web analytics
މުހައްމަދު ބުޝްރީ

ކެޔޮނިރު: ރާއްޖޭގެ ބިރުވެރި، އަޅުވެތި ކުރިމަގު!

ވަށައިގެން ވަނީ ހަނުހިމޭނަކަމެވެ. ރޭގަނޑުގެ އަނދިރިކަންވަނީ މުޅި ސަރަހައްދަށް ފެތުރިފައެވެ. އަނދިރި ކަޅުފޮއެ ރެއެެކެވެ. މަޑު ވައިރޯޅިއެއް ޖެހެމުން ދިޔައެވެ. ތަނަކީ ރާއްޖޭގެ ދެކުނުން، ލާމު އަތޮޅު ކައްދޫ އެއާރޕޯރޓްގެ ރަންވޭއެވެ. ރަންވޭ ގައި ޕާރކް ކޮށްފައިއޮތް އިންޑިއާ އެއާރފޯރސްގެ ހެލިކޮޕްޓަރަށް އިންޑިއާ ސިފައިންގެ ޕައިލެޓަކާއި ކޯޕައިލެޓެއް އެރުމާއިއެކީ ހެލިކޮޕްޓަރުގެ ބަރު ބުރަފަތި މަޑުމަޑުން އެނބުރެން ފެށިއެވެ. ކަޅުފޮއެ ރޭގެ، ވައިމަޑު، ހަމަހިމޭންކަމުގެ ތެރެއަށް ބިރުވެރި ބޮޑުގޮހޮޑާއެއްގެ ހަޅޭކުގެ އަޑު ފެތުރިގެން ދިޔަފަދަ އެވެ. އެހަޅޭކުގެ އަޑާއިއެކު އިންޑިއާގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރު މަޑުމަޑުން އުދުއްސާލިއެވެ. ނަމުން ބުނާ ގޮތުން ދިވެހި ސިފައިންނަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެކެވެ. ނަމަވެސް އެއަނދިރިރޭ އެހެލިކޮޕްޓަރ ދަނީ ކޮންތަނަކަށް ކަމެއް، ކުރަނީ ކޮންކަމެއް ކަމެއް ދިވެހި ސިފައިންނަކަށް، އަދި ދިވެހި ދައުލަތުގެ އެހެން މުއައްސަސާ އަކަށް ވެސް ނޭގެއެވެ. ދިވެހިރާއްޖޭގެ ވައިގެ ބަނަދަރަކުން ފުރައިގެން އެނައްޓާލީ އިންޑިއާގެ ވައިގެ ސިފައިންގެ އުޅަނދެކެވެ. ދުއްވަނީ އިންޑިއާގެ ވައިގެ ސިފައިންނެވެ. ދާ ތަނެއް، ކުރާ ކަމެއް ދިވެހި ސަރުކާރަކަށް ނޭގެއެވެ.

ހެލިކޮޕްޓަރ ނައްޓާލައިގެން ގޮސް ޖައްވުގެ އަނދިރިކަމުގެ ތެރެއަށް ގެއްލުނެވެ. ރަތްކުލައިގެ ކުޑަކުޑަ ތިއްކަކަށް ވެއްޖެއެވެ. ހެލިކޮޕްޓަރުގެ އަޑު ފަނޑުވިއެވެ. އިންޑިއާގެ ހެލިކޮޕްޓަރ ރޭގަނޑު ދަނވަރު މިފަދައިން އުދުހޭ އަޑު ލާމު އަތޮޅު މީހުންނަށް ވަރަށް ގިނައިން އިވެއެވެ. އަދި އައްޑޫ ސިޓީ ގަމުގެ އެއާރޕޯރޓް ގައި އޮންނަ އިންޑިއާގެ މިފަދަ ދެ ހެލިކޮޕްޓަރު ރޭގަނޑު އުދުހޭ އަޑު އައްޑޫ މީހުންނަށް ވެސް ވަރަށް ގިނައިން އިވެއެވެ.

ކައްދޫ އެއާރޕޯރޓުން ނައްޓާލި ހެލިކޮޕްޓަރުގެ މިސްރާބު ހުރީ ލާމު އަތޮޅާއި ހުވަދޫ އަތޮޅާއި ދެމެދު އޮންނަ “ވަން އެންޑް ހާފް ޑިގްރީ ޗެނެލް” ނުވަތަ ހުވަދޫ ކަނޑާ ދިމާ އަށެވެ. މިއީ ގާތަގަނޑަކަށް 160 މޭލު ފުޅާ ކަނޑެކެވެ. އެރޭގެ އަނދިރިކަމުގެ ތެރެއިން ހުވަދޫ ކަނޑާ ދިމާލުން ބޭރުން، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ތެރެއަށް އިންޑިއާގެ މަނަވަރެއް ވަދެއެވެ. ހެލިކޮޕްޓަރ ގޮސް ޖައްސަނީ އެ މަނަވަރަށެވެ. އެއާއެކު އިންޑިއާގެ ދެޕައިލެޓުން ހެލިކޮޕްޓަރުން ފައިބައިގެން ގޮސް މަނަވަރުގައި ތިބި އިންޑިއާ ސިފައިންގެ ބަޔަކާ މަޝަވަރާތަކެއް ކުރުމަށް ފަހު އެނބުރި ހެލިކޮޕްޓަރަށް އަރައެވެ. އަދި ބޮޑެތި ލަކުޑި ފޮށިގަނޑުތަކެއް ހެލިކޮޕްޓަރަށް އަރުވައެވެ. އެއީ ކޮންއެއްޗެއް ކަމެއް ސާފެއް ނުވެއެވެ. އެތަކެތި ގޮސް ބާލަނީ ކައްދޫގައި އިންޑިއާ ސިފައިން ތިބޭ ތަނަށެވެ.

އަނެއް ދުވަހުގެ އިރު އަރައެވެ. އިންޑިއާ ސިފައިން ކަސްރަތަށް ދުވަން ފަށައެވެ. ފެންވަރައިގެން ހެނދުނުގެ ނާސްތާ އަށް އޮފިސާސް މެސް އަށް ދެއެވެ. ކުރީރޭ ހިނގި އެއްވެސް ކަމައް ދިވެހި ސިފައިންނަށް ރޭކާލީ ކަމެއް ނޭގެއެވެ. ނުވަތަ ރޭކާލީ ބަޔަކަށްވެސް އެވާހަކަ ދައްކާކަށް ނުކެރެއެވެ. އެއީ ޤައުމީ ސަލާމަތުގެ ނިވާފަށްގަނޑުގައި ފިލާ ތިބެ ބަޔަކު ހިންގަމުންދާ ބިރުވެރި ކަންތައްތަކެކެވެ. ދިވެހި ސަރުކާރުން އިންޑިއާ އަށް މި ޤައުމު އަޅުވެތި ކުރަމުން ވިއްކަމުންދާ ދިއުމާ ދެކޮޅަށް ދިވެހި ރައްޔިތުން އިހްތިޖާޖެއް ކޮށްފިނަމަ ދިވެހި ރައްޔިތުން މައިތިރި ކުރަން ކާފިއު ހިންގާނީ އިންޑިއާ ސިފައިންބާވައޭ ހިތަށް އަރަންޖެހޭ ސަބަބަކީ މިއީ އެވެ. އައްޑޫ ސިޓީ، ލާމު އަތޮޅު، އަދި ރާއްޖޭގެ އުތުރުން ހަނިމާދޫ އާއި ދައްޕަރު ފަދަ ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ދަނީ މަޑުމަޑުން ރުކުރުވާ ލެވެމުންނެވެ. ރާއްޖޭގެ ހުރިހާ ކަމަކާ އިންޑިއާ އެމްބަސީއިން އަދި އިންޑިއާ ސަރުކާރުން ދަނީ ބެހެމުންނެވެ. އެކި ނަންނަމުގައި ނަގާ ލޯނުތަކުން ދިވެހި ދައުލަތް ދަނީ އިންޑިއާ އަށް ދަރަނިވެރިވެ، ދަރަނީގެ ދަންތުރައެއްގައި ރަގަޅަށް ޖެހެމުންނެވެ. މިސާލަކަށް، ދިވެހީންނަށް ޖެހިފައި މިއޮތީ އެތައް މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން އިންޑިއާ މީހުން ކްރިކެެޓް ކުޅޭނެ ކްރިކެޓް ސްޓޭޑިއަމެއް ހުޅުމާލޭއިގައި އަޅަންށެވެ. ލޯނު ދައްކާނީ ދިވެހި ރައްޔިތުންގެ ފައިސާއިންނެވެ. އެތާގައި ކްރިކެޓް ކުޅޭނީ އިންޑިއާ މީހުންނެވެ.

އިންޑިއާ އާއި އެމެރިކާ ގުޅިގެން ދިވެހި ސަރުކާރާ ކުރަމުންދާ ސިއްރު މަޝްވަރާ ތަކުގައި، ދިވެހި ޤައުމަށް ބޯދަމައިނުގަނެވޭ ވަރުގެ އެގްރީމެންޓް ތަކެއްގައި ސޮއި ކުރުމަށް ދަނީ ރޭވެމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައީސްކަން ގެއްލުމުގެ ކުރީން މިފަދަ އެގްރީމެންޓް ތަކުގައި އަވަސް އަރުވާލައިގެން، ސިއްރުން ސޮއިކުރުމަށްޓަކައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް (ފޮރިން މިނިސްޓަރ) 28 އޮކްޓޯބަރވާ ބުދަ ދުވަހު ރާއްޖެ އެބަ ވަޑައިގަނެއެވެ. ރައްޔިތުންގެ ގިނަބަޔަކަށް ވާނުވާ ރޭކާވެސް ނުލައެވެ. އިބޫ ސޯލިހާއި ޝާހިދާއި އަމީރާއި ފައްޔާޒާއި މާރިޔާ އާއި މުހައްމަދު ނަޝީދު މިކުޅޭ ނުރައްކާތެރި ސިޔާސީ ގޭމް ދިވެހި ރައްޔިތުންގެ ގިނަބަޔަކަށް ފަހުމުވެސް ނުވެއެވެ. “އިންޑިއާ-އައުޓް” އޭގޮވާ ގިނަ މީހުންނަށް ވެސް ފަހުމް ވަނީ އަސްލު ބޮޑު މަންޒަރުގެ ކުޑަ މިންވަރެކެވެ. ބޮޑު މަންޒަރު އޮތީ އިބޫ ސޯލިހާއި މޯދީ އާއި ޓްރަމްޕާއި ނަތަންޔާހޫ އާއި ބޮރިސް ޖޯންސަންގެ ސިކުނޑީގައި ބިންވަޅު ނަގާފައެވެ. ދިވެހީން ވެގެން މިދަނީ ބާރެއް ނެތް މަނާ ތަކަކަށެވެ. ތަރައްޤީގެ ނަމުގައި މިހަދަނީ ރީތި ކޮށި ތަކެކެވެ. ދިވެހީން ވާނީ ރީތި ކޮށިތަކެއްގައި ބަންދު ކުރެވިފައިވާ އަޅު ދޫނިތަކަކަށެވެ. ބޭނުމީ ވަލުތެރޭގައި މިނިވަންކަމާއި އެކު އުދުހެވޭ އާދައިގެ ދޫނިތަކަކަށް ވާންހެއްޔެވެ؟ ނުވަތަ ގިރިޓީކޮށްފައިވާ ރީތި، މޮޅު ކޮއްޓެއްގައި  ބައިންދާފައި އިންނަ، މިނިވަންކަމެއް ނެތް ދޫނިތަކަކަށް ވާންހެއްޔެވެ؟

ދިވެހީންގެ ކުރިމަގު ކަނޑައެޅުމުގެ ފުރުސަތު ދިވެހީންނަށް ނުދީ، ޤައުމީ ސަލާމަތުގެ ނިވާފައްގަނޑުގައި ފިލައިތިބެ މިކުޅެވޭ ސިޔާސީ، އިގްތިސޯދީ އަދި އަސްކަރީ ޗަރުކޭހާމެދު ދިވެހީން ވިސްނައި އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ މަދު ދުވަސް ކޮޅެއްގެތެރޭ ދެން ހޯދައި ނުފެންނަ ވަރަށް ދިވެހި ޤައުމުމު ދިވެހީންގެ ބާރުގެ ދަށުން ބީވެގެން ހިގައިދާނެއވެ.

 

އަނެއްކާވެސް އެއްކަލަ ކަހަލަ ކަޅުފޮއެ، ވައިމަޑުު، އަނދިރި ރެއެކެވެ. އިންޑިއާގެ ހެލިކޮޕްޓަރެއް މިފަހަރު އުދުއްސާލީ އައްޑޫ ސިޓީގެ ގަމުގެ ވައިގެ ބަނދަރުންނެވެ. މިސްރާބް ހުރީ އައްޑޫގެ ދެކުނުން އޮތް އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމުގައިވާ ޑިއަގޯ ގާރޝިއާއާ ދިމާއަށެވެ. ހެލިކޮޕްޓަރ ގޮސް ޖެއްސީ  ޑިއަގޯ ގާރޝީއާގެ އަސްކަރީ ވައިގެ ބަނދަރަކަށެވެ. ކަންހިގީ ހަމަ ހުވަދޫ ކަނޑުގައިވެސް ހިނގި ގޮތަށެވެ. ހެލިކޮޕްޓަރ އައިސް ގަމަށް ބޭލި ފޮށިތަކުގައި ހުރި އެއްޗެއް ދިވެހި ދައުލަތަކަށް ނޭގެއެވެ. ދިވެހީންގެ ބާރެއް ނެތި ދިވެހި ޤައުމުގެ ކުރިމަގު މިއޮއްގެން ބަޔަކު ވަގަށް ނަގަނީއެވެ. ދިވެހީންގެ ގިނަބަޔަކު ގަދަނިދީގައެވެ. އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕަމްޕިއޯ 28 އޮކްޓޯބަރވާ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވާތާ ބަރާބަރު 13 ދުވަސް ފަހުން 10 ނޮވެމްބަރވާ އަނގާރަ ދުވަހު އިންޑިއާގެ ފޮރިން ސެކެޓްރީ ހާރޝް ވަރުދަން ޝަރިންގްލާ ރާއްޖެ ވަޑައިގަންނަވާނެއެވެ. މިއީ އިއްތިފާގެއް ނޫނެވެ. ވަރަށް ފުރިހަމައަށް ރޭވިފައިވާ ތާވަލެއްގެ ދަށުން، އަވަސް އަރުވާލާފައި ކުރިއަށް ގެންދެވޭ ޕްލޭނެކެވެ. ދިވެހީންނަކަށް 2023 އެއް ނުލިބޭނެއެވެ. ޤައުމު ސަލާމަތް ކުރަން އޮތްވަގުތަކީ މިހާރެވެ. މިވަގުތެވެ. މިއަދެވެ. މާދަމާ ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

2022 ވަނަ އަހަރުގެ ދިވެހި ރާއްޖެ!

ސުވާދީބު

އައްޑޫސިޓީ ގައި އަޅާ “ރައީސް ނަޝީދް ބްރިޖް”

ސުވާދީބު

ބިދޭސީންގެ “އަނދިރި ދައުލަތް” މުލުން ލުހެލުން!

ސުވާދީބު