web analytics
ދިވެހީންނާއި ފުލެޓު

ދިވެހީންނާއި ފުލެޓު: ގެދޮރުވެރިކަމުގެ މަފުހޫމު

މިއަދު އިންސާނާގެ އަސާސީ ޙައްޤުތަކާއި އިންސާނީ މަދަނީ ޙައްޤުތައް ގިނަ ބަޔަކަށް އޮޅިފައި ވީނަމަވެސް އަދި މަދަނީ ޙައްޤުތައް ކިތަންމެ ގިނަ ނަމަވެސް އެންމެ މުހިއްމު އަސާސީ ތިން ޙައްޤަކީ ބަނޑުފުރާނަ މުއްތިކުރުމާއި އުނުއޮރިޔާން ނިވައިކުރުމާއި ހިޔާވަހިކަމެވެ. ހިޔާވަހިކަމަކީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އަސާސީ އެއް ޙައްޤެވެ. މި ތިން ޙައްޤު ކަށަވަރުވެގެން ނޫނީ އެހެން ކަމަކަށް ނުވެސް ވިސްނޭނެއެވެ.

ދިވެހީންގެ ތެރޭގައި ނިދާނެ ތަނެއް ނެތި މަގުމަތީގައި ނިދާންޖެހޭ މީހުން ވަރަށް ނޫޅެއެވެ. ނަމަވެސް އަމިއްލަ ހިޔާވައްސެއް ނެތް އެތައް ބަޔަކު ބޮޑު އަގުގައި ކުއްޔަށް އުޅެންޖެހިފައިވުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު އިޖުތިމާޢީ މައްސަލަކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މި މައްސަލައަށް ޙައްލު ނުލިބި ދިގުލައިގެން ދިޔުމުން މިކަމުގެ ތެރެއިން އިތުރު ކިތަންމެ މައްސަލަތަކެއް ކުރިފަޅައި އިތުރު މައްސަލަތަކެއް އުފަންވެފައިވާކަމަށް ވެސް ދިރާސާކުރާ ފަރާތްތަކުން ހާމަވެއެވެ.

“މާލެއަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް ބިމުގެ ނިސްބަތުން އެންމެ ބޮޑަށް ތޮއްޖެހިފައިވާ” އެއް ސިޓީއެވެ. “މާލޭގެ ބިމުގެ ދަތިކަމުގެ ސަބަބުން ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ނުލިބި ދިގުލައިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ކުދިކުދި ބައިތަކަށް ބަހައި ދަރިންނަށް ދޭން މަޖުބޫރުވިއެވެ. އަދި ބޮޑެތި ޢާއިލާތައް ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅޭންޖެހުމުގެ ސަބަބުން އިޖްތިމާޢީ ގޮތުން ބޮޑެތި އެތައް މައްސަލަތަކާ، މާލޭގެ އާބާދީއާއި މާލޭގައި ދިރިއުޅޭ އާބާދީއަށް ވަނީ ކުރިމަތިލާންޖެހިފައެވެ.”

ރައީސް މައުމޫންގެ ޒަޢާމަތުގައި ފްލެޓް

ދިރިއުޅުމަށްޓަކައި ފްލެޓް ބިނާކުރުމުގެ މަފްހޫމަކީ ރައީސް މައުމޫނު ތަޢާރަފުކުރެއްވި މަފްހޫމެއްކަން ތާރީޚު ހެކިދޭނެއެވެ. އެކަމުގެ ކްރެޑިޓް އެހެން ބަޔަކު ނަގާން މަސައްކަތްކުރިޔަސް އެކަމެއް ނުވާނެއެވެ. އެއީ ކުރީން ދިވެހީން ބޭނުންކުރަމުން އައި މަފްހޫމެއް ނޫނެވެ. އެ މަފްހޫމު ތަޢާރަފުކުރެއްވީ ރައީސް މައުމޫންގެ ޒަޢާމަތުގައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދުމުގެ މަސައްކަތަކީ މީގެ އެތައް އަހަރެއްގެ ކުރީއްސުރެ، ސަރުކާރުން އެކި ގޮތްގޮތުން ކުރައްވަމުން ގެންދެވި އަދި ގެންދަވާ މަސައްކަތަކެވެ. މިކަމަށް “ގޮތްތަކެއް ހޯއްދަވައިދެއްވުމަށްޓަކައި ރައީސް މައުމޫންގެ ޒަޢާމަތުގައި ވިސްނުންފުޅުތަކެއް ގެންގުޅުއްވިއެވެ. އެކަމަށް މަސައްކަތްޕުޅުތަކެއް ވެސް ކުރެއްވިއެވެ.”

އެގޮތުން މާލޭގެ ބިން ހިއްކުމާއި، ކ. ވިލިނގިއްޔަކީ މާލޭގެ އަވަށެއް ކަމުގައި ހަމަޖައްސަވައި އެރަށް އާބާދުކުރެވުނެވެ. އެއާއެކު ޗައިނާ ސަރުކާރުގެ އެހީގައި “ސިނަމާލެ” 1، 2، 3، 4 ޢިމާރާތް ކުރައްވައި ބޯހިޔާވަހިކަމުގެ ދަތިކަން ފޯރައިފައިތިބި ފަރާތްތަކަށް ދެވުނެއެވެ. އަދި “މާލެހިޔާ”ގެ ނަމުގައި ވެސް މާލޭގައި ފްލެޓްތަކެއް ބިނާކުރައްވައި އެކި މީސްމީހުންނަށް ވަނީ ދޫކުރައްވައިފައެވެ. ވިލިނގިލީގައި “އެދުރު ހިޔާ”ގެ ނަމުގައި ތަޢުލީމީ ފަންޑުން ފްލެޓްތަކެއް ޢިމާރާތްކުރައްވައި ތަޢުލީމީ ދާއިރާގެ މުވައްޒިފުންނަށް ލުއި އަގެއްގައި ކުއްޔަށް ދޫކުރެވުނެވެ. އަދި ސިފައިންގެ ޢާއިލާތަކަށް ވެސް ވިލިނގިލީގައި ފްލެޓް ބިނާކޮށް ދޫކުރެވިފައިވެއެވެ. މިއީ ރައީސް މައުމޫންގެ ޒަޢާމަތުގައި 1990 ގެ އަހަރުތަކުގައި ހިންގިފައިވާ މަޝްރޫޢުތަކެކެވެ. މި ދެންނެވި ކަންކަމުން ވެސް މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ (ޙައްލު ނުވެ) އިތުރަށް ގޯސްވަމުން ދިއުމާއެކު ހުޅުލޭފަޅު ހިއްކައި، ހުޅުމާލެ ތަރައްޤީކުރައްވާން ފެއްޓެވިއެވެ. ހުޅުމާލެއިން ގޯތި ދޫކުރުމާއި، ފްލެޓާއި ރޯހައުސް ޢިމާރާތްކޮށް، ބޯހިޔާވަހިކަމުގެ ދަތިކަން ފޯރައިފައި ތިބި ފަރާތްތަކަށް ޚާއްސަކޮށްގެން ތަފާތު އިސްކީމްތަކެއް ވަނީ ހިންގިފައެވެ.”

ރައީސް ނަޝީދާއި ފްލެޓް

ފްލެޓްގެ މަފުހޫމަކީ ދިވެހިރާއްޖެއަށް ރައީސް މައުމޫނުގެ ޒަޢާމަތުގައި ތަޢާރުފުކުރެއްވި ކަމަކަށް ވިޔަސް ރައީސް މުޙައްމަދު ނަޝީދުގެ ރިޔާސީ ކެމްޕޭނުގެ އެންމެ މުހިއްމު ވަޢުދެއްކަމުގައި ފްލެޓްގެ ވަޢުދު ހެއްދެވިއެވެ. އެއީ އެ މަނިކުފާނު އަލަށް ތަޢާރުފުކުރައްވާ ކަމެއްކަމަށް މީހުންނަށް ހީވާ ވަރަށް އެ ވާހަކަފުޅުތައް ދެއްކެވިއެވެ. އެ މަނިކުފާނު 2008 ގައި ވެރިކަމަށް ވަޑައިގެން އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް އެކި ރަށްރަށުގައި އެކި ޢަދަދަށް ފްލެޓް އަޅުއްވައިދެއްވާނެކަމަށް ގެންދެވީ ވަޢުދުވެވަޑައިގަންނަވަމުންނެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 10,000 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުގެ މަސައްކަތްތަކާބެހޭ ގޮތުން 2011 ވަނަ އަހަރު މާރިޗު މަހު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވި ރޭޑިޔޯ ޚިޠާބެއްގައިވެސް ވާހަކަފުޅު ދައްކަވައިފައިވެއެވެ.

ރައީސް ނަޝީދުގެ ޒަޢާމަތުގައި، މާލެއާއި އެކި އަތޮޅުތަކުގައި ފްލެޓް އެޅުމުގެ ތަފާތު މަޝްރޫޢުތައް ހިންގަވަން ވަސައްކަތް ކުރައްވައިފައިވެއެވެ. އަދި އެކި މަސައްކަތްތައް އެކި ކުންފުންޏާ ޙަވާލުވެސް ކުރައްވައިފައިވެއެވެ. ރައީސް ނަޝީދު ފްލެޓްގެ ވާހަކަ ދައްކަވާލެއް ގިނަ ވެފައި އޭގެ ނަތީޖާ ނުފެންނާތީ މީސް މީހުން މަލާމާތަކަށް ރައީސް ނަޝީދަށް “ފްލެޓް ދޮންބެ”ގެ ނަން ވަނަމަކަށް ބޭނުންކުރާން ފެށުމުން ނަޝީދު އަމިއްލަ ފުޅަށް ވެސް ތިމަން މަނިކުފާނަކީ ފްލެޓް ދޮންބެއޭ ވިދާޅުވެ ފަޚުރުވެރިކަމާއެކު އެ ނަން ބަލައިގެންފައިވެއެވެ. އެކަމަކު ފްލެޓްގެ މަޝްރޫޢުތައް ކުރިޔަށް ގެންދަވައިފައިވަނީ މާބޮޑު ރޭވުންތެރިކަމެއް ނެތިއެވެ. ރަށްރަށުގައި ފްލެޓް އަޅުއްވާނޭކަމަށް ވަޢުދުވެ ވަޑއިގަންނަވާއިރު އެކަން ކުރައްވާނެ ގޮތުގެ އެއްވެސް ރޭއްވެވުމެއް ނޯވެއެވެ. މިސާލަކަށް ހައްދުންމަތީ މާވަށުގައި 50 ހައުސިންގ ޔުނިޓް އެޅުއްވުމުގެ ޢަމަލީ މަސައްކަތް ހަމަސްދުވަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ވަޢުދުވެވަޑައިގަތްތާ އެތައް އަހަރެއް ވީއިރު ވެސް އެކަމުގެ އެއްވެސް ޙަރަކާތެއް ނުހިނގާތީ 27 އޭޕްރީލް 2011 ގައި އެ ރަށަށް ވަޑައިގަތުމުން ރައްޔިތުން ނުކުމެ މުޒާހަރާ ވެސް ކޮށްފައިވެއެވެ. ފަހުން އެނގުނު ގޮތުގައި އެއީ ހަމަ ކުރީން އެކަމާ ވާހަކަވެސް ދެކެވިފައި ނެތްކަމެކެވެ. ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވާން ފެއްޓެވީމާ ހިތްޕުޅަށް އައި އެއްޗެއް ހަމަ ވިދާޅުވީއެވެ.

ރައީސް ނަޝީދުގެ ޒަޢާމަތުގައި އިންޑިއާގެ ޓާޓާކުންފުންޏަށް މާލޭގެ މުހިއްމު ބިންތަކެއް ފްލެޓްއެޅުމަށް ދޫކުރެއްވިއެވެ. ކުރިން ޢަރަބިއްޔާ ހުރި ބިމާއި އޯޑިއޯން ހުރި ބިމާއި ސަރުކާރު މުވައްޒިފުންގެ ނާދީ (ހ. ބްލޫ ހޭވަން) ހުރި ބިމާއި ގަލޮޅު ގާކޮށި ސަރަޙައްދު ފަދަ ބިންތައް ނުސިޔާނު ގޮތް ގޮތަށް ޓާޓާކުންފުންޏާ ގުޅިގެން އުފައްދައިފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެއް ކަމުގައިވާ އެޕެކްސް ރިއަލިޓީއާ ޙަވާލުކުރެވުނެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ޒަޢާމަތުގައި ފްލެޓާއި ގެދޮރުވެރިކުރުމުގެ ތަފާތު މަޝްރޫޢުތައް ފައްޓަވައިފައިވަނީ އޭގެ ބަދަލުގައި ރަށްރަށާއި ފަޅުފަޅު ނުއަގުގައި އެކި ފަރާތްތަކަށް ދެއްވާ ގޮތަށެވެ. މި ގޮތުން ސަރުކާރުން ހިލޭ ބިންތައް ދެއްވައި އަދި ސަރުކާރުން ޚަރަދުކުރައްވާ ގޮތަށް މާލޭ ހަތަރު ސަރަޙައްދެއްގައި ފްލެޓްއަޅާން “އެޕެކްސް ރިއަލިޓީ” އާއެކު ސަރުކާރުން 10 ނޮވެންބަރު 2010 ގައި އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ. މިއީ ގަލޮޅު ގާކޮށްޓާއި މއ. ވޭސައިޑް (ޢަރަބިއްޔާ ހުރި ބިން) އާއި ހ. ބްލޫ ހޭވަން (ސަރުކާރު މުވައްޒިފުންގެ ނާދީ ހުރި ބިން) އާއި މ. އޯޑިއޯން ހުރި ތާނގައި އަޅާން ކަނޑައެޅި “ލަގްޒަރީ ވިލާ” މޮޑެލް އަށް ޢިމާރާތްކުރާން ޙަވާލުކުރި ފްލެޓްތަކެކެވެ. ގ. ގާކޮށީގައި 198 ފްލެޓް އަޅާން ހަމަޖެއްސެވި އިރު ޢަރަބިއްޔާ ހުރި ޢިމާރާތުގައި އަޅާން ހަމަޖެއްސެވީ 90 ފްލެޓެވެ. ހ. ބްލޫ ހޭވަން ހުރި ތާނގައި 72 ފްލެޓާއި މ. އޯޑިއޯން ހުރި ތާނގައި 45 ހައުސިންގ ޔުނިޓް ޢިމާރާތްކުރާން ހަމަޖައްސަވައިފައިވެއެވެ. ނަމަވެސް މި މަޝްރޫޢުގެ ދަށުން ގާކޮށްޓާއި ވޭސައިޑް ހުރި ތަން ފިޔަވައި އަނެއް ދެ ތާނގައި މަސައްކަތެއް ނުވެސް ފަށައެވެ. ގާކޮށްޓާއި ވޭސައިޑް (އަރަބިއްޔާ) ހުރި ބިމުގައި ވެސް 18 އޭޕްރީލް 2011 ގައި މަސައްކަތް ފެށި ނަމަވެސް ތަފާތު މައްސަލަތަކާ ހުރެ މަސައްކަތް ކުރިޔަށް ދާގޮތެއް ނުވިއެވެ. މި މަސައްކަތް ވެސް ހިނގައިގަނެ ނިންމޭ ގޮތްވީ ރައީސް ޔާމީންގެ ސަރުކާރުން އެހެން ގޮތްތަކެއް ރާއްވަވައިގެން އަލުން މަސައްކަތް ޙަވާލުކުރައްވައިގެންނެވެ.

ނ. އަތޮޅު ވެރިކަން ކުރާ ރަށް ކަމުގައިވާ ނ. މަނަދޫގައި ވެސް 25 ހައުސިންގ ޔުނިޓެއް ޤާއިމުކުރުމުގެ މަސައްތް 2011 ވަނަ އަހަރު ޙަވާލުކުރެއްވިއެވެ. މި ފަދަ މަޝްރޫޢުތަކަކީ މާ ބޮޑު ރޭވުންތެރިކަމެއް ނެތި ކުއްލިޔަކަށް ކަމަކަށް ކަމެއް ކޮށްލެއްވުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް ވާތީ ރައީސް ނަޝީދު، ތިން އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވުމަށް ފަހު 2012 ގައި އިސްތިޢުފާދެއްވި އިރު ވެސް އެއިން ކަމެއްގެ ނަތީޖާއެއް ފެންނަ ގޮތެއް ނުވިއެވެ. ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ ދަށުން 2011 ވަނަ އަހަރު ނ. އަތޮޅުގެ ވެރިރަށް މަނަދޫގައި އިމާރާތްކުރާން ފެށި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ބައެއް ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ނިންމަވާންޖެހިވަޑައިގަތީ ރައީސް ޔާމީންގެ ސަރުކާރަށެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރެވުނު 15 ޔުނިޓެއްގެ މަސައްކަތް ނިންމަވައި 6 މެއި 2015 (އަންގާރަ ދުވަހު) ބައެއް ފަރާތްތަކާ ޙަވާލުކުރެއްވިއެވެ. އަދި ބާކީ 10 ހައުސިންގ ޔުނިޓްގެ މަސައްކަތް ވެސް 2016 ވަނަ އަހަރުގެ ކުރީކޮޅު ވަނީ މުޅިން ނިންމަވައިފައެވެ. މަނަދޫގައި އިމާރާތްކުރި ހައުސިން ޔުނިޓްތަކަކީ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެކެވެ.

ރައީސް ވަޙީދުގެ ޒަޢާމަތުގައި ފްލެޓް

ބޯހިޔާވަހިކަން ދިނުމުގެ އާ ފިޔަވައްސެއް 2013 ވަނަ އަހަރު ކުރީ ކޮޅު ފައްޓަވާނެ ކަމަށް 21 ނޮވެމްބަރު 2012 ގައި، އޭރުގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަހުމަދު މުއިއްޒު ވިދާޅުވި އެވެ. ވެލާނާގޭ ޕްރެސްރޫމްގައި އެ ދުވަހު ބޭއްވެވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ބޯހިޔާވަހިކަމުގެ އާ ފިޔަވައްސެއް 2013 ވަނަ އަހަރު ކުރީ ކޮޅު ފައްޓަވާނެ ކަމަށާއި އެކަމާ ބެހޭ އިދާރީ މަސައްކަތްތައް އޭރު ކުރިއަށްދާ ކަމަށެވެ. “އިރާދަކުރެއްވިއްޔާ 2013ގެ ކުރީކޮޅު އަޅުގަނޑުމެން އިތުރު ފިޔަވައްސެއް ފެއްޓުމަށް މަސައްކަތް މިކުރަނީ. ޔަގީންކޮށް އެ ކަން ފެއްޓޭނެ ތާރީޚެއް ދަންނަވައިލާން ދަތި ވަނީ އަދި ކުރިއަށް ދަނީ އިދާރީ މަސައްކަތްތައް ކަމަށް ވާތީ.” މިނިސްޓަރު އެ ދުވަހު ވިދާޅުވި އެވެ. މިނިސްޓަރު އެ ދުވަހު ވިދާޅުވީ އަލަށް ފަށާ ފިޔަވައްސަކީ ވެސް ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ މާލޭގެ ފަރާތްތަކަށް އެ މައްސަލަ ހައްލުކޮށްދިނުމަށްޓަކައި ފަށާ އިސްކީމެއް ކަމަށާއި އެ އިސްކީމްގެ ދަށުން ފްލެޓް އަޅާނީ ހުޅުމާލޭގައި ކަމަށެވެ. އަދި ވިދާޅުވީ މާލެ މިހާ ބޮޑަށް ތޮއްޖެހިފައި އޮތުމުން ބޯހިޔާވަހިކަމުގެ އެއްވެސް އާ މަޝްރޫއެއް މާލޭގައި ހިންގަވާން ގަސްދުކޮށްފައި ނުވާ ކަމަށެވެ.

ދ. ކުޑަހުވަދޫގައި 53 ހައުސިންޔުނިޓާއި ރ. ދުވާފަރުގައި 76 ހައުސިންގ ޔުނިޓާއި ލ. ފޮނަދޫގައި 85 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓާ 6 ސެޕްޓެންބަރު 2012 ގައި ސަރުކާރުން ޙަވާލުކުރެއްވިއެވެ. ދ. ކުޑަހުވަދޫ ހައުސިންގ ޔުނިޓްގެ މަސައްކަތް 28 ފެބްރުވަރީގައި، ރ. ދުވާފަރު ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް 30 ޖޫން 2013 ގައިފަށައިގަނެވުނެވެ.

ލ. ފޮނަދޫގައި އިތުރު 50 ގެޔެއް ޢިމާރާތްކުރުމުގެ މަސައްކަތް 9 ޖޫން 2016 ގައި ވަނީ ތަނބުރުމާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރެވިފައެވެ. މި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 23 ހައުސިންގ ޔުނިޓް ޚާއްޞަކުރެވިފައިވަނީ ގާދޫ ރައްޔިތުންގެ ތެރެއިން އަދި ގެދޮރުވެރިކުރެވިފައި ނުވާ ޢާއިލާތަކަށެވެ.

2013 ވަނަ އަހަރު މެއި 30 ވަނަ ދުވަހު ހަތަރު ރަށެއްގައި ހައުސިންގ ޔުނިޓްތަކެއް ބިނާކުރުމަށްޓަކައި ނޫމަޑި ރިސޯޓްއާއެކު ރައީސް ވަޙީދުގެ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ. އެއީ ހައްދުންމަތީ ގަމުގައި 200 ހައުސިންގ ޔުނިޓާއި ހދ. ނޮޅިވަރަންފަރާއި ހދ. ހަނިމާދުއާއި ތ. ވިލުފުފުށްޓާއި މިއިން ކޮންމެ ރަށެއްގައި 100 ހައުސިންގ ޔުނިޓް ބިނާކުރުމުގެ މަޝްރޫޢެކެވެ. އެކަމަކު މިއިން އެއްވެސް މަޝްރޫޢެއް މާ އެދެވޭ ގޮތެއްގައި ކުރިޔަށް ދާ ގޮތެއް ނުވިއެވެ.

ރައީސް ޔާމީނުގެ ޒަޢާމަތުގައި ގެދޮރުވެރިކަން

ރައްޔިތުން ގެދޮރުވެރިކުރުމަށްޓަކައި ޑރ. ވަޙީދުގެ ރިޔާސަތުގައި ފެއްޓެވި މަސައްކަތްތައް މާ އެދެވޭ ގޮތެއްގައި ކުރިޔަށް ދާ ގޮތެއް ނުވިއެވެ. 2013 ވަނަ އަހަރު މެއި 30 ވަނަ ދުވަހު ހަތަރު ރަށެއްގައި ހައުސިންގ ޔުނިޓްތަކެއް ބިނާކުރުމަށްޓަކައި ނޫމަޑި ރިސޯޓްއާއެކު ރައީސް ވަޙީދުގެ ސަރުކާރުން އެއްބަސްވެ ސޮއިކުރެވުނު މަސައްކަތްތައް ވެސް ކުރިޔަށް ދާ ގޮތެއް ނުވިއެވެ. މީގެ ތެރެއިން ހދ. ހަނިމާދޫގައި ޢިމާރާތްކުރާން ހަމަޖެހުނު ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްވެސް 2015 ޑިސެންބަރުގައި ނިންމެވީ ރައީސް ޔާމީންގެ ޒަޢާމަތުގައި ކުރެއްވި މަސައްކަތްތަކުގެ ސަބަބުންނެވެ.

ރައީސް ވަޙީދުގެ ޒަޢާމަތުގައި ޙަވާލުކުރެވިފައިވާ ގެދޮރުވެރިކުރުމުގެ މަސައްކަތުގެ ތެރެއިން ލ. ފޮނަދޫގައި ޢިމާރާތްކުރި ހައުސިންގ ޔުނިޓްގެ މަސައްކަތް ފެއްޓެވީ ރައީސް ޔާމީންގެ ޒަޢާމަތުގައި 15 މާރިޗު 2014 ގައެވެ. އަދި ކުރީ ސަރުކާރުތަކުން ފެއްޓެވި ހުރިހާ މަސައްކަތްތަކެއް ވެސް މަޑުޖެހި ނުވަތަ ހުއްޓިފައިވަނިކޮށް އާ ގޮތްތަކެއް ހޯއްދަވައިދެއްވައި އެ މަސައްކަތްތައް ބާރު އިސްޕީޑްގައި ކުރިޔަށް ގެންދަވައި އެ ހުރިހާ މަސައްކަތްތަކެއް ވެސް ނިންމަވައިފައިވަނީ ރައީސް ޔާމީންގެ ޒަޢާމަތުގައެވެ. މިހާރު އެތަންތަން ލިބެންވާ ފަރާތްތަކަށް ދޫކުރެވި ދިރިއުޅެން ފަށައިގަތީ ވެސް ރައީސް ޔާމީންގެ ޒަޢާމަތުގައެވެ. ފޮނަދޫގައި ޢިމާރާތްކުރެވުނު ހައުސިންގ ޔުނިޓަށް ދޫކުރެވުނީ ލ. ގާދޫގެ ރައްޔިތުން ފޮނަދުއަށް ބަދަލުވުމުން އެ ޢާއިލާތަކަށެވެ. ނަމަވެސް 23 ޢާއިލާއެއް ގެދޮރުވެރި ނުކުރެވި އޭރު ތިއްބެވެ. ނަމަވެސް ފަހުން ވަނީ އެ މައްސަލައަށް ވެސް ޙައްލު ހޯއްދަވައިދެއްވައިފައެވެ.

ޅ. މާފިލާފުށީގައި ދިރިއުޅުނު ރައްޔިތުން ގެދޮރުވެރިކުރުވުން

ރައީސް ނަޝީދުގެ ޒަޢާމަތުގައި 2011 ވަނަ އަހަރު އޭފްރީލް މަހު 5 ވަނަ ދުވަހު އޮތް ކެބިނެޓްގެ ޖަލްސާއަކުން ޅ. މާފިލާފުއްޓަކީ މީހުން ދިރި ނޫޅޭ (ފަޅު) ރަށެއް ކަމުގައި ކަނޑައެޅުއްވި އެވެ. ނަމަވެސް އެ ރަށުގައި ދިރިއުޅުނު ރައްޔިތުންނަށް ގެދޮރުވެރިކަމެއް ހޯދައިދެވިފައެއް ނުވެއެވެ. އެހެންކަމުން އެ ރައްޔިތުން އެހެން ތާކަށް ބަދަލުކުރެވިދާނެ ގޮތްކާ ބެހޭ ގޮތުން ރައީސް ވަޙީދުގެ ޒަޢާމަތުގައި (30 އެޕްރީލު 2013 ގައި) ކެބިނެޓަށް ކަރުދާހެއް ހުށަހެޅުއްވިއެވެ. އަދި ބައެއް ކަންކަން ފާސްކުރެއްވި ވެސް މެއެވެ. ނަމަވެސް ވަކި ގޮތެއް ނުނިމި ވަނިކޮށް ދައުރު ބަދަލުވީއެވެ. ރައީސް ޔާމީންގެ ޒަޢާމަތުގައި (24 ޑިސެންބަރު 2013ގައި) ވަޒީރުންގެ މަޖިލީހުގެ ސޯޝަލް ކައުންސިލުން އެކަން މުރާޖަޢާކުރައްވައި ކުރީން ނިންމެވި އުޞޫލަށް ބައެއް އިޞްލާޙުތައް ގެންނަވައިގެން އާ އުޞޫލެއް އެކުލަވައިލެއްވިއެވެ. އަދި ޢާއިލާތައް ބަދަލުކުރުމުގެ މަސައްކަތް މި އުޞޫލުގެ ދަށުން ކުރިޔަށް ގެންދެވުނެވެ.

މި ދެންނެވި އުޞޫލުގެ ދަށުން ބޯހިޔާވަހިކަމެއް ދިނުމުގެ މިންގަނޑަށް ނުފެތޭ ގޯތިތަކުގެ ބަދަލުގައި ގޯތި ދިނުމަށާއި އެ ގޯތިތަކުގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތްތަކަށް ބަދަލު ދިނުމަށް ހަމަޖެއްސެވިއެވެ.

ކޮންމެއަކަސް ރައްޔިތުންނަށް ހިޔާވަހިކަން ދިނުމުގެ މަޝްރޫޢުތަކަކީ 1990 ގެ އަހަރުތަކުން ފެށިގެން ހުރިހާ ސަރުކާރުތަކަކުން ވެސް ހިންގަވައިފައިވާ މަޝްރޫޢުތަކެކެވެ. ތަފާތަކީ އެކި ސަރުކާރުތަކުން އެ މަސައްކަތް ކުރިޔަށް ގެންދެވި ގޮތާއި އިސްޕީޑެވެ.

ގެދޮރުވެރިކުރުމުގެ މަޝްރޫޢުތައް މެކުހަށް

ކުރިން ދެންނެވި ހުރިހާ މަޝްރޫޢުތަކެއް ހިންގި އިރު ވެސް އަދިވެސް “ރާއްޖެއަށް، ވަކިން ޚާއްޞަކޮށް މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ގޯތިގެދޮރުވެރިކަމުގެ ދަތިކަމެވެ. މި ކަމަށް ޙައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދެވެ. އެ ގޮތުން ގެދޮރު ނެތުމުގެ ނިކަމެތިކަން ފިލުވުމާއި ގެދޮރުގެ ތަނަވަސްކަން އިތުރުކުރުމަކީ ރައީސް ޔާމީންގެ އިންތިޚާބީ ވަޢުދެކެވެ. އެ ގޮތުން ސަރުކާރުގެ އަމާޒަކީ ގެދޮރުގެ ތަނަވަސްކަން އިތުރުކުރުމަށް ތަފާތު ފުރުޞަތު ހޯދައިދިނުމެވެ. “ގެދޮރުވެރިކުރުން” މި ޕްރޮގްރާމަކީ މިގޮތުން ބޯހިޔާވަހިކަން ހޯދައި ދިނުމަށް ސަރުކާރުން ފްލެޓް ޢިމާރާތްކޮށް ދޫކުރުމާއި، ސަރުކާރުން އެހީތެރިވެގެން އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ފުރުޞަތު ތަނަވަސް ކުރުމަށް ހިންގޭ ޚާއްޞަ ޕްރޮގްރާމެކެވެ.” ރައީސް ޔާމީން ބޭނުންފުޅުވީ ރައްޔިތުންގެ ހަމައެކަނި ބޯހިޔާކޮށްލައިދެއްވާކަށް ނޫނެވެ. އެ މީހުންނަކީ އަމިއްލަ ގެދޮރުވެރިކަމެއްގެ ވެރި ބަޔަކަށް ހައްދަވާށެވެ. މި ތަޞައްވުރުގެ ދަށުން “ބޯހިޔާވަހިކަމުގެ މަޝްރޫޢު”ގެ ބަދަލުގައި ރައީސް ޔާމީން ގެންގުޅުއްވީ “ގެދޮރުވެރިކުރެއްވުމުގެ” ސިޔާސަތެކެވެ.

“ގެދޮރުވެރިކުރުން” މި ޕްރޮގްރާމުގެ ދަށުން މާލޭން ދޫކުރެވޭ ފުލެޓުތަކުގެ އިސްކީމު ބަހައިލެވިފައި ވަނީ ތިން ގިންތިއަކަށެވެ.

ގިންތި 1 ޚާއްޞަކުރެވިފައިވަނީ މާލޭގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތައް ވެސް ހިމެނޭނީ މި ގެންތީގައެވެ. މި ގިންތީގެ ޝަރުޠުތަކެއްގެ ގޮތުގައި ކަޑައަޅާފައިވަނީ؛ މާލޭގެ ރަށްވެއްސަކަށްވުމާއި، ޢުމުރުން 18 އަހަރުވެފައިވުމާއި، ތިމާއަށް ނުވަތަ ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މާލެއިން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ 1000 އަކަފޫޓަށްވުރެ ބޮޑު ތަޅުމުގެ އޭރިއާއެއް ލިބެން ނެތުން ނުވަތަ މަންމަ ނުވަތަ ބައްޕަ ފަރާތުން މާލެއިން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބެން ނެތުން ނުވަތަ 1000 އަކަފޫޓަށްވުރެ ބޮޑު ތަޅުމުގެ އޭރިއާއެއް ލިބެން ނެތުމާއި، 600 އަކަފޫޓަށްވުރެ ބޮޑު ތަޅުމުގެ އޭރިއާގެ އެއްމެދު ފްލެޓެއް ލިބިފައި ނެތުމާއި، އަދި މާލެއިން ލިބިފައި އޮތް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި މީހަކަށް ދީ ނުވަތަ ވިއްކައިލައިފައި ނުވުމެވެ. މި ގިންތީގައި ޕޮއިންޓްދިނުމުގައި ބަލާނީ މާލޭގައި ރަށްވެހިވެފައިވާ މުއްދަތަށާއި، 18 އަހަރުން ދަށުގެ ދަރިންނަށާއި، މާލެއިން އެމީހެއްގެ، އަދި އެމީހެއްގެ މައިންބަފައިންގެ އަދި އަނބި/ފިރިމީހާގެ ބޯހިޔާވަހިކަން ހުރި މިންވަރަށާއި އަދި އެމީހެއްގެ ދިރިއުޅުމުގެ ޙާލަތަށެވެ.

ގިންތި 2 ޚާއްޞަކުރެވިފައިވަނީ ރަށްރަށުގެ ރަޖިސްޓްރީގައި ތިބި، ނަމަވެސް ދިރިއުޅުން މާލެއަށް ބަދަލުކޮށްގެން މާލޭގައި ގިނަދުވަހު ދިރިއުޅެމުން ގެންދާ ފަރާތްތަކަށެވެ. މި ކެޓަގަރީގެ ޝަރުޠުތަކެއްގެ ގޮތުގައި ކަޑައަޅާފައިވަނީ؛ މާލޭގެ ދިރިއުޅޭތާ 5 އަހަރުވެފައިވުން، ޢުމުރުން 18 އަހަރުވެފައިވުން، ތިމާއަށް، ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މާލެއިން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ 1000 އަކަފޫޓަށްވުރެ ބޮޑު ތަޅުމުގެ އޭރިއާއެއް ލިބެން ނެތުން ނުވަތަ މަންމަ ނުވަތަ ބައްޕަ ފަރާތުން މާލެއިން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބެން ނެތުން ނުވަތަ 1000 އަކަފޫޓަށްވުރެ ބޮޑު ތަޅުމުގެ އޭރިއާއެއް ލިބެން ނެތުން، 600 އަކަފޫޓަށްވުރެ ބޮޑު ތަޅުމުގެ އޭރިއާގެ އެއްމެދު ފްލެޓެއް ލިބިފައި ނެތުން، އަދި މާލެއިން ލިބިފައި އޮތް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި މީހަކަށް ދީ ވިއްކާލާފައި ނުވުމެވެ. މި ކެޓަގަރީގައި ޕޮއިންޓްދިނުމުގައި ބަލާނީ މާލޭގައި ވަޒަންވެރިވެފައިވާ މުއްދަތަށާއި، 18 އަހަރުން ދަށުގެ ދަރިންނަށާއި، މާލެއިން އެމީހެއްގެ އަދި އެމީހެއްގެ މައިންބަފައިންގެ އަދި އަނބި/ފިރިމީހާގެ ބިންވެރިކަން ހުރި މިންވަރަށާއި އަދި އެމީހެއްގެ ދިރިއުޅުމުގެ ޙާލަތަށެވެ.

ގިންތި 3 ޚާއްޞަ ކުރެވިފައިވަނީ މާލޭގެ ބިމުގެ ދަތިކަމުގެ ސަބަބުން ދަތި ޙާލުގައި ދިރިއުޅޭ ބިންވެރި ޢާއިލާތަކަށް ލިބިފައިވާ ބިން ދައުލަތަށް ލިބޭ ގޮތަށް، އޭގެ ބަދަލުގައި އެ ގޯއްޗެއްގެ މިލްކުވެރިކަމުގައިވާ ހުރިހާ ފަރާތްތަކަށް ފްލެޓް ލިބޭ އުޞޫލުން ހިންގޭ ކެޓަގަރީއެކެވެ. މި ކެޓަގަރީއިން ފްލެޓް ލިބޭ ފަރާތްތަކަށް އެފަރާތަކުން ދޫކޮށްލާ ބިން އަގުކޮށް އެ އަގު ފްލެޓްގެ އަގުން ކަނޑައިދެވޭނެއެވެ. ބިމުގެ އަކަފޫޓަކަށް ޖެހޭ އަގު ކަޑައެޅިފައިވަނީ ދޫކޮށްލަން ހުށަހަޅާ ގޯތީގެ ސައިޒުގެ ނިސްބަތުންނެވެ. ބިން އަގުކުރި ނަމަވެސް ދޫކޮށްލާ ގޯތީގައި ކޮށްފައިވާ ޢިމާރާތަކަށް އިތުރު ބަދަލެއް ނުލިބޭނެއެވެ. މި ކެޓަގަރީގައި ޝަރުޠުތަކަކީ 18 އަހަރުފުރިފައިވުން، 600 އަކަފޫޓަށްވުރެ ކުޑަނޫން ގޯއްޗެއްގެ މިލްކުވެރިންކަމުގައިވުން އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކޮށްފައިވާ ގޯއްޗެއް، ފްލެޓެއް ނުވަތަ ރޯ ހައުސްއެއް ތިމާއަށް ލިބިފައިނުވުމެވެ. ދޫކޮށްލާން ހުށަހަޅާ ބިމުގެ މިލްކުވެރިންގެ ތެރޭގައި ހިމެނޭ ފަރާތެއް ނުވަތަ ފަރާތްތަކެއް މިއިން ޝަރުތަކަށް ނުފެތޭ ނަމަ އެފަރާތަކަށްވާ ބިމުގެ އަގު ލިބޭ ގޮތަށް އެއްބަސްވާ ނަމަ، އެބިމުގެ މިލްކުވެރިކަމުގައި ދެންތިބި ފަރާތްތައް ބެލެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކެއްގެ ގޮތުގައެވެ. މި ކެޓަގަރީ ގައި ބަލާނީ ދޫކޮށްލާ މުޅި ގޯތީގެ ސައިޒަށާއި، ގޯތީގެ މިލްކުވެރިންގެ ތެރެއިން ކޮންމެ މީހަކަށް ލިބޭ ބިމުގެ މިންވަރަށެވެ.

“ބޯހިޔާވަހިކަމުގެ” ވަޢުދާއެކު ވެރިކަމަށް ވަޑައިގަތް ރައީސް ނަޝީދު ފެއްޓެވި ފްލެޓް އެޅުމުގެ ހުރިހާ މަޝްރޫޢުތަކެއް އެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގެ ދޯދިޔާކަމުން ވަނީ ނާކާމިޔާބުވެފައެވެ. ރައީސް ވަޙީދު ފެއްޓެވި މަސައްކަތްޕުޅުތައް ވެސް މާ އެދެވޭ ގޮތެއްގައި ކުރިޔަށް ގޮސްފައެއް ނުވެއެވެ. އެހެންކަމުން އެ ހުރިހާ މަސައްކަތްތަކެއް ވެސް ނިންމަވައި އާ މަޝްރޫޢުތަކެއް ފައްޓަވަންޖެހުނީ ރައީސް ޔާމީނަށެވެ. ކުރީން ވެސް ދަންނަވައިލެވުނު ފަދައިން އެ މަނިކުފާނު ބޭނުންފުޅުކުރެއްވި މަފުހޫމަކީ “ބޯހިޔާވަހިކަމެއް” ނޫނެވެ. އެ މަނިކުފާނު ބޭނުންފުޅުކުރެއްވީ “ގެދޮރުވެރިކުރުން” މި މަފުހޫމެވެ. އެހެނީ ދިވެހީންނަށް ބޭނުންވެގެން މި އުޅެނީ ބޯހިޔާކޮށްލާނެ ފަދައެއް ނޫނެވެ. ދިވެހީންނަށް ބޭނުން ވެގެން މި އުޅެނީ އަމިއްލަ ހިޔާވަހިކަމެއް އަމިއްލަ ގެދޮރެއް ހޯދުމެވެ. އެހެންކަމުން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ނަމަށް ވުރެ، “ގެދޮރުވެރިކުރުމުގެ” ނަން މާ އެކަށީގެންވާކަން ކަށަވަރެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައްޔިތުން ގެދޮރުވެރިކުރެއްވުމަށްޓަކައި ހަމައެކަނި އިޤްތިޞާދީ ގޮތުންނާއި ޢުމްރާނީ ގޮތުން މަސައްކަތްޕުޅުތަކެއް ކުރެއްވީކީ ނޫނެވެ. ޤާނޫނީ ގޮތުން ވެސް ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވީއެވެ. މި ގޮތުން “މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް” ދެވަނަ އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި އެ ބިލު 2014 ވަނަ އަހަރު ނޮވެންބަރު މަހުގެ 10 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކުރެއްވިއެވެ. އެ ބިލު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގުކުރެއްވީ 23 ނޮވެންބަރު 2014 ގައެވެ. 61 މެންބަރުންގެ އިއްތިފާގުން ފާސްކުރެއްވި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނެވުނު އެ އިސްލާހުގައި ބުނެފައިވަނީ ސަރުކާރުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރުއޫތަކުގެ ދަށުން ސަރުކާރު ނުވަތަ ތިން ވަނަ ފަރާތެއް މެދުވެރިކޮށް ވިއްކާ ގޯތި ނުވަތަ ފުލެޓް ނުވަތަ އިމާރާތުން ޖީއެސްޓީ ނުނެގޭނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ ތަންތަންތާގެއަގު ވަރަށް ބޮޑަށް ހެޔޮވިއެވެ.

ރައީސް ނަޝީދުގެ ޒަޢާމަތުގައި އެޕެކްސް ރިއަލިޓީއާ ޙަވާލުކުރެއްވި މަސައްކަތްތައް ހުއްޓިފައި ވަނިކޮށް އެ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ފެއްޓުމަށްޓަކައި ކެބިނެޓްގެ އިކޮނޮމިކް ކައުންސިލާއި މިނިސްޓަރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާ މަޝްވަރާކޮށް އެގްރީމެންޓް އިޞްލާޙުކޮށް އަލުން ސޮއިކުރެވުނީ 2014 ވަނަ އަހަރު ސެޕްޓެމްބަރު 14 ވަނަ ދުވަހުއެވެ. މި ފްލެޓްތަކުގެ މަސައްކަތް 2016 ވަނަ އަހަރު އޭޕްރީލް މަހު ނިމި، ފްލެޓްތައް ލިބެންވާ ފަރާތްތައް ވަނީ ޙަވާލުކުރެވިފައެވެ. އަދި ގިނަ ޢާއިލާތަކުން މިހާރު އެ ފްލެޓްތަކުގައި ދިރިވެސް އެބަ އުޅެއެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ “ހިޔާ” މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރުން 18 ނޮވެންބަރު 2017 ވީ ހޮނިހިރުދުވަހުގެ ރޭވަނީ ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި “ހިޔާ” މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި، މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މިއީ ގާތްގަނޑަކަށް އެއްލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމަވާފައިވާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީ ކުރާ ހައުސިންގ ޔުނިޓްތަކަކީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ވަޢުދާއި ހަމައަށް ވާސިލްވުމަށް އަޅާ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި، މިއީ މުޅި ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ކުރިއަށް ނުގެންދާވަރުގެ ބިޔަ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ހުޅުމާލޭ 2 ވަނަ ފިޔަވިއްސަކީ ރައީސް ޢަބްދުﷲ ޔާމީންގެ ޒަޢާމަތުގައި “ޒުވާނުންގެ ސަހަރު”ގެ ގޮތުގައި ތަރައްޤީކުރެއްވުމަށްޓަކައި ކުޑަ މުއްދތެއްގެ ތެރޭގައި ހިއްކެވި ބިޔަ ފަސްގަނޑެކެވެ.

“ހިޔާ” މި މަޝްރޫޢަކީ ސަރުކާރު ކުންފުނިތަކާއި، ބައެއް މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ޔާމީންގެ ޒަޢާމަތުގައި ފެއްޓި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ސަރުކާރުގެ ގިނަ ކުންފުނިތަކަކާއި އޮފީސްތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެ ފަރާތްތަކުގެ ޢާއިލާތަކުގެ އިތުރަށް، އާއްމުންގެ އެތައް ރައްޔިތުންނަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް، ބޮޑު ހައްލެއް ލިބިގެންއަންނާނެ މަޝްރޫޢެއްކަމަށް ސަރުކާރުން އޭރު ވިދާޅުވެފައިވެއެވެ.

ރައީސް އިބްރާހީމް މުޙައްމަދުގެ ސަރުކާރުގެ ގިނަ ވަޒީރުން ފެންނަނީ ކަންކަން ކުރިޔަށް ގެންދަވާނެ ގޮތް އެނގިވަޑައިނުގެން އަބަދުވެސް “ކުރީ ސަރުކާރު”ގެ ބޮލުގައި ބަދުނާމު އެޅުވޭތޯ އުޅުއްވާތީއެވެ. މި ގޮތުގެ މަތީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރަނީ ކޮތަރުކޮށިތަކެއްކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެ މަސައްކަތް މަޑުޖެއްސުވިއެވެ. އަދި މަހަކު ހަހާސް ރުފިޔާގެ އިންސްޓޯލްމަންޓެއް ދައްކައިގެން އެތަންތަން މިލްކު ކުރެވޭ ގޮތަށް ނިންމަވައިފައި އޮތް އޮތުމަށް ފާޑުވިދާޅުވެ، އެ ކަމަށް ގޮންޖައްސަވައި އެ އަގަށް ދޫ ނުކުރެއްވޭނެ ކަމަށް ޚުދު ރައީސް މުޙައްމަދު ޞާލިޙު އިޢުލާންކުރެއްވިއެވެ. އަދި އިންސްޓޯލްމަންޓަށް 12 ހާސް ނުވަތަ 13 ހާސް ރުފިޔާ އަރާނެކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެތަންތާނގެ އިންސްޓޯލްމަންޓް ހަހާސްރުފިޔާއަށް ވުރެ ބޮޑޫކޮށްގެން ނުވާނެކަމަށް ކަނޑައަޅުއްވައި ރައީސް ޔާމީންގެ ސަރުކާރުން އެޗްޑީސީއާއި ހައުސިންގ މިނިސްޓްރީއަށް ފޮނުއްވި ސިޓީ ވެސް ފަހުން ލީކުވިއެވެ. އަދި އެ ފްލެޓްތަކުގެ އަގާ ބެހޭ ގޮތުން ޗައިނާ ސަފީރު ތަފްޞީލުތަކެއް ދެއްވުމުން އެނގުނު ގޮތުގައި، ހަހާސް ރުފިޔާގެ އިންސްޓޯލްމަންޓަކަށް ވުރެ އެ ތަންތާގެ އަގު ބޮޑުކުރާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިނާތައް އިމާރާތްކުރުން މަޑުޖައްސަވައިފައި އޮތުމަށްފަހު، ފްލެޓްތަކުގެ ލިފްޓްހަރުކުރުމަށް ސަރުކާރުގެ ގާތްކުންފުންޏަކަށް ޙަވާލުކުރެވުނު ހިސާބުން، ކުރީން “ކޮތަރުކޮށިތަކެކޭ” ވިދާޅުވި ތަންތަން “އޯކޭ” ވެއްޖެއެވެ. އަދި ކުރީ ސަރުކާރުން ހަހާސް ރުފިޔާއަށް ހަމަޖައްސައިފައި އޮތް އޮތުން 12 ހާސް 13 ހާހަށް ބަދަލުކުރެއްވުމުން ކުރީ ސަރުކާރުން ކަނޑައެޅުއްވި އަގު ރައްޔިތުން ހަނދާންނެތޭނެކަމަށް ހީފުޅުކުރައްވައި މި ތަންތާގެ އަގު (އިންސްޓޯލްމެންޓް) މަހަކަށް ހަހާސް ރުފިޔާއަށް ކުޑަކުރައްވާނޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިހާރު ވިދާޅުވެއްޖެއެވެ. ނަމަވެސް އެއީ މި ރައީސްކުރެއްވި ކަމެއް ނޫންކަމާއި އެއީ މާކުރީއްސުރެ އެކަށައަޅައިފައި އޮތް އަގެއްކަން ޢާއްމު ބައެއް ރައްޔިތުންނަށް ނޭނގުނަސް އެކަން ދަންނަ ބަޔަކަށް އެނގޭނއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.