web analytics
ވިޔަފާރި

ހަޔާތުގެ ބޮޑުބައި ޓެކްސީ ދުއްވުމުގައި

މިއީ އައިމިނަތު ވަހީދާއެވެ. ނުވަތަ އައިންތުއެވެ. ގދ. ވާދޫ އަށް އުފަން، 42 އަހަރުގެ މި އަންހެން މީހާގެ މިވަރުގެ ތައާރަފެއް ފުދޭނެއެވެ. އެއްގޮތަކަށް ވެސް އާދައިގެ ވަޒީފާގަނޑެއްގައި އުޅޭ ނިކަމެތި އަންހެނަކަށް ވީމައެއް ނޫނެވެ. މި މާލޭގައި އެތައް ސަތޭކަ ޓެކްސީއަކުން އާންމުންނަށް ހިދުމަތް ދެމުންދާއިރު އޭގެތެރެއިން ހުންގާނެއްގައި ހިފަހައްޓައިގެން އިނދެ ރެއާއިދުވާލު ގުނަމުން ގެންދާ ހަމައެކަނި އަންހެން ޑްރައިވަރުގެ ހައިސިއްޔަތުން އައިންތު އަށް ލިބިފައިވާ މަޝްހޫރުކަމާއި މަގްބޫލުކަމާއި ލޯބި އިންތިހާ އަށް ބޮޑުވީމައެވެ. އެހެންވީމަ އަހަރެންގެ ބޯގޮއްވައިގެން އޭނާގެ މި ވާހަކަ އަށް މާ ރިވެތި، މޮޅު ފަށުވި ފެށުމެއް ނުލިޔުނަކަސް މިއީ ކާކުކަން މި ރާއްޖޭގެ އެންމެން ވެސް މިހާރު ދަނެވެ. – މިއީ މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެނާއެވެ. — ޓެކްސީއެއްގައި އޭނާ ކުރަމުން ގެންދާ މި އާދަޔާހިލާފު ދަތުރުގެ ވާހަކަ އެކި ފަހަރުމަތިން ރޭޑިއޯ ޓީވީ ނޫސްތަކުން އެތައް ބަޔަކާ ހަމަ އަށް ވަނީ ގެންގޮސްދެވިފައެވެ. އެ ހުރިހާ ވާހަކަތަކެއްގައި ވެސް އަހަރެމެންނަށް އައިންތު ފެނުނީ އަބަދުވެސް ހެވި ދިއްލި އުޖާލާވެފައިވީ މޫނެއްގެ ގޮތުގައެވެ. ހިނިތުންވެ ހުރެ، އަދަބުވެރި ބަހުރުވައަކުން ހަޔާތުގެ މި ދަތުރުގެ ވާހަކަ އޭނާ ކިޔައިދެމުންދިޔައިރު އެންމެންގެ ބޮލަށް އަރައި ހިތަށް ބަންޑުންވަމުން ދިޔައީ ހަމަ އެންމެ ޝުއޫރެކެވެ. ފާހަގަކުރީ ހަމަ އެންމެ ސިފައެކެވެ. – އައިންތު ތިއީ ހާދަހާވާ ހިތްވަރު ގަދަ އަންހެނެކޭވެ. – އެންމެން ވެސް ބުނީ މިހެންނެވެ. އެކަމަކު އެކަކު ވެސް ނުކުރި ސުވާލަކީ މިއީއެވެ. – ތިވަރުގެ ޓަފު އަންހެނަކަށް އައިންތު ބަދަލުކޮށްލި ހަޔާތަކީ ކޮބައި ހެއްޔެވެ؟ އަބަދުވެސް އެދޭ ހިނިތުންވުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ — އަނިޔާއެވެ!

ައައިމިނަތު ވަހީދާ އޭނާގެ ޓެކްސީ އަށް އަރަނީ

ލައިފު މިހާރު ކިހިނެއް ހެއްޔޭ ކިޔާފައި ފަށައިގަތުމުން އައިންތުގެ ވާހަކަ އޭނާ ފަށައިގަތީ މިހެންނެވެ.

“މިހާރުގެ ލައިފު ވަރަށް ހިތި”

މިހެން ބުނެފައި އެ ހަޔާތުގެ އިތުރު ތަފުސީލެއް ދޭން އޭނާ އަށް ވަގުތުކޮޅަކަށްވުރެން ގިނައިރު ނެގިއެވެ.

“އަސްލު ވަރަށް އަނިޔާވެރި، ވަރަށް ހިތި ލައިފެއްގަ މި އުޅެވެނީ މިހާރު،” މިހެން ބުނެފައި ފެންފުޅި ކަނޑާލައިގެން ކޯވަރެއް ބޯލުމަށްފަހު، ލައިގެން ހުރި ހެދުމުގެ އަތުކުރި އުޅަބޮށްޓާ ހަމަ އަށް އޮޅާލިއެވެ.

ދެން ދައްކާލީ ނޫފާގެން ހަލާކުވެފައި އޮތް އެ އަތެވެ.

“ރޭގަ ލިބުނު އަނިޔާތައް ވެސް މިހުރީ. ވަރަށް އަނިޔާވެރި، ވަރަށް އަނިޔާކުރޭ. އެހެންވީމަ، އަނެއްހެން ބުނަންޏާމު ވަރަށް ހިތްދަތި ވަރަށް ބިރުވެރި ދިރިއުޅުމެއްގައި މި އުޅެވެނީ.”

އައިންތު އެ ކިޔައި ދެނީ، އިނދެގެން އެކުގައި ދިރިއުޅޭތާ ހައެއްކަ އަހަރުވެފައިވާ އޭނާގެ ފިރިމީހާގެ ފަރާތުން ލިބެމުންދާ އަނިޔާތަކުގެ ވާހަކައެވެ. މި ހުރިހާ ވާހަކަތަކެއް އަހަރެމެންނަށް ކިޔައިދީފައި އައިންތު ގެއަށް ދިޔަތަނުން އަނެއްކާވެސް ތަޅައި ބިމާ ހަމަކޮށްލީ އެވެ.

އައިމިނަތު ވަހީދާ އޭނާގެ ޓެކްސީ ކައިރީގައ

“އިންޓަވިއު އަށް އަޅުގަނޑު ދިޔައީ ވެސް ފިލައިގެން، ނާންގައި. ދިޔަތަނެއް ނުބުނީމަ އެ ރޭ ތަޅައިގެންފައި އަނިޔާކުރީ،” ފަހުން ފޯނުން ވާހަކަ ދައްކަމުން އައިންތު ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުން ނަމަ، އައިންތުގެ މުޅި ހަޔާތަކީ އަނިޔާއެވެ. އެހެން ނުބުނެވެންވީ ސަބަބެއް ވެސް ނެތެވެ. މިހާރު އިނދެގެން އުޅޭ މީހާގެ ފަރާތުން ލިބެމުންދާ ތަފާތު އެކި އަނިޔާތަކުގެ 62 މައްސަލައެއް އައިންތު ވަނީ ކަމާބެހޭ ރަސްމީ ފަރާތްތަކަށް ހުށަހަޅައިފައެވެ. އޭނާގެ މި މައްސަލަތަކަށް ހައްލެއް ނުހޯދި އިތުރު އަނިޔާ އާއި މައްސަލަތައް ފުނިޖެހެމުންދާއިރު ވަރިވުމަށް އެދި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް ކުރިއަށް ދަނީ ވަރަށް މަޑުންނެވެ. ނަމަވެސް އެތައް އާދޭހަކަށް ފަހު އައިންތު އަށް މިހާރު ވަނީ އެންމެފަހުން ފެމިލީ ޕްރޮޓެކްޝަންގެ ހިމާޔަތް ލިބިފައެވެ. ރައްކާތެރިކަމުގެ އަމުރެއް ނެރެދީފައިވާއިރު ފިރިމީހާ އަށް މިހާރު ވަނީ އައިންތުގެ ހަޔާތާއި އެޕާޓްމަންޓްގެ ދޮރު ބަންދުވެފައެވެ.

“މިހާރު ވެސް އޭނާއާ ގުޅޭ ތަފާތު 62 މައްސަލައެއް އައިންތު ވަނީ ހުށަހަޅާފައި. އޭގެ ތެރޭގައި އަނިޔާގެ އެކި ކަހަލަ މައްސަލަ އާއި ބަނޑުބޮޑުއިރު އަނިޔާކޮށްގެން އެބޯޓްވި މައްސަލައެއް ވެސް ހިމެނޭ،” އައިންތު ބުނީ އޭނާގެ ހަޔާތުގައި އެންމެ ބޮޑަށް ރޮއްވާލި ދުވަހަކީ ބަނޑުގައި އޮތް ދަރިފުޅު ބައިގެން ދިޔަ ދުވަސްކަމަށެވެ.

އައިމިނަތު ވަހީދާ އޭނާގެ ޓެކްސީ ކައިރީ ފޮޓޯއަކަށް ހުއްޓިގެން

“އެ ވާހަކަ ކިޔައިދީގެން އެ ހަނދާންތަކުގެ ތެރެއަށް ދާކަށް އަޅުގަނޑު ދެން އިތުރަކަށް ބޭނުމެއް ނޫން.”

މިހެން ބުނެފައި އޭނާގެ އެ ވާހަކަ ނިންމާލިއެވެ. އެކަމަކު އަދިވެސް އެ އަނިޔާތަކަށް ހުއްޓުމެއް ނާދެއެވެ. ނަމަވެސް އައިންތު ބުނަނީ ކޮންމެ ދުވަހަކު ޓެކްސީން އޭނާއާ ބައްދަލުވާ މީހަކަށް މި ދިރިއުޅުމުގެ ވޭނާއި ހިތްދަތިކަން އިހުސާސްނުވެދާނެ ކަމަށެވެ.

“އައިންތު ޓެކްސީ ދުއްވަމުންދާއިރު މީހުންނަށް ހީވެދާނެ ވަރަށް އުފަލުގައި ވަރަށް ހެވިފައޭ ހުންނަނީ. ކަސްޓަމަރުންނަށް ފެންނާނީ ވެސް އެހެން އާންމުކޮށް ޓެކްސީ ތެރެއިން. އެކަމަކު އަޅުގަނޑުގެ ދިރިއުޅުމުގެ ފަހަތުގައި ހިނގަމުންދާ އެއްވެސް ކަމެއް އެއިން މީހަކަށް ނޭނގޭނެތާ އަސްލު،” އައިންތު ބުނެލިއެވެ.

“ކަސްޓަމަރުންނާ ކުރިމަތިލަނީ ކޮންމެ ދުވަހަކު ވެސް ވަރަށް އުފާވެރިކޮށް. ހިނިތުންވުމާއެކު. އެއީ އަޒުމެއްގައި، މި މަސައްކަތުގައި މިގޮތަށް ކުރިއަށް ދެވޭނެ ކަމުގެ އުއްމީދުގައި އައިންތު ކޮންމެ ދުވަހަކު ވެސް މަސައްކަތްކުރަނީ”

“މި ހިތްދަތިކަމުގެ ތެރޭގައި އުޅެފައި ޓެކްސީކުރަން ނުކުތުމުން ކަސްޓަމަރުންގެ ފަރާތުން އެ ލިބޭ ލޯތްބާއި އަޅާލުމާއި ހިތްވަރު ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުން. ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ އަޅުގަނޑަށް ލިބޭ.”

އައިންތުގެެ އަނެއް ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ ދެ ކުދިންނެވެ. އެކަމަކު އަލަތު ކައިވެނިން ލިބުނު މި ދެ ކުދިންނާ އެކު ވެސް އައިންތު ފަށަން ޖެހުނީ ހިތްދަތި، އެކަނިވެރި ދަތުރެކެވެ. ފުރާވަރުގައި، ދޮށީ އުމުރެއްގެ ރަހުމުކުޑަ މީހަކާ ކައިވެނިކުރެވި ޒުވާން އުމުރުތައް ވަޅުގަނޑަކަށް ވެއްޓުނީއެވެ. އެންމެފަހުން އެ ކައިވެނި ރޫޅި، ކުދިންކޮޅާއެކު އެކަނިވެރިކޮށްލުމުން އައިންތު އަށް މަޖުބޫރުވީ ބަނޑުފުރާ މުއްތިކުރެވޭނޭ ގޮތެއް އަމިއްލަ އަށް ހޯދުމަށެވެ. އުފަން ރަށް ދޫކޮށް އޭނާ ފުރައިގެން މާލެ އައި ހިސާބަކީ އެއީ އެވެ.

އައިމިނަތު ވަހީދާ އޭނާގެ ޓެކްސީގައި ފޮޓޯއަކަށް ހުއްޓިގެން

މާލެ އައިސް އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ އައިޖީއެމްއެޗުގެ މަސައްކަތު މީހެއްގެ ގޮތުގައެވެ. އެ ވަޒީފާގައި އަވަދިނެތި ހީވާގިކަން ދައްކަމުން ދަނިކޮށް ދެން ފުރުސަތު ލިބެނީ ކެފޭއެއްގައި ވެއިޓްރެސްއެއްގެ ވަޒީފާއިންނެވެ. ވެއިޓަރެއްގެ ގޮތުގައި އެއްވެސް ޖެހިލުމެއް ނެތި ފިރިހެނުންގެ މާހައުލުގައި މަސައްކަތްކުރަމުން ގޮސް ދެން އޭނާ ހަވާލުވީ ކޭޝިއަރުކަމާއެވެ. އެ ވަޒީފާގައި 17 އަހަރު ހޭދަކުރުމަށް ފަހު އޭނާގެ ހަޔާތުގެ މި ދުވެލި ބާރުކޮށްލަދިން ވަޒީފާ އަކީ ޓެކްސީ ޑްރައިވަރުކަމެވެ.

“ފުރަތަމަ ވެއިޓަރަކަށް އުޅުނުއިރު މީހުން އައިންތުއާ މެދު ދެކޭ ގޮތް ވަރަށް ހުތުރު. މީހުން ވަރަށް މަލާމާތް ވެސް ކުރި. ބައެއް މީހުން ބުނާނެ ވަރަށް ގޯސް އަންހެން ކުއްޖެކޭ އެއީ. މީހުންނާ ވަރަށް ގާތްވާނެއޭ ވެސް. އެކަހަލަ އެއްޗެހި މީހުން ކިޔާ އޭރު،” އައިންތު ކިޔައިދިނެވެ.

“އެކަމަކު އޭރު ވެސް އައިންތު ވިސްނީކީ މީހުން ކީ އެއްޗަކަށް ނޫން. އަޅުގަނޑު ބެލީ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދެވޭތޯ”

އައިމިނަތު ވަހީދާ އޭނާގެ ދެ ދަރިންނާ އެކި

“ޓެކްސީ ދާއިރާ އަށް ނުކުމެ ޓެކްސީ ދުއްވަން ފެށުމުން އާންމުން އައިންތު ބަލައިގަތް ގޮތް ވަރަށް ތަފާތު. ވަރަށް ރަނގަޅަށް މަރުހަބާ ކި އެންމެންވެސް. އެއީ ވަރަށް އުފާވި ކަމެއް. މިހާ ހިސާބަށް މިއަދު އާދެވުމުގެ އެއް ސަބަބަކީ ވެސް އެ ހިތްވަރު.”

ނަމަވެސް އައިންތުގެ މި ދަތުރަށް ވަނީ އަނިޔާވެރި ފިރިއެއްގެ އުނދަގުލާއި ޖެއްސުމާއި ތުރާ ވަރަށް ވެސް ބޮޑުވެފައެވެ. ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އޮޕަރޭޓަރެއްގެ ވަޒީފާ އަދާކުރަން ލިބުނު ފުރުސަތު ވެސް އައިންތު ބުނީ ދޫކޮށްލީ ފިރިމީހާގެ އިންޒާރާއި ބިރު ދެއްކުންތަކާ ގުޅިގެން ކަމަށެވެ.

މި އަނިޔާތަކެއްގެ ވާހަކަ އަނެއްކާވެސް ފެށުނީމަ، އައިންތު އަށް އޭނާގެ ފިރިމީހާގެ ފަރާތުން ލިބެނީ ކޮން ކަހަލަ އަނިޔާތަކެއްތޯ ބަލަން ބައެއް މީހުން ފަހަރުގައި ޝައުގުވެރިވެދާނެއެވެ. އޭގެ ބައެއް ތަފްސީލު އައިންތު ދިނީ މިހެންނެވެ.

“މިސާލަކަށް އައިންތު މަގުމަތިން ފެނިގެން ފިރިހެން ރައްޓެއްސަކު އައިންތު އަށް ގޮވާލިޔަސް އައިންތު ގައިގައި ފިރިމީހާ ތަޅައިގަންނާނެ. މަގުމަތީގައި ވެސް ތަޅައިގަންނާނެ. ރައްޓެއްސަކު ގޮވާލިޔަސް، ވާހަކަ ދައްކާލިޔަސް. މަގުމަތީގައި އަނިޔާކޮށް ބުރުގާ ވެސް ބާލުވާފައި އެބަހުރި. ލައިގެން ހުންނަ ހެދުން ވެސް ވީދާލާނެ. ކާރަށް ގެއްލުން ދީފާނެ،” އައިންތު ކިޔައިދެމުންދިޔައެވެ.

“އަތުގައި އޮންނަ ފޯނު ވެސް ޖަހައިގެން މަގުމައްޗަށް ތަޅާލަފާނެ. ދެން އޭނާ ބުނާ ގަޑިއަށް ގެއަށް ނުދެވިއްޖެ ނަމަ އަނިޔާކުރާނެ. ފޯނުގެ ޕާސްވޯޑް ނުދީފި ނަމަ ވެސް ތަޅައިގެންފާނެ. ދަތުރެއް ހޯދަން ފޯނަށް ގުޅާ މީހުންނަށް ގުޅައިގެން ވެސް ވަރަށް ބަވާނެ.”

މި އަނިޔާތަކަށް އަހަރުތަކެއް ވެފައިވިޔަސް އައިންތު ބުނީ މި ފިރިމީހާއާ އެކު އޭނާގެ ހަޔާތް އާ ފެށުމަކުން ފެށީ އެންމެ ފުރަތަމަ ވަރަށް ވެސް އުފަލުން ކަމަށެވެ. ނަމަވެސް ބޭވަފާ އާއި އަނިޔާ އެކުވެ މިއަދު އެ ހަޔާތް މި ވަނީ ބަރުބާދުވެ ނިމުމަކާ ގާތުގައެވެ.

އައިމިނަތު ވަހީދާ އޭނާގެ ޓެކްސީ ކައިރީ ފޮޓޯއަކަށް ހުއްޓިގެން

“މި ބިރުވެރިކަމެއްގެ ތެރޭގައި ބަހައްޓާއިރު ފިރިމީހާގެ ކިބައިން ލިބެން ޖެހޭ އެއްވެސް ކަހަލަ އެއްބާރުލުމެއް އެއްވެސް ކަމެއްގައި ނުލިބޭކަން ވެސް ފާހަގަކޮށްލަން. ޚަރަދެއް ވެސް ނުކުރޭ. މިހާރު ވެސް އައިންތު އެކަނިމާއެކަނި އެޕާޓްމަންޓެއް ހިފައިގެން އަމިއްލަ އަށް ކުލި ދައްކައިގެން ކަރަންޓް ބިލް ފެން ބިލް ދައްކައިގެން ހުރިހާ ކަމެއްކޮށްގެން މި އުޅެނީ،” އަމިއްލަ ދެ ކުދިންނާ އެކު ތިމާގެ އިތުރު ދެ ކުދިން ވެސް ގޭގައި ބަހައްޓައިގެން ހުރިހާ ކަމެއް އަމިއްލަ ޖީބުން ހަމަޖައްސަމުން އަންނަ އައިންތު ކިޔައިދިނެވެ.

“ފިރިމީހާގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ.”

އައިންތު ބުނީ އޭނާގެ ދިރިއުޅުން ބިރުވެރިކަމެއްގެ ތެރޭގައި ބަނދެވިފައިވިޔަސް އަމިއްލަ އަށް އާމްދަނީލިބޭ މަސައްކަތެއް ކުރެވުމަކީ މިވަގުތަށް ލިބޭ އެންމެ ބޮޑު އުފާ ކަމަށެވެ.

އައިމިނަތު ވަހީދާ އޭނާގެ ޓެކްސީގައި

“އަމިއްލަ މަސައްކަތެއް މިގޮތަށް ކުރުމުން ލިބޭ އެންމެ ބޮޑު އުފަލަކީ ކައިވެންޏެއް ކޮށްގެން އުޅުނަސް، ނުކޮށް އުޅުނަސް، ކުރީގަ ނަމަ ކުލި ދައްކަން ޖެހުނަސް އަދި ކުދިންގެ ކަންކަމުގައިވިޔަސް ފިރިމީހާ ގާތުގައި އާދޭސްކުރަން ޖެހެނީ. އެކަމަކު މިހާރު ލިބޭ އެންމެ ބޮޑު އުފަލަކީ އަމިއްލަ އަށް މަސައްކަތްކޮށްގެން އަމިއްލަ ޒަރޫރީ ބޭނުންތައް ފުއްދެމުންދާތީ،” އައިންތު ބުނެލިއެވެ.

އޭނާގެ މި “ޓެކްސީ ދަތުރަށް” މިހާރު ތިން އަހަރުވީ އެވެ. އައިންތު މިހާރު ބުނަނީ ހަޔާތުގެ މި ދަތުރުގައި ދެން ގިޔަރު ބަދަލުކުރާނީ އަނިޔާވެރި ފިރިމީހާގެ ކިބައިން އެއްކޮށް ސަލާމަތްވެގެންނެވެ.

“ކުރިއަށް އެބަހުރި އެހެން ވިޔަފާރިތައް ފަށަން ވެސް ވިސްނާފައި. އެކަމަކު ދެން ބޭނުމެއް ނުވޭ މި ފިރިމީހާއާ އެކު އެއްވެސް ކަމެއް ކުރާކަށް. އޭނާ ކިބައިން ސަލާމަތްވުމަށް ފަހު އަމިއްލަ މަސައްކަތެއް ފަށަން ގަސްދުކުރަނީ.”

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޝީޝާ 100 ދުވަސް ޕްރޮމޯޝަން: ބާކީ އޮތީ 69 ދުވަސް

ސުވާދީބު

އެސްޓީއޯގެ ހޮޓާ ނުއަގުގައި ވިއްކާލަން ޖެހިފައި!

ސުވާދީބު

އެލައިޑްގެ ކަލަންޑަރު ސަމާލުކަން އަތުލައިފި

ސުވާދީބު