web analytics
މުހައްމަދު ބުޝްރީ

ރައީސާއި ކެބިނެޓްގެ ދެވަނަ އަހަރުގެ މިޑްޓާރމް ރިޕޯރޓް: ހަމަ ޔޫސެޓެއް!

މުހައްމަދު ބުޝްރީ

 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެންނަނީ ހިތްޕުޅު ތިރި ރައީސެއްގެ ގޮތުގައެވެ. އަބަދުވެސް ހިނިތުންފުޅު ވެފައެވެ. ރައްޔިތުންނާއެކު ގިނަގިނައިން ސެލްފީ ނަންގަވައެވެ. ނަމަވެސް މުހިއްމު ދަނޑިވަޅު ތަކުގައި ނަންގަވަން ޖެހޭ ކުއްލި ނިންމެވުންތައް ނިންމެވުމުގައި ފަހަތު ފަޔަށް ބުރަވެވަޑައިގަންނަވާތަން ފެނެއެވެ. އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހި މަދަނީ ޖަމްއިއްޔާ އެއްކަމުގައިވާ އެމް.ޑީ.އެން އިން ނެރުނު ރިޕޯރޓާ ގުޅިގެން އެޖަމްއިއްޔާ އުވާލުމަށް ގިނަ ރައްޔިތުންތަކެއް ގޮވާލުމުން އެކަމާ ފިޔަވަޅެއް އެޅުއްވީ އެތައް ދުވަހެއް ފަހުންނެވެ. އެވެސް އެންމެ ފުރިހަމަ ފިޔަވަޅެއް ނޫނެވެ. ޖަމްއިއްޔާ އުވާލި އިރު އެޖަމްއިއްޔާ އަށް ނިސްބަތްވާ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް ނާޅައެވެ. އަދި އެރިޕޯރޓް ނެރުނު އިރު އެޖަމްއިއްޔާގެ ޗެއާރޕާރސަން އަކަށް ހުރި ނޫޝަން އަދިވެސް ހުރީ ރައީސް އޮފީހުގެ ކޮންސަލްޓެންޓެއްގެ ވަޒީފާގައެވެ.

 

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ފޯން ކޯލެއްގެ އޯޑިއޯ ލީކުވެ، ޖިންސީ ފުރައްސާރައާއި، ބަދްއަހްލާގީ އަމަލް، އަދި ކޮރަޕްޝަނަށް ނިސްބަތްވާ ވާހަކަތައް އެއޯޑިއޯ ގައި ހުރުމުން އަލީ ވަހީދު މިނިސްޓަރ ކަމުން ވަކިކުރުމަށް ގިނަ ބަޔަކު ގޮވާލުމުން އެކަމާ ގުޅިގެން ރައީސް އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. އަލީވަހީދުގެ އަރިސްކަންވީ އިތުރެވެ.

ރައީސް އޮފީހުގެ އެކިފެންވަރުގެ ވަޒީފާތަކުގައި މިހާރުވެސް އިސްލާމްދީނަށް ހަޖޫޖަހާ މީހުން އެބަތިއްބެވެ. ހުކުރު ޙުތުބާއަށް “ހޮޓްބާރ” އޭކީ މީހުނާއި އެނޫންވެސް، ދީނުގެ ޝިއާރުތަކަށް ޖޯކު ޖެހި މީހުނެވެ. ރައްޔިތުން ސޯޝަލްމީޑިއާގައި ހޫނުވެ، މިފަދަ މީހުންގެ ފުރައްސާރައިގެ ޓްވީޓް ތަކުގެ ސްކްރީން ޝޮޓާއި، އޯޑިއޯ ކްލިޕްތައް ޕޯސްޓް ކުރާއިރުވެސް ރައީސުލް ޖުމްހޫރިއްޔާ ކަހާތަން ހިރުވާވެސް ނުލައެވެ. ދީނަށް ފުރައްސާރަ ކުރުމަކީ މިދިވެހި ރާއްޖޭގައި މިހާރު، އެކަން ކުރާ މީހެއްގެ އަގު، އިތުރަށް އަރާކަމަކަށް ވަނީ ވެފައެވެ. ފެންނަމުންދާ މަންޒަރަކީ އެފަދަ މީހުންނަށް މަތީ މަޤާމްތައް ދެވި، އިއްޒަތް ދެވޭތަނެވެ. ފިޔަވަޅެއް އެޅޭތަނެއް ނުފެނެއެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާ މީހުން ވަނީ މޮޔައިންކަމަށެވެ. ނުވަތަ ސަރުކާރާ ދެކޮޅު މީހުން ކަމުގައެވެ.ނުވަތަ ލާދީނީ މީހުން ކަމަށެވެ.

ސަރުކާރުތެރޭގައި ކޮރަޕްޝަން އިންތިހާއަށް ގިނަކަމަށް އެތައް ބަޔަކު ތުހުމަތު ކުރަމުންދާއިރު މިފަދަ ކަންކަން ބެލޭތަނެއް ނުފެނެއެވެ. ކޮވިޑް19 ބައްޔަށް ފަރުވާ ހޯދަން ބޭނުންވާ ވެންޓިލޭޓަރ ހޯދުމާއި އެހެނިހެން ބައެއް މަސައްކަތް ދާދިފަހުން ހަވާލުކުރެވުނު އިރު އެކަމުގައި 25 މިލިއަން ރުފިޔާގެ ކޮރަޕްޝަން، މިސަރުކާރަށް ނިސްބަތްވާ ބައެއް ވެރީން ހިންގާފައިވާ ކަމަށް ޙުދު އެމް.ޑީ.ޕީ ގެ މަޖުލިސް މެބަރެއް ކަމުގައިވާ ވިލިފުށި ދާއިރާގެ މެމްބަރ ހަސަން އަފީފް ވިދާޅުވުމުންވެސް ވީކަމެއް ނެތެވެ. ސަރުކާރުން އެކިފަރާތްތަކަށް ބަދަލުގެ ގޮތުގައިދޭ އެތައް ބިލިއަން ރުފިޔާގެ ބޮޑުބައި ލިބެނީ، މިސަރުކާރުގެ އަދީބުގެ ގޮތުގައި އަޑުއަރާފައިވާ، މިހާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އާއިލާގެ އެކި ފަރާތްތަކަށް، ނޫނީ ފައްޔާޒުގެ ރައްޓެހި އެކި ފަރާތްތަކަށް ކަމުގައި ވާހަކަ ދެކެވެއެވެ. ސަރުކާރުން ހިންގާ ހުރިހާ ބޮޑެތި މަޝްރޫއުތަކުން ފައްޔާޒުއަށް ބައިއެޅޭ ކަމަށް ވާހަކަ ދެކެވެއެވެ. ނަމަވެސް ރައީސް އިބޫ އަށް ވެރިކަން ލިބިވަޑައިގަތުމުގެ މާ ކުރީއްސުރެން އިބޫގެ ލޯޔަރެއްގެ ގޮތުގައި ހަރާކާތްތެރިވަމުން އައި ފައްޔާޒުއާމެދު އެއްވެސް ފިޔަވަޅެއް ކީއްކުރަން ތަހުޤީގެއްވެސް ނުހިންގެއެވެ.

 

ޔާމިނުގެ ވެރިކަމުގައި ބޮޑެތި ކޮރަޕްޝަން ހިންގިކަމަށް މިސަރުކާރުން ތުހުމަތު ކުރެއެވެ. މިސަރުކާރަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް ވަކި ކުޑައެއް ނޫނެވެ. މޯލްޑިވިއަންފަދަ ކުންފުނިތައް ބަނގުރޫޓް ވަނީއެވެ. ޕްރޮޖެކްޓްތައް އަޑިއަޑިން އިންޑިއާ އަށް ދެވެނީ އެވެ. ފޮރިން މިނިސްޓަރ ޝާހިދަށް ކުރެވޭ ތުހުމްތުތައް ނުހަނުގިނައެވެ. 2023 ގައި ވެރިކަމަށް ފައި ނަންގަވަން ވެގެން އަމިއްލަފުޅަށް ޕްރޮމޯޓް ވަނީ ކަމަށް ވެސް ވާހަކަ ދެކެވެއެވެ. ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އަކީ ޤައުމީ ސަލާމަތަށް ނުރައްކާ ވާވަރަށް އިންޑިއާ ކޮޅަށް ބުރަވެވަޑައިގެން ހުންނެވި  މިނިސްޓަރެއްކަން ފާޅުގައެއޮތީ ފެންނާށެވެ. އެސްޓީއޯ އިން ލާރިދީފަ ގަން ބޭހާއި ކާޑު އިންޑިއާގެ އާރމީ ޖެޓްތަކެއްގަ ރާއްޖެ ގެންސް ދިނުމުން އެއީ އިންޑިއާއިން ހިލޭދިން އެހީ ކަމަށް ދޭހަވާގޮތަށް މާރިޔާއާއި ޝާހިދު ވަނީ އަމަލު ކުރައްވާފައެވެ. ދިވެހި ދައުލަތަކީ ހެލިކޮޕްޓަރެއް ގަނެގެން ގެންގުޅެވޭ ވަރުވެސް ނެތް، ބަލިކަށި ދައުލަތެއް ކަމުގައި މާރިޔާ ވަނީ ވިދާޅުވެފައެވެ. މާރިޔާ އާއި ޝާހިދުގެ ކަމަކީ ކިތައްމެ ހަނި ފުރުސަތެއް ލިބުނަސް އިންޑިއާ އަށާއި މޯޑީއަށް ސަނާ ކިއުމެވެ.

މިނިސްޓަރ އޮފް ހޯމް އެފެއާރސް ޝެއިހް އިމްރާން އަބްދުﷲ ގެ ހިނިތުންވުން ކިތައްމެހާވެސް ސާދާއެވެ! ނަމަވެސް ޝެއިހެއްގެ ތާކިހާ އަޅުއްވައިގެން ހުންނަވާ، ސަރުކާރުތެރޭގައި ހިނގާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި، ފަސާދަ އާއި ލާދީނީ ކަނކަމަށް ބީރުކަންފަތެއް ދެއްވައިގެން ހުންނެވުމުގެ ސަބަބުން ގިނަބައެއްގެ އިތުބާރު ވަނީ ޝެއިހް އިމްރާނަށް ގެއްލިފައެވެ.

 

އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްއަތުއާއި އެމަނިކުފާނުންގެ ކުރީގެ އަނބިކަނބަލުންނާ ގުޅުވައިގެން ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެތައްވާހަކައެއް މީޑިއާގައި ދެކެވެއެވެ. މަސްލަހަތު ފުށުއަރާފަދަ ވާހަކަތަކެވެ. މިކަމުގެ ސަބަބުން ދިވެހި ދައުލަތުގެ ބަންޑާރަ ނައިބަކަށް ކުރަންޖެހޭ އިތުބާރު އެމަނިކުފާނަށް ކުރެވޭނެތޯ އެއީ އުފެދޭ ސުވާލެކެވެ. ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމް އިންޑިއާގެ ކުންފުނިތަކަކާ ގުޅިގެން ބޮޑެތި މަޝްރޫއުތަކެއް އެފަރާތްތަކަށް ލިބޭ ގޮތަށް އަޑިއަޑިން ހިންގާ ކަމަށް ތުހުމްތު ކުރެވޭ ކޮރަޕްޝަންތަކުގެ ވާހަކަ ވެސް އަޑު އިވެއެވެ. އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީގެ ވަޒީފާއަކީ، ޝެއިހް އިމްރާން ފަދައިން، އެކަކަށް ވުރެ ގިނައިން އަނެކަކަށް ހިނިތުންވެވޭތޯ ބެލުން ކަމުގައި ފާހަގަ ކުރެވެއެވެ.

 

ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެގެން ފަރުމާކޮށްފަ އޮތް އިގްތިސޯދުގެ ފައުންޑޭޝަން މަސްވެރިކަމާއި ދަނޑުވެރިކަން އަދި އެހެނިހެން ސިނާއަތްތައް ހިމެނޭގޮތަށް ފުޅާ ކުރަން ޖެހޭކަން މިއެގުނީ ކޮވިޑް19 އައުމުންނެވެ. ދަނޑުވެރިކަމަށް ހާއްސަސަމާލުކަމެއް ދީގެން އެ ސިނާއަތަށް ހާއްސަ ވުޒާރާއެއް ހެދުން ވަރަށް މުހިއްމުކަމަށް ފެނެއެވެ. އަދި މަސްވެރިކަމުގެ ސިނާއަތްވެސް ހަރަކާތްތެރި ވުމުގެ ބަދަލުގައި ފެންނަނީ، ޒަހާ ވަހީދުވެ ވަޒީރު ކަމުގެ ދަށުން، ވަރަށް ބަރުހެލިކޮށް ކުރިއަށްދާ ތަނެވެ.

 

މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމްގައި ހުންނެވީ އަދާލަތު ޕާރޓީން ނަގައިދެއްކި ބޭފުޅެކެވެ. މިނިސްޓަރ އަހްމަދު ޒާހިރުގެ ނަމުގެ ކުރިއަށް “ޑޮކްޓަރ” އޮތަސް، އެމް.ޑީ.އެން މައްސަލައިގެ ޑްރާމާ ކުޅެވިގެން ދިޔައިރު އިސްލާމިކް މިނިސްޓަރ ފެނުނީ މެނިކުއިންއެއް ފަދައިން ގާވެފަ ހުރިތަނެވެ. ހައްޤުބަސް ބުނަން ނުކެރިފަ ހުރިތަނެވެ. މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް އާމިނަތު އާތިފާއާ ގުޅުވައިގެން ކޮރަޕްޝަނުގެ ވާހަކައެއްގެ އަޑުއަރާފައި ނެތަސް އަމިއްލަ އިސްނެގުމަށް މިދާއިރާ ކުރިއަރުވަން މާގިނަ ކަމެއް ކުރެވޭތަނެއް ނުފެނެއެވެ. މިނިސްޓަރެއްގެ އަޑެއް ނީވުމަކީ ވެސް މައްސަލައެކެވެ. މިނިސްޓަރ އާތިފާގެ އަޑެއް ނީވެއެވެ. އެއީވެސް ހަމަ މައްސަލައެކެވެ.

 

މިނިސްޓަރއޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާރމެންޓަކީ ހަމައެކަނި ފުޓްސެލް ދަނޑު އަޅާފައި އެތަންތަނުގެ ފޮޓޯ ޓްވީޓް ކޮށްފައި، މިނިސްޓަރގެ ދެކަނބަލުން ޓޮއިލެޓް ޕޭޕަރ އިން ފުޓްބޯޅަ ކުޅޭ ވުޒާރާއެއް ފަދަ އެވެ. މިނިސްޓަރ އަހްމަދު މަހުލޫފް ފެންނަނީ ސަމާލުކަން ހޯދަން އެކި އެކި މީހުނާ ބައްދަލުކޮށް، ފޮޓޯ ޓްވީޓްކޮށް، އަގުބޮޑު ގަމީސް ތުރު ކުރައްވާ، އެފް.އޭ.އެމް ގެ ރައީސް ބައްސާމާ ޖަދަލުކޮށްވެސް ބަލި ޤަބޫލުކުރަން ޖެހުނު ފަރާތެއްގެ ގޮތުގައެވެ. ފެންނަނީ، ރާއްޖޭގައި ހުރި ހުރިހާ ޖަމްއިއްޔާތައްވެސް މަހުލޫފުގެ ވުޒާރާގެ ކަބަޑަކަށް ލައިގެން ބަރުހެލިވަފަ ހުރިތަނެވެ.

 

އެންވައަރަމެންޓް މިނިސްޓަރ ހުސެން ރަޝީދަކީ ވެސް ނަމުގެ ކުރިއަސް “ޑޮކްޓަރ” އޮތް، ނަމަވެސް، ނެގިމަޑުވެފަ ހުންނެވި މިނިސްޓަރެކެވެ. ޒަހާ ވަހީދާއި އިސްލާމިކް މިނިސްޓަރ ޒާހިރާއި ހައުސިންގ މިނިސްޓަރ އާތިފާ ފަދައިން އަޑެއް ބަޑެއް ނީވި، ގޮނޑި ހޫނުކުރައްވާ ބޭފުޅެކެވެ. ރުކާއި ގަހާއި ކަނޑާ ވަރުން ކަނޑައި، ފަޅުތަކުން ވެލި ނަގައި ފަޅުތައް އެގޮތް މިގޮތަށް ހިއްކުން ހަމަ މެކުހަށް ޖަހާފައެވެ. މިނިސްޓަރގެ ކަމަކީ ހެޑްލައިން ހަދަން ޖަލްސާތަކަށް ގޮސް މޮޅެތި ވާހަކަ ދެއްކެވުމެވެ.

 

މަތީގަވާ ޕޮއިންޓް ތަކަށް ވިސްނާލުމުން ދޭހަވަނީ މުޅި ކެބިނެޓް ކަހަލަ ގޮތަކަށް ކަމުނުދާ ކަމެވެ. ބަދަލު ކުރަން ޖެހޭ ކަމެވެ. އެއްބައި މިނިސްޓަރުންގެ އަޑެއް ބަޑެއް ނީވި، ނެގިމަޑު ވެފައެވެ. އަޑެއް ބަޑެއް އިވޭ މިނިސްޓަރެއް ނަމަ އަޑު އިވެނީ އެމް.ވީ ލީކްސް އިން ކޮންމެވެސް ކޮރަޕްޝަނެއްގެ އަޑެވެ. ކަމަކު ނުދެއެވެ. އެއްވެސް ވަރަކަށް ކަމަކު ނުދެއެވެ. ދެން ހުރީ ރައީސުލް ޖުމްހުރިއްޔާ އެވެ. ކަމުދޭތޯއެވެ؟ މަގުމަތިން ބުޅަލެއް ފެނުނަސް ހިނިތުންފުޅުވެފަ، ސެލްފީއެއް ނެންގެވުމަކީ ވެރިކަމަށް ޤާބިލްވުން ކަމުގައިވާނަމަ ރާއްޖެދުށް އެންމެ ޤާބިލް ރައިސްކީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި އެސެސްމެންޓް ބަދަލު ކުރުމުގެ ފުރުސަރު އަދި 3 އަހަރު ދުވަހަށް ރައީސް ސޯލިހަށް އެބައޮތެވެ.

 

ނަމަވެސް އެފުރުސަތުގެ ބޭނުން ހިފޭނީ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެނެވެ. ރައީސް ނަޝީދުގެ ހިޔަނިން ސަލާމަތްވެ، ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފައްދަވާ، އެމްޑީޕީ ގެ ކޮންޓްރޯލް ރައިސް ސޯލުގެ އަތްޕުޅަށް ނަންގަވާ، މުޅި ޤައުމުގެ އިގްތިސޯދުގެ މިސްރާބު ބަދަލު ކޮށްގެނެވެ. މާލޭ ސަރަހައްދުގެ ބްރިޖް މަޝްރޫއު މަޑު ޖައްސާލާ، އިންޑިއާ ނުރުހުނަސް، އައިހެވަން ޕްރޮޖެކްޓް ފަށައިގެނެވެ. ޤައުމުގެ ޙާރިޖީ ސިޔާސަތު އިންޑިއާއަށް ބުރަވެފަ އޮތް އޮތުން ބަދަލު ކޮށް، ހުރިހާ ކޮޅަކަށް ބެލެންސް ކޮށްގެނެވެ. ރައީސް ސޯލިހުގެ ލެގަސީ ޑިފައިން ކުރެވޭނީ މިބަދަލުތައް ގެނެވޭ ގޮތަކުންނެވެ. ޤައުމާއި ރައްޔިތުން ގޮވަނީ އެފަދަ ބޯލްޑް ބަދަލަކަށެވެ. މިއީ އެފަދަ ބަދަލަކަށް އެންމެ އެކަށީގެންވާ ވަގުތެވެ. އަވަސް ކުރައްވާށެވެ. ވަރަށް ހެޔޮ ދުއާ ސަލާމް.

އެމްޑީޕީގެ އެކްޓިވިސްޓް ޖެނިފާ އަށް މޯލްޑިވިއަންއިން ރައީސުލްޖުމްހޫރިއްޔާއާއި އެއްވަރުގެ މުސާރައެއް

 

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ފުރިހަމަ ލާމަރުކަޒީ ގާނޫނަކުން ރައްޔިތުން ބާރުވެރިކަން ހޯދުން

ސުވާދީބު

ރަލުގެ ވިޔަފާރި އަކީ ފައިދާ ހުރި ވިޔަފާރިއެއް ނޫން!

ސުވާދީބު

ކެޔޮނިރު: ޓޫރިޒަމް މިނިސްޓަރު ރިސޯޓްތަކަށް ކުރައްވާ “ހިލޭ” ދަތުރުތައް ކޮންޓްރޯލް ކުރުން

ސުވާދީބު