web analytics
މުހައްމަދު ބުޝްރީ

ދިވެހީން ރާއްޖެ ގެނައުމުގެ ނަމުގައި ހިންގާ އޮޅުވާލުމުގެ ބޮޑު ޖަރީމާ!

ޤައުމުން ބޭރުގައި ތިބި ދިވެހީންގެ ތެރެއިން ޝްރީލަންކާގައި ތިބި ދިވެހީން އަނބުރާ ރާއްޖެ ގެނައުމުގެ ނަމުގައި ދިވެހި ސަރުކާރުން އިސްނަގައިގެން، މޯލްޑިވިއަންގެ ދެފްލައިޓް މިއަދު ހަވީރު ކޮޅުނބަށް ކުރާ ދެ ދަތުރަކީ ދިވެހި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާފައިވާ އޮޅުވާލުމެކެވެ. އަދި މާދަމާ އިންޑިއާގެ ކޮޗިންގައި ތިބި ދިވެހީން ގެނައުމުގެ ނަމުގައި ބާއްވާ މޯލްޑިވިއަންގެ ފްލައިޓާއި، މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރާއި އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފްލައިޓް ތަކަކީ ވެސް ހަމަ ބޮޑު އޮޅުވާލުމެކެވެ.

ފުރަތަމަ ކަމަކީ މިފްލައިޓް ތަކުން ދިވެހީން އަނބުރާ ރާއްޖެ މިގެންނަނީ ކާރިސާގެ ހާލަތުގައި އިންސާނިއްޔަތަށް ޓަކައި ކޮށްދޭ ހިދުމަތެއްގެ ގޮތުން ހިލެއެއް ނޫނެވެ. މި ފްލައިޓް ތަކުގައި ޝްރީލަންކާގެ ކޮޅުނބުން އަންނަ މީހުން އަތުންވެސް އެންމެ ކޮޅަކަށް، ބޮލަކަށް 300 އެމެރިކާ ޑޮލަރު ނުވަތަ ފަސް ހާސް ވަރަކަށް ދިވެހި ރުފިޔާ ނަގައެވެ. އަދި މެލޭޝިއާ ދަތުރުތަކުގެ ޓިކެޓް މިއަށް ވުރެވެސް ބޮޑުވާނެ އެވެ. ވީމާ ކޮޅުނބު، ކޮޗިން، ޓްރިވެންޑްރަމް އަދި ކުއަލަލަމްޕޫރުން ޖުމްލަ 800 ދިވެހިން ގެނައުމަށް މޯލްޑިވިއަން އަށް ހަމައެކަނި ޓިކެޓްގެ އަގުގެ ގޮތުގައި ވެސް ދެލައްކަ ސާޅީސް ހާސް ޑޮލަރު، ނުވަތަ ހަތަރު މިލިއަން ވަރަކަށް ރުފިޔާ ލިބޭނެއެވެ. މިއީ މިސަރުކާރުން ނާގާބިލް މެނޭޖްމެންޓެއް ލައިގެން މޯލްޑިވިއަން ބަނގުރޫޓު ވުމުން މޯލްޑިވިއަންގެ މުއައްޒަފުންނަށް މުސާރަ ދޭނެ ލާރިކޮޅެއްވެސް ނެތް ހިސާބަށް ކުންފުނި ދިއުމުން މޯލްޑިވިއަން އަށް، ހާލުގައި ޖެހިފައި ބޭރުގަ ތިބި ދިވެހިން ފެލާލައިގެން، ހަތަރު ވަރަކަށް މިލިއަން ރުފިޔާ ހޯދައިދޭން، އަބްދުﷲ ޝާހިދު އިސްވެ ހުރެ ރޭވި ބޮޑު އޮޅުވާލުންގަނޑެކެވެ.

ދެވަނަ އޮޅުވާލުންވެސް ވަކި ކުޑައެއް ނޫނެވެ. ކޮލަމްބޯގައި ދިގު މުއްދަތަކަށް ވިސާ ޖަހައިގެން ތިބޭ ދިވެހީން ނުހިމެނޭ ގޮތަށް، ކުރު މުއްދަތަކަށް ޝްރީލަންކާއަށް ގޮސް، ކޮވިޑް19 ގެ ސަބަބުން އެތަނުގައި ތާށިވެފައި 400 ވަރަކަށް ދިވެހީން އެބަ ތިއްބެވެ. އެފަދަ މީހުން އަތުގައި ރިޓާން ޓިކެޓް ވެސް އެބަހުއްޓެވެ. އަދި އެމީހުން ރާއްޖެ ގެނެސްދޭން ޝްރީލަންކަން އެއާލައިންސް އޮތީވެސް ތައްޔާރަށެވެ. ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ނުކޮށެވެ. އަދި އެދިވެހީން އަތުންވެސް އެއްވެސް އިތުރު ހަރަދެއް ނުގޮހެވެ. ނަމަވެސް ދިވެހި ޤައުމު ލޮކްޑައުންގައި އޮތުމުން ޝްރީލަންކަން އަށް މިދަތުރު ކުރެވެން އަންނަނީ ދިވެހި ސަރުކާރުން ހާއްސަ ހުއްދައެއް ދިނުމުންނެވެ. ޝްރީލަންކަންގެ ކޮމާޝަލް އޮފީހަށް ގުޅުމުން އެފަރާތުން މިކޮލަމަށް މައުލޫމާތު ދީފައިވަނީ އެދަތުރުތައް ކޮށް، ދިވެހީން ރާއްޖެ ގެނައުމުގެ ހުއްދައަށް ދިވެހި ސަރުކާރުގައި އެދުމުން އަދިވެސް ހުއްދަ ނުދޭ ކަމަށެވެ. ވީމާ، އެފަދަ ދަތުރަކަށް ހުއްދަ ނުދީ، މޯލްޑިވިއަން އަށް ލާރިގަނޑެއް ހޯދައިދޭން ވެގެން ދަތުރުތަކެއް ކޮށް، އިންސާނިއްޔަތު ކަން ދައްކަން ވެގެން ދިވެހި ސަރުކާރުން މިއޮޅުވާލާ އޮޅުވާލުމަކީ މިފަދަ ދަނޑިވަޅެއްގައި ކުރަން ވަރަށް ދަށު ދަރަޖައިގެ ކަމެއްކަން ކަށަވަރެވެ.

ހަމައެހެންމެ 100 މީހުން ކޮޅުނބުން ގެންނައިރު ގެންނާނެ މީހުން ކަނޑައެޅި އުސޫލަކީ ވެސް ނޭނގުމެއްގެ ތެރޭގައި އޮތް ކަމެކެވެ. ވަރަށް ޙާލުގައި އެކަނިވެރިކަމުގައި ދިރިއުޅޭ މީހުންނަަށް ޖާގަ ނުލިބި ފަސޭހަކަމާއެކު ދިރިއުޅޭ މީހުންނަށް ޖާގަ ލިބުމުން މި ދަތުރުތަކުގެ މަގުސަދާއި ސަރުކާރުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދެއެވެ.

އަދި މިދެންނެވި ގޮތަށް 800 ވަރަކަށް ދިވެހިން ރާއްޖެ ގެނެސް، އެ އެންމެން 14 ދުވަހަށް، ރިސޯރޓް ތަކާއި ހޮޓާތަކުގައި ކަރަންޓިން ކުރަން ބޮލަކަށް ދުވަހަކަށް 750 ރުފިޔާ ދައުލަތުން ހޭދަކުރަން ޖެހޭނެއެވެ. އެއީ 800 މީހުން ނަމަ ދުވާލަކަށް ހަލައްކަ ރުފިޔާ އެވެ، އަދި 14 ދުވަހަށް ގާތްގަނޑަކަށް ނުވަ މިލިއަން ދިވެހި ރުފިޔާއެވެ. މި ނުވަ މިލިއަން ރުފިޔާ، މި 14 ދުވަހުގެ ތެރޭގައި ލިބޭނީ އެއްކަލަ ރިސޯރޓް ތަކަށެވެ. ރާއްޖޭގައި ހާލުގައި ޖެހި، ކާންބޯން ނުލިބި، ވަޒީފާ ގެއްލި، ކުލި ނުދެއްކި ތިބި އެތައް ބަޔަކު ތިއްބާ، މިވަރުގެ ބޮޑު އޮޅުވާލުމެއްގެ ތެރެއިން، ސިޔާސީ މެޑަލް ޖަހަން މިވަރުގެ ބޮޑު ހޭދައެއް ކުރުމަކީ ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ.

ރައްޔިތުންނަށް ފަސޭހައަކަށް ކަމެއް ކޮށްދޭ ނަމަ އެކަމުގެ ދެކޮޅުވެސް ފެންނަ ގޮތަށް ނޫސްތަކަށް ބަޔާންދޭން ޖެހެއެވެ. ބޮޑު އަގުގައި ޓިކެޓް ވިއްކައިގެން، ވަކި ބަޔަކު ގެނައުމަށް، ވަކި އެއާލައިނަކަށް ފައިސާގަނޑެއް ހޯދައިދޭން ދަތުރުތައް ރާވާ، އެތައް މިލިއަންގެ ފައިސާ ދައުލަތުން ރިސޯރޓްތަކަށް ލިބޭގޮތަށް ކަރަންޓީން ކުރުމަކީ ވަރަށް ވެސް ބޮޑު އޮޅުވާލުމެކެވެ. ހިތާމަ ހުއްޓެވެ

 

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރައްޔިތުން ބާރުވެރި ކުރުމަށް ގެންނަންވީ ބަދަލުތައް

ސުވާދީބު

އައްޑޫސިޓީ ގައި އަޅާ “ރައީސް ނަޝީދް ބްރިޖް”

ސުވާދީބު

ޒުވާނުންގެ އެކުވެރި ނާޒާ ދާއިރާގެ އަޑު އުފުލުމަށް ތެދުވެއްޖެ. ނުވިކޭނަން ނުވެސް ގަނެވޭނެ

ސުވާދީބު