ނަޝީދު ސިފަކުރެއްވީ ހައްދުފަހަނަ އަޅާފައިވާ ބަޔަކު ހިންގި އަމަލެއްގެ ގޮތުގަ އެވެ. އަދި އިންޑިއާގެ ފުރިހަމަ ޑިމޮކްރަސީ އާއި ގާނޫނު ހިންގުމުގެ ބާރުގެ ތެރެއިން އެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ނަޝީދު ތަކުރާރު ކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ދީނީ ގޮތުން ހައްދުފަހަނަ އެޅުމާއި، އެހެން ފިކުރުތަކަށް ޖާގަ ނުދިނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިޔާސީ މައިދާނުން ފެންނަމުންދާ “ހިތާމަވެރި” ހަގީގަތެކެވެ.

 ނިއު ދިއްލީގައި ހިނގި ހަމަނުޖެހުންތަކުގައި ހުޅުޖެހި އިމާރާތެއް އަނދާ އަޅިއަށްވެފައި.

“މިއީކީ ނަސްލާއި ދީނާ ގުޅުން ހުރި ކަމެއް ނޫން. މި ދައްކަނީ ނުހައްގުން އެހެން އިންސާނުންނަށް އަނިޔާދޭ ވާހަކަ. މިކަމުގެ ތެރެއަށް ދީން ވެއްދުމުން މައްސަލަ އިތުރަށް ގޯސްވޭ،” ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ ދަތުރުކުރަނީ މިއަންމާ ހިނގި މަގުން

މިއަންމާ އިން 1982 ވަނަ އަހަރު ރަށްވެހިކަމުގެ ގާނޫނެއް ފާސްކުރި އެވެ. އޭރު އެކުލަވާލި ގާނޫނުގެ ދަށުން ރަށްވެހިކަން ލިބޭ ނަސްލުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އެތައް ޒަމާނެއް ކުރިން ބަންގްލަދޭޝުން ހިޖުރަކޮށްފައި ތިބި ރޮހިންޔާ މުސްލިމުން ނުހިމަނަ އެވެ. ރޮހިންޔާ މީހުންނަށް ލާޒިމުކުރީ 1948 ވަނަ އަހަރު މިނިވަކަން ލިބުމުގެ ކުރިން އެ މީހުންގެ ކާބަފައިން ގައުމުގައި ތިބި ކަމުގެ ހެކި ދެއްކުމަށެވެ.

ނަމަވެސް، ގިނަ ބަޔަކަށް އެކަން ކުރެވޭނެ ގޮތެއްނެތި، ބޮޑެތި ފިއްތުންތަކާއި އުނދަގުލުގައި އެމީހުން މިޔަންމާގައި ތިބީ އެވެ. އެތައް ޒަމާނެއް ވަންދެން އެކި އަނިޔާތައް ދެމުން އައިސް 2017 ވަނަ އަހަރު 700،000 އަށް ވުރެ ގިނަ ރޮހިންޔާ މުސްލިމުން އެމީހުންގެ ގެދޮރުން ގަދަކަމުން ނެރެ ބަންގްލަދޭޝަށް ދިޔުމަށް މަޖުބޫރު ކުރުވީ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާ އިން ފާސް ކޮށްފައި ވަނީ ދާދި އެއްގޮތަކަށް އެކުލަވާލައިފާ ގާނޫނެކެވެ. އޭގައިވާ ގޮތުން، އަވަށްޓެރި ޕާކިސްތާނާއި، ބަންގްލަދޭޝް އަދި އަފްގާނިސްތާނު ފަދަ ގައުމުތަކުން 2014 ވަނަ އަހަރުގެ ކުރިން އިންޑިއާއަށް ހިޖުރަ ކޮށްފައިވާ މުސްލިމުން ނޫން އެހެން ދީންތަކުގެ މީހުނަށް އިންޑިއާގެ ރަށްވެހިކަން ފަސޭހައިން ލިބޭނެ އެވެ. މިއަންމާ އިން ރޮހިންޔާ މުސްލިމުންނަށް ކުރި ޝަރުތު އިންޑިއާ ސަރުކާރުން ވެސް ވަނީ ކުރިމަތި ކުރުވައިފަ އެވެ. އަވަށްޓެރި ގައުމުތަކުން އިންޑިއާއަށް ހިޖުރަކޮށްފައިވާ މުސްލިމުންނަށް އިންޑިއާ އަށް މިނިވަކަން ލިބުމުގެ ކުރިން، އެ މީހުންގެ ކާބަފައިން ގައުމުގައި ތިބި ކަމުގެ ހެކި ދައްކަން ވަނީ ލާޒިމުކޮށްފަ އެވެ.

މީގެ ތިން އަހަރު ކުރިން ރޮހިންޔާ މުސްލިމުން ނެރެ ފައްސާލަން މިއަންމާ ސިފައިން ބޮޑެތި ޖަރީމާތައް ހިންގައިފައި ވެއެވެ. އެތައް މުސްލިމުންނެއް މަރައި، އެ ނަސްލު އެކީގައި ނައްތާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުތައް އަދިވެސް ދަނީ ކުރަމުންނެވެ.

އިންޑިއާގައިވެ ސް ފެންނަމުންދަނީ މިއަންމާގެ މާޒީ ތަކުރާރުވާ މަންޒަރެވެ. އާ ގާނޫނާ ދެކޮޅަށް ޖައްމު އަދި ކަޝްމީރުގައި ނުކުތް މުސްލިމުންނަށް އިންޑިއާ ސިފައިން ބޮޑެތި އަނިޔާތައް ދިންކަމަށް ދުނިޔޭގެ ހައްގުތަކާބެހޭ ޖަމިއްޔާތަކުން ތުހުމަތު ކުރެ އެވެ.

އެކަމާ ދެކޮޅަށް އަޑުއުފުލައި، އެންމެ ފަހުން ވެރިރަށުގައި މަގުތަކަށް ނުކުތް މުސްލިމުންނަށް ހަމަލާދީ، އެމީހުންގެ ތަކެއްޗަށާއި މުދަލަށް ގެއްލުންދީފަ އެވެ. އެ ހަމަނުޖެހުންތައް ހުއްޓުވަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާއިރު، ހަމަލާތައް ހުއްޓުވުމުގައި ބަދަލުގައި ހަމަލާތައް ދެމުންދިޔަ މީހުނަށް ފުލުހުން ހިތްވަރުދޭ ވީޑިއޯތައްވެސް ވަނީ އާއްމުވެފަ އެވެ.

 ރައީސް ނަޝީދާއި އެމަނިކުފާނުގެ ގާނޫނީ ވަކީލް އަމާލް ކްލޫނީ –

އެކަމަކު ދިވެހި ސަރުކާރަށް އެއީ އިންޑިއާގެ ދާހިލީ ކަމެކެވެ. ނަޝީދު ވިދާޅުވަނީ އެއީ ދީނާ ގުޅޭ ކަމެއް ނޫނޭ އެވެ. އެހެން ހުރިހާ މުސްލިމު ގައުމުތަކާ ދެކޮޅުވާން ޖެހުނަސް ރާއްޖެއަށް ފަރުވާލެއް ނެތެވެ. ސަރުކާރު ހިންގާ ޕާޓީތަކުގެ އެކްޓިވިސްޓުންނަށް ސިޔާސީ މަގާމުތައް ދެމުންދާ އުސޫލުން، ނަޝީދު ވަކީލުކަން ކުރެއްވި ބޭފުޅަކަށް ކޮންމެ ގަޑިއިރަކަށް 30،000.00 ރުފިޔާ ފީއެއް ދޭ ގޮތަށް ހެދުމުން، އެއީ ސަރުކާރު ގެންނަން މަސައްކަތްކުރީތީ ދޭ “އިނާމެ”ކޭ ބުނުމުގެ ޖާގަ ލިބެނީ އެހެން ވެގެނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ނަޝީދުގެ ސަބަބުން މަޖިލިހުގައި އިބޫގެ ސަރުކާރަށާއި އެމްޑީޕީއަށް ނިކަމެތިކަން!

ސުވާދީބު

ސުނާމީގައި އެހީތެރިޔަކަށް، މިހާރު ވެރިޔަކަށް!

ސުވާދީބު

ސަރުކާރު ހިންގުން ލަސް، ތަރައްގީ އަށް ފުރޮޅި ގާކޮޅެއް ނެތް: ޝިޔާމް

ސުވާދީބު