web analytics
އިންޑިއާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

އިންޑިޔާގެ ޢަސްކަރީ މަރުކަޒެއް ނެތި، އިންޑިޔާގެ ޢަސްކަރީ ބާރު ރާއްޖޭގައި؟

އިންޑިޔާގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އިންޑިޔާއިން އިންޑިޔާގެ ވަށައިގެންވާ އަވައްޓެރި ޤައުމުތަކާމެދު ގެންގުޅޭ ޚާރިޖީ ސިޔާސަތު ބިނޭވެފައި އޮންނަނީ އެޤައުމުތަކުގެ މައްޗަށް އިންޑިޔާގެ ނުފޫޒު ދެމެހެއްޓުމުގެ މައްޗަށް ކަމުގައެވެ. 1982ވަނަ އަހަރު ތައްޔާރުކޮށްފައިވާ މިރިޕޯޓުގައި ބުނެފައިވަނީ އިންޑިޔާއިން ބޭނުންވަނީ މިސަރަހައްދުގެ މައްޗަށް އިންޑިޔާގެ ފުރިހަމަ ބާރު ދަމަހައްޓައި މިސަރަހައްދު އިންޑިޔާގެ އަތް މަތީގައި ބޭއްވުމަށް ކަމުގައެވެ. އަދި އޭގެ އިތުރުން މިރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޑިޔާ 1947ވަނަ އަހަރުގައި މިނިވަންވުމަށްފަހު އެޤައުމުގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައިވަނީ އެޤައުމުގެ އަވައްޓެރިންގެ މައްޗަށް ނުފޫޒު ފޯރުވޭނެ ގޮތްތަކެއް ތަރުތީބުކޮށް ސަރަހައްދީ “ހެޖޮމޯން” ނުވަތަ ފުރިހަމަ ބާރުގެ ގޮތުގައި ދެމި އޮތުމުގެ މައްޗަށް ކަމުގައެވެ. އަދި މިކަމުގައި އަވައްޓެރި ޤައުމުތަކުގައި އިންޑިޔާގެ ޢަސްކަރީ އަސަރުތައް ޤާއިމުކުރުމަށް އިސްކަންދީފައިވާ ކަމުގައިވެސް މިރިޕޯޓުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖެއާއި އިންޑިޔާގެ މެދުގައި އޮންނަ ތާރީޚީ ދުވަސްވީ ގުޅުމަކީ އެގުޅުމާމެދު އަޅުގަނޑުމެންނަށް އިންކާރުކުރަން ދަތި ގުޅުމެއް ކަމުގައިވީނަމަވެސް އިންޑިޔާއިން ދިވެހިރާއްޖޭގެ މައްޗަށް ނުފޫޒުފޯރުވަން މަސައްކަތްކޮށްފައިވާ ކަމުގެ އަދި ކުރަމުންގެންދާކަމުގެ ތުހުމަތަކީ އިހުގައިވެސް އަދި މިހާރުވެސެ ކުރެވޭ ތުހުމަތެކެވެ. މިތުހުމަތުތަކަށް ބާރުލިބެނީ ދިވެހިރާއްޖޭގެ ކުރީގެ ޚާރިޖީވަޒީރު އަލްއުސްތާޛު ފަތުޙުﷲ ޖަމީލު އދ.ގައި ދެއްވި ތަޤުރީރެއްގައި ނޮވެމްބަރު 3ގެ ޢުދުވާނީ ހަމަލާއާ ގުޅިގެން އެހީތެރިވުމަށް ރާއްޖެއައި އިންޑިޔާ ސިފައިން ރާއްޖެއިން ނުފައިބައިގެން އެކަމާ ދެކޮޅު ހައްދަވައި، އެކަމަށް އިޝާރާތްކުރައްވައި އޭނާ ދެއްވި ތަޤުރީރަކުންނެވެ. އެތަޤުރީރުގައި އަވައްޓެރި ބޮޑެތި ޤައުމުތަކުން ކުދި ޤައުމުތަކަށް ދަތިކަމުގެ ޙާލަތުގައި އެހީތެރިވެދިނުމަށް ޝުކުރުއަދާކުރައްވާ ކަމުގައާއި ނަމަވެސް އެފަދައިން އެހީ ބޭނުންވާ ހާލަތްތަކުގެ ނާޖާއިޒު ފައިދާ ބޮޑެތި ދައުލަތްތަކުން ނަގާ ކަމުގައާއި ސިޔާދީ ބާރުގައި ކުދި ޤައުމުތަކާ ބޮޑެތި ޤައުމުތައް ހަމަހަމަނުވާ ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

މިހުރިހައި ވާހަކައެއް މިފަދައިން ދަންނަވާލަން ޖެހުނީ އިންޑިޔާއާއި ދިވެހިރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުން، އިންޑިޔާގެ މައްޗަށް ދިވެހި ދައުލަތުން ބަރޯސާވާ މިންވަރު އިތުރުވަމުންދާތީއެވެ. އެކަމާމެދު ފުންކޮށް ވިސްނައިލަން ޖެހިފައިވާ ކަމުގައި އަޅުގަނޑުގެ ޟަމީރު ޤަބޫލުކުރާތީއެވެ. އަދި އިންޑިޔާއިން ދިވެހިރާއްޖޭގައި ޢަސްކަރީ މަރުކަޒެއް ޤާއިމުކުރަން އުޅޭ ކަމުގެ އަޑުތައް އެކި ދިމާލުން ތިލަވަމުންދާތީއެވެ. ނަމަވެސް ޤާނޫނު އަސާސީއިން އެފަދަ ކަމެއް ކުރުމަށް ވަރަށް ގިނަ ހުރަސްތައް ކުރިމަތިކުރުވާފައިވެއެވެ. ރައްޔިތުން މަޖިލިހުގެ ހުރިހާ މެންބަރުންގެ އެއްބަސްވުމަކުން ނޫނީ ދިވެހިރާއްޖޭގައި ބޭރުގެ ޢަސްކަރީ މަރުކަޒެއް ޤާއިމެއް ނުކުރެވޭނެއެވެ. އެހެންކަމުން މިއަދުގެ ސަރުކާރުން އަދި އެކަންކުރަން ބޭނުންވިޔަސް އެކަން ވާކަށް ނެތެވެ. ޤާނޫނު އަސާސީގެ 251ވަނަ މާއްދާގެ ނ. މިއަދު ލިޔެވިފައި އޮތް ގޮތަށް އޮއްވައި އެކަން ނުވާނެއެވެ. ނަމަވެސް ރާއްޖޭގައި ޢަސްކަރީ ފަރާތްތައް ތިބުން ޤާނޫނު އަސާސީއިން މަނައެއް ނުކުރެއެވެ. އެކި ނަންނަމުގައި އެފަދަ ފަރާތްތައް ތިބޭ ތިބުމަކަށް މަޖިލިހުގެ ރުހުމެއްވެސް ބޭނުންނުވެއެވެ.

އިންޑިޔާއިން ދިވެހިރާއްޖެއަށް “ހަދިޔާކޮށްފައި” އޮންނަ ދެހެލިކަޕްޓަރުގެ ވާހަކަޔަކީ ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. މިހެލިކަޕްޓަރުތަކުގެ ތެރެއިން ފުރަތަމަ ހެލިކަޕްޓަރު ހަދިޔާކޮށްފައިވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް ނަޝީދުގެ ދައުރުގައެވެ. އެހެލިކަޕްޓަރު ބޭނުންކުރުމުގައި ދިވެހި ސިފައިންގެ ދައުރެއް ނޯންނާތީ އެހެލިކަޕްޓަރުތައް އަނބުރައި ގެންދިއުމަށް 2018ވަނަ އަހަރުގައި ދިވެހި ސަރުކާރުން އެދިފައިވެއެވެ. ނަމަވެސް އެކަމެއް އެގޮތަކަށް އިންޑިޔާއިން ނުކުރިއެވެ. ހެލިކަޕްޓަރާއި އެއާ ހަވާލުވެގެން އައިސްތިބި ދޮޅަހަކަށް އިންޑިޔާ ސިފައިން އަދިވެސް ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އެއަހަރު ތެރޭގައި ހެލިކަޕްޓަރު އަނބުރައި ގެންދިޔުމަށް އެދުނު ސަރުކާރު ބަދަލުވެއްޖެއެވެ. އައު ސަރުކާރެއް ވުޖޫދަށް އައިސްފިއެވެ. އިންޑިޔާއިން ޞިފަކުރާ ގޮތުގައި އިންޑިޔާއާ އެކުވެރި ސަރުކާރެކެވެ. ފެންނަ ގޮތުގައި އިންޑިޔާއަށް ބަރޯސާވުން ބޮޑު ސަރުކާރެއްވެސްމެއެވެ. އިންޑިޔާގެ މާލީ އެހީއަކީ ސަރުކާރުގެ ގިނަ މަޝްރޫޢުތަކަކަށް ފައިނޭންސްކޮށް ފައިސާ ހަމަޖައްސާ ގޮތް ކަމުގައިވެއްޖެއެވެ.

ހެލިކަޕްޓަރުގެ ވާހަކަ ވިސްނުންފުޅުގައި ބަހައްޓަވަމުން އެހެން މުހިއްމު ބައެއް ނުކުތާތަކަށް އަލިއަޅުވައިލަމާތޯއެވެ؟ 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭރުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ސިޔާސީ ގޮތުން ޤައުމު ވަރަށް ބޮޑަށް ހަލަބޮލިވިއެވެ. އެދުވަސްވަރު އައިރިޝް ޓައިމްސްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި އިންޑިޔާގެ މަތީ ފެންވަރުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ އިންޑިޔާގެ ސްޕެޝަލް ފޯސަސްއާއި ވައިގެ ސިފައިންނާއި ކަނޑުމަތީ ލަޝްކަރު އޮތީ ދިވެހިރާއްޖެއަށް ތަދައްޚުލުކޮށް ޤައުމުގައި ނިޒާމު ޤާއިމުކުރުމަށް ތައްޔާރަށް ކަމުގައެވެ. އޭގެ މަސްތަކެއް ފަހުން އެޤައުމުގައި ވެރިކަންކުރާ ބީޖޭޕީގެ މެންބަރެއް އަދި އެޤައުމުގެ ބަރުލަމާނުގެ މެންބަރެއް ކަމުގައިވާ ސުބްރަމާނިއަން ސުވާމީ ވިދާޅުވެފައިވަނީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވާލައިފިނަމަ، އިންޑިޔާއިން ރާއްޖެ އިސްތިޢުމާރުކުރަން ޖެހޭ ކަމުގައެވެ. އިންތިޚާބު އޮޅުވައިލުންކަމުގައި އިންޑިޔާއިން ޤަބޫލުކުރާނީ އިންޑިޔާ ރުހޭ ނަތީޖާ ނޫން އެހެން ނަތީޖާއެއް އިންތިޚާބުން ނުކުތުން ކަމުގައި ވަރަށް ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ. މިޤަބޫލުކުރުމަށް ސީއައިއޭގެ ރިޕޯޓުންވެސް ބާރުލިބެއެވެ.

އިންޑިޔާއިން ދިވެހިރާއްޖެއަށް ހުށަހަޅާފައިވާ 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނު ފެސިލިޓީއާ ވަރަށް އެއްގޮތް ހުށަހެޅުމެއް ސީޝެލްސަށް އިންޑިޔާއިން ހުށަހެޅިއެވެ. އެޤައުމަށްވެސް 100 މިލިއަން ޑޮލަރު ދިނުމަށެވެ. ޝަރުޠަކީ އެޤައުމުގެ ބޭރުވަރީގައި އޮންނަ އެސަމްޝަން އައިލެންޑު ނަމަކަށް ކިޔުނު ރަށް އިންޑިޔާގެ ޢަސްކަރީ މަރުކަޒެއް ޤާއިމުކުރުމަށް ދިނުމެވެ. ނަމަވެސް ސީޝަލްސަށް ހުށަހެޅި ހުށަހެޅުން ރާއްޖެއަށް ހުށަނާޅަފާނެއެވެ. ރާއްޖޭގެ ޤާނޫނުއަސާސީ އޮތް ގޮތުން އެހާ ފަސޭހައިން ޢަސްކަރީ މަރުކަޒެއް ރާއްޖޭގައި ޤާއިމުކުރެވެން ނެތްކަން އިންޑިޔާއަށްވެސް އެނގޭނެއެވެ.

އެހެންނަމަވެސް އިންޑިޔާގެ ޢަސްކަރީ މަރުކަޒެއް ނެތި ދިވެހިރާއްޖޭގައި އިންޑިޔާގެ ޢަސްކަރިއްޔާއަށް ނިސްބަތްވާ ލަޝްކަރީން ތިބޭ މިންވަރު ގިނަކުރެވޭނެ ލައްކަ ގޮތް ފެންނާން އެބަ ހުއްޓެވެ. ބޫޓާނު މިސާލަކަށް ބައްލަވާށެވެ. ބޫޓާނަކީ ހިމާލިޔާ ސަރަހައްދުގައި އޮންނަ ކުޑަކުޑަ ޟަޢީފު ބަލިކަށި ޤައުމެކެވެ. 1949ވަނަ އަހަރުގައި ބޫޓާނާއި އިންޑިޔާގެ މެދުގައި އެކުވެރިކަމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މިއެއްބަސްވުމުގެ ދަށުން އިންޑިޔާގެ އިރުޝާދާއެކު ޚާރިޖީ ސިޔާސަތު ހިންގުމަށް ބޫޓާނުން އެއްބަސްވިއެވެ. އަދި ބޭރާ ގުޅުންހުރި ކަންކަމާއި ސަލާމަތީ ކަންކަން ކުރިއަށް ގެންދާނީ އިންޑިޔާގެ ލަފާއާއި އިރުޝާދުގެ މަތިން ކަމުގައިވެސް ބޫޓާނުން ނިންމިއެވެ. މިވަގުތު ބޫޓާނުގައި އިންޑިޔާގެ ޢަސްކަރީ ތަމްރީނު ޓީމެއް ހަރަކާތްތެރިވަމުންދެއެވެ. ދާއިމީ ޞިފައެއްގައެވެ.

1961ވަނަ އަހަރު ފަހުން އިންޑިޔާގެ ޢަސްކަރިއްޔާގެ އިންޖިނިއަރުންގެ ޑިޕާޓުމެންޓުން، ބޫޓާނުގައި ޑާންޓަކް DANTAK ނަމުގައި މަޝްރޫޢެއް ހިންގަމުންދެއެވެ. ބޫޓާނުގެ ބޮޑެތި މަގުތައް ހެދުމާއި، ވައިގެ ބަދަރުތައް ތަރައްޤީކުރުން ފަދަ އެތައް ކަމެއް މިޓީމުން ކުރެއެވެ. މިވެސް އިންޑިޔާގެ ޢަސްކަރިއްޔާގެ ބައެކެވެ. ބޫޓާނު ރައްޔިތުންގެ އިޤުތިޞާދީ ބޭނުންތައް ޙާޞިލުކުރުމުގައި މިބައިމީހުން ކޮންމެވެސް މިންވަރަކަށް އެހީތެރިވީނަމަވެސް، ބޫޓާނުގައި މިޢަސްކަރީން ދެމިތިބުމުގެ ޙަޤީޤީ ބޭނުމަކީ އިންޑިޔާގެ އިސްތިރާޖީ މަޞްލަޙަތުތައް ދިފާޢުކުރުމެވެ.

މިދެންނެވުނު ބާވަތުގެ ކަންތައްގަނޑެއް ރައީސް ނަޝީދުގެ ވެރިކަމުގައި އެއްބަސްވި އެއްބަސްވުމެއްގެ ތެރެއިން ކުރެވޭ ކަމުގައި ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އަޅުގަނޑު މިއިޝާރާތްކުރަނީ އިންޑިޔާއިން އައްޑޫގައި ޤާއިމުކުރަމުންދާ ފުލުހުން ތަމްރީނުކުރާ އެކަޑަމީއަށެވެ. އެތަނުގައި ހުރިހާ މަސައްކަތެއް ކުރަމުންދަނީ އިންޑިޔާ ފަރާތްތަކުން ކަމުގައި ވަރަށް މުޢުތަބަރު މަޞްދަރުތަކުން އަޅުގަނޑުމެންނަށް ކަށަވަރުވެފައިވެއެވެ. ކުރީގެ ރައީސް، ރައީސް ޔާމީނުގެ ވެރިކަމުގައި މިތަނުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު މިހާރު އަނެއްކާވެސް އެސަރަހައްދުގައި މަސައްކަތް ވަރަށް ހަލުއިކޮށް ކުރިއަށް އެބަދެއެވެ.

ރައީސް އިބްރާހީމް ޞާލިހަށް ވެރިކަން ލިބިވަޑައިގަތުމާއެކު، ވިލާތުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރުގެ ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް ނަޝީދު ރާއްޖެވަޑައިގެން އައްޑޫއަށް ޒިޔާރަތްކުރެއްވިއެވެ. އެޒިޔާރަތުގައި އެމަނިކުފާނު ވިދާޅުވީ އައު ފިނި ހަނގުރާމައެއް އިންޑިޔާ ކަނޑުގައި ފެށިގެން އުޅޭ ކަމުގައެވެ. އަދި ޗައިނާއާއި އިންޑިޔާގެ ވާދަވެރިކަމުގެ ވާހަކަދައްކަވައި، މިހަނގުރާމައިގައި ޞުލްޙަވެރި ޙައްލެއް އުފަންވާނީ އައްޑޫއިން ކަމުގައިވެސް ވިދާޅުވިއެވެ. އެޙައްލަކީ ކޮބައިކަމެއް ސާފުކޮށްނުދެއްވައެވެ. އެހިސާބުން އެއިޝާރާތްކުރެއްވި ހައްލަކީ އިންޑިޔާއިން އައްޑޫގައި ބިނާކުރަމުންދާ ފުލުހުން ތަމްރީނުކުރާ އެކަޑަމީތޯ މުޙައްލިލުން ސުވާލުކުރާނެއެވެ. ނުކުރާނަމަ އެއީ މައްސަލައެކެވެ.

މިދެންނެވުނު ހުރިހާ ވާހަކައަކަށް ބާރުލިބޭ ލިޔުމެއް 2018ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ނިކީ އޭޝިޔަން ރިވީވުގައި ޝާއިޢުކުރެވުނެވެ. އެއީ ދިވެހިރާއްޖެއަށް 1 ބިލިއަން ޑޮލަރުގެ އެހީ އިންޑިޔާއިން ދީ ޗައިނާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި އެހީތެރިވާ ވާހަކައެވެ. ނަމަވެސް އެއެހީގެ ޝަރުޠަކީ ޗައިނާއާ ދުރުވުމާއި، އިންޑިޔާގެ ޢަސްކަރީ ފަރާތްތައް ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބެވޭ ގޮތް ހެދުމެވެ. މިލިޔުމުން އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ ޢަސްކަރީ މަރުކަޒު މިޢިބާރާތް ނެތުމުންނެވެ. ޢަސްކަރީ ފަރާތްތަކެއް ބޭތިއްބުމުގެ ވާހަކަ އޮވެފައި ޢަސްކަރީ ބޭސްއެއް ޤާއިމުކުރުމުގެ ވާހަކަ ނެތުމުންނެވެ. ކުޑަކޮށް ބަލައިލާ ވިސްނައިލުމުން ފެންނަ ޙަޤީޤަތަކީ ޢަސްކަރީ މަރުކަޒެއް ޤާއިމުކުރުމަކާ ނުލައިވެސް ޢަސްކަރީ ފަރާތްތައް ޤައުމެއްގައި ބޭތިއްބިދާނެ ކަމެވެ. އަދި އެކަމުގެ ތަޖުރިބާއާއި ކަންކުރާންވީ ގޮތް އިންޑިޔާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މޯދީގެ ދަތުރުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރަނީ

ސުވާދީބު

މޯދީ މަޖިލީހުގައި ތަގުރީރު ކުރުމަށް ރުހުން ދީފި

ސުވާދީބު

އިންޑިއާ ކަނޑުގެ ސަލާމަތަށް އިންޑިއާ އިން ހަނގުރާމަ މަތީ ބޯޓުތައް ބޭނުން ކުރަނީ

ސުވާދީބު