web analytics
ރިޕޯޓް ސިއްޙަތު

ނައްތާލި ބަލި އަލުން ފެނުނީ ކޮން ގޯހެއް ހެދިގެން؟

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު 134،000 އަށް ވުރެ ގިނަ މީހުން މީސުލްސް (ހިމަބިހި) ޖެހިގެން މަރުވެ އެވެ. ގައިންގަޔަށް އަރައި، ވަރަށް ހަލުއިކަމާ އެކު ފެތުރި، ލޮލުގެ ފެނުމާއި ފުއްޕާމެ އާއި ސިކުނޑިއަށް ގެއްލުން ދޭ މި ނުރައްކާތެރި ބަލި ޖެހޭ ކުދިންގެ ތެރެއިން 10 ޕަސަންޓު މަރުވެ އެވެ.

ރާއްޖޭގައި ކުރިން ހިމަބިހި ވަރަށް އާންމުވެފައި ބިރު ބޮޑެވެ. އެ ބަލި ކޮންޓްރޯލް ކުރުމަށް 1983 ގައި މީސުލްސް ވެކްސިން ޖަހަން ފެށި އެވެ. އެގޮތުން ނުވަ މަހުގައި ކުދިންނަށް އެ ވެކްސިން ދިނުމާއި ވެކްސިން ޖަހަން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރު ކުރުމުގެ ނަތީޖާއަކަށްވީ، އެ ބަލި ރިޕޯޓު ކުރާ މިންވަރު މަދުވަމުން ގޮސް 2009 ވަނަ އަހަރަށް ފަހު އެއްގޮތަކަށް ވެސް އޭގެ އަސަރެއް ނުފެނުމެވެ.

އެކަމާ ގުޅިގެން 2017 ވަނަ އަހަރުގެ ޖޫން 13 ގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއް ކަމަށް ކަނޑައަޅައި، އެކަން އިއުލާންކޮށްފަ އެވެ. އެގޮތުން މި ސަރަހައްދުގައި އެ ކަން ކުރެވުނު ދެ ގައުމުގެ ތެރެއިން އެއް ގައުމަކަށް ރާއްޖެވާތީ ހާާއްސަ އެވޯޑެއްދީ އެކަން ވެސް ފާހަގަ ކުރި އެވެ.

އެހެން ނަމަވެސް ރާއްޖެއިން ހިމަބިހީގެ އަލާމާތެއް ނުފެންނަތާ 11 ވަރަކަށް އަހަރު ފަހުން މިވަނީ އެ ބަލީގެ ކޭސްއެއް އަލުން ފެންމަތިވެ ފެތުރިދާނެ ކަމުގެ ބިރު ހީވެފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖަންސީން ވަނީ އެ ބައްޔަށް ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.

މީގެ އިތުރުން ހިމަބިހީގެ ނުރައްކާ އަލުން ވެރިވެފައި މިވަނީ ވަރަށް ގޯސް ދަނޑިވަޅެއްގަ އެވެ ދިރާސީ އާ އަހަރު ފެށި ސްކޫލުތަކަށް ކުދިން ކިޔަވަން ދާ ދުވަސްވަރު ކަމަށްވާތީ މައްސަލަ އިތުރަށް ސީރިޔަސްވެ، ކަންބޮޑުވުން އިންތިހާއަށް ވަނީ ބޮޑުވެފަ އެވެ. އެއާއެކު ތަފާތު ވާހަކަތަކާއި ސުވާލުތައް ގިނަ ބަޔަކު ވަނީ ކުރަން ފަށައިފަ އެވެ.

ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއް މި ހުރިހާ ދުވަހު ނުފެނި ހުރެފައި މިހާރު ކުއްލިއަކަށް ފެންނަންވީ ކީއްވެ ހެއްޔެވެ؟ ގައުމު ބަލިމަޑުކަމަކާ ދިމާލަށް ފަހަތައް މި ވެއްޓުނީ ވެކްސިން ޖަހަން ދެކޮޅު ހަދާ ބަޔަކާ ހެދި ހެއްޔެވެ؟ އެ ނޫން ނަމަ ހެދިގެން މިއުޅެނީ ކޮން ގޯހެއް ހެއްޔެވެ؟

ވެކްސިން ޖަހަން ދެކޮޅު ހެދުން
ހިމަބިހި ފެނުމާ ގުޅިގެން އެންމެ ބޮޑު ސަމާލުކަން އެނބުރިފައި ވަނީ ވެކްސިން ދިނުމަށް ދެކޮޅު ހެދި އާއިލާތަކަށެވެ. ދާދި ފަހުން ހަރުކަށި ފިކުރުގެ ވިސްނުމުގެ ބައެއް ކަމަށް ތުހުމަތު ކުރެވޭ އާއިލާއަކުން ކުދިންތަކަކަށް ވެކްސިން ވަނީ ދީފަ އެވެ. އަދި ވެކްސިން ފަދަ ސިއްހީ ކަންކަން ފޯރުކޮށް ނުދޭ އެތައް އާއިލާއެއް އުޅެމުންދާ ކަމުގެ އަޑު އޮތީ ގަަދަވެފަ އެވެ. އަދި ހިމަބިހި ޖެހިފައި ވަނީ ވެސް އެފަދަ ކުއްޖެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިކަންކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މައްސަލަ އެނބުރިގެން އައި އެންމެ ހީކުރި ގޮތަކަށް ނޫނެވެ. ދީނީ ގޮތުންނާއި ސިއްހީ ގޮތުން މިކަމާ ބެހޭ ނުބައި މައުލޫމާތު ފެތުރި، ހޭލުންތެރިކަން އޮތީ ކުޑަވެފަ އެވެ. އަދި ޝައްކުތަކެއްގެ މަތީގައި އެތައް ބަޔަކު ތިބެ ވެކްސިން ޖަހަން ދެކޮޅު ހަދަ އެވެ.

ސްކޫލުތަކަށް ކުޑަކުދިން ފޮނުވުން މި ދުވަސްވަރު ރައްކާތެރިތޯ މީހަކު ޓުވިޓާގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި މާލޭގައި ވެސް އަދި އެހެން ރަށްރަށުގައި ވެސް ވެކްސިން ނުޖަހާ ކުދިން “އަޑިއަޑިން” ސްކޫލުތަކަށް ވައްދަ އެވެ. އަދި ވަރަށް ގިނަ ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި އެބަހުއްޓެވެ. އެކަމާ ގުޅިގެން ބައެއް އެހެން ޑޮކްޓަރުން ވެސް ވަނީ ވެކްސިން ނުޖަހާ ކުދިން ސްކޫލަށް ވެއްދުވުން ހުއްޓުވަން ގޮވާލައިފަ އެވެ.

އެކަމާ ބެހޭ އިތުރު ތަފްސީލެއް ދެއްވަމުން މި މައްސަލަތައް މިހާރު ވަރަށް ކައިރިން ބަލަމުން އަންނަ ޑޮކްޓަރަކު “އަވަސް”އަށް ވިދާޅުވި ގޮތުގައި ވެކްސިންއަކީ އެ އޮންނަ އުމުރުގައި ޖަހަން ޖެހޭ އަދި ނުޖަހައިފި ނަމަ ހަމައެކަނި ކުއްޖާގެ ބަދަލުގައި މުޅި މުޖުތަމައުއަށް ވެސް އޭގެ އަސަރު ފޯރާނެ ކަމެކެވެ. މީގެ ކުރިން އެހެން ގައުމުތަކުގައި މީސުލްސް ވެކްސިން ޖަހަން ދެކޮޅު ހެދުމުން ވަނީ އަލުން ވަރަށް ބޮޑަށް ހިމަަބިހި ފެތުރިފަ އެވެ. އަދި ރާއްޖޭގައި ވެސް ވެކްސިން ނުޖަހާ ތިބޭ ކުދިން ގިނަވި ވަރަކަށް އަލުން އެ ބަލިތައް ފެންނަން ފަށައި އެ ފެތުރުމުގެ ފުރުސަތު އެބައޮތެވެ.

“ހާއްސަކޮށް ހިމަބިހި ހުރި ކުއްޖަކު އިޝީން ތަނެއްގައި އޭގެ ބައިގަޑިއިރު ފަހުން އެހެން ކުއްޖަކު އައިސް އިޝީންދެފިއްޔާ ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އެބައޮތް. މިއީ ވަރަށް ހަލުވި މިނެއްގައި ވަރަށް ގިނައިން ފެތުރޭ ކަމެއް. އެހެންގައުމުތަކަށް ވުރެ އަވަހަށް ރާއްޖެއިން އެ ބަލި ނައްތާލެވުނީ އެއީ ހަމައެކަނި އާބާދީ ކުޑަވުމެއް ނޫން. އެކަން ކުރެވުނީ ވެކްސިން ޖެހި މީހުންގެ އާބާދީ ބޮޑުވީމަ. ބައެއް ގައުމުތަކުން ވެސް އޭގެ މިސާލު އަޅުގަނޑުމެންނަށް ފެނޭ. ބަލި ނައްތާލުމުގެ އެންމެ ބޮޑު ހުރަހަކަށްވާނީ ވެކްސިން ނުޖަހާ އާބާދީ ބޮޑުވުން،”

ބަލިތައް ވަންނަން އެހެން ދޮރެއް!
ހިމަބިހި އަލުން ފެތުރެން ފެށީ ވެކްސިން ނުޖަހާތީ ކަމަށް ގިނަ ފަރާތްތަކުން ބުނިކަމުގައިވީ ނަމަވެސް އެކަމާ ކޮންމެވެސް މިންވަރަކަށް ހިޔާލު ތަފާތުވުމެއް ވެސް އުޅެ އެވެ. އެއީ “ރާއްޖެއިން ހިމަބިހި ނައްތާލައިފީމޭ” ބުނެ އެވޯޑު ހިފައިގެން ތިބިއިރު ހިމަބިހި ނައްތާ ނުލައި ހުރި ގައުމުތަކުން، އަދި އެ ވެކްސިން ޖަހާފައި ހުރި ކަމެއް ވެސް ނޭނގޭ އެތައް ބަޔަކު ކޮންމެ ދުވަހަކު ރާއްޖެ އައިސް މިތަނުގައި ތާށިވެފައި އެބަހުއްޓެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖެއަށް އެފަދަ ބައްޔެއް އަލުން އަނބުރާ ފެނުމަށް ދިމާވެދާނެ އެންމެ ބޮޑު ސަބަބަކީ ބިދޭސީންގެ މައްސަލަ އޮތް ހާލެވެ. ސަބަބަކަށް އޭނާ ވިދާޅުވީ މިހާރު ބައެއް ހެލްތު ސްކްރީނިން ޓެސްޓުތަކެއް ހެދި ނަމަވެސް ޓޫރިސްޓު ވިސާ އާއި އެފަދަ ގިނަ އެހެން ގޮތްގޮތަށް ބިދޭސީން މި ގައުމަށް އެތެރެވެ އެވެ. އަދި މިހާރު ވެސް މިގައުމުގައި ތާށިވެފައި ތިބި ކަމަށް ބުނާ ބޮޑު އާބާދީގެ ބިދޭސީން ތިބި ހާލެއް ވެސް ނޭނގޭއިރު އެފަދަ މީހެއްގެ ކައިރިން ބައްޔެއް ނުފެންނާނެ ކަމަށް ބުނުމަކީ ގޯހެވެ.

“ދުނިޔެ މިހާރު މި އޮތީ ދަތުރުފަތުރު ގުޅާލާފައި. ގައުމަށް ކޮންމެ މީހަކު ވެސް ވަދެ ނިކުމެ ހަދަންވީ މަސައްކަތް ވެސް ކުރަންވީ. މިސާލަކަށް ރާއްޖެއިން އެކީ ބައްޔެއް ނައްތާލާފައިވީ ނަމަވެސް އެ ބައްޔަށް ވެކްސިން ނުޖަހާ ހުރި ނުވަތަ އޭގެ އަސަރުތަކެއް ހުރި މީހަކު މި ގައުމަށް ވަދެ މިތަނުގައި ދިރިއުޅެން ފެށީމަ ފެތުރުމުގެ ފުރުސަތު އޮންނާނެ،” އޭނާ ވިދާޅުވި އެވެ.

ވެކްސިންއަށް ދީނީ އަދި ސިއްހީ ނަޒަރެއް
ވެކްސިން ޖެހުމާ ބެހޭ ގޮތުން މީހުން ސޯޝަލް މީޑިއާގައި މިހާރު ފާޅު ކުރާ ހިޔާލުތަކާއި ކޮމެންޓުތަކުގައި ކުރާ ބަހުސްތަކަށް ބަލައިއިރު ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން އެކަމުގައި ދީނީ ގޮތުންނާއި ސިއްހީ ގޮތުން އުޒުރުތަކެއް ދައްކަ އެވެ. ނަމަވެސް ބުރަދަނެއް ހުރި ފެކްޓުތަކެއްގެ މައްޗަށް ބިނާކޮށް ވާހަކަ ދައްކާތަނެއް ނުފެނެ އެވެ. އެކަން އޮންނަނީ މީހުންގެ ބައެއް މީހުންގެ މެދުގައި ވަރަށް ބޮޑަށް އޮޅިފަ އެވެ.

ބައެއް މީހުން ބުނާ ގޮތުން ވެކްސިންއަކީ ރަސޫލުންގެ ޒަމާނުއްސުރެން ކޮށް އުޅުނު ކަމެއް ނޫނެވެ. އަދި މަންމަ ނުވަތަ މާމަމެންގެ ޒަމާނުގައި އެ ނުޖެހުމުން ކުދިންގެ އަހުލާގު ވަރަށް ރަނގަޅެވެ. ނުބައި މަގަށް ކައްސާލައި މިންވަރު ކުޑަ އެވެ. އަދި އެ ޒަމާނުގައި އޯޓިޒަމް އާއި ޑައުންސިންޑްރަމް ފަދަ ބަލިތަކެއް ވެސް މިހާ އާންމެއް ނޫނެވެ. އެކަމަކު މިހާރު ވެކްސިން ޖަހަން ފެށުމުން ކުދިން ނުބައިވުމުގެ އިތުރުން އޯޓިޒަމް އޭޑީއެޗްޑީ ޑައުންސިންޑްރޮމް ފަދަ ބަލިތައް ވަނީ އުފެދިފަ އެވެ.

މި ވާހަކަތަކާ ގުޅޭ ގޮތުން އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި މަޝްހޫރު އިލްމުވެރިޔާ، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ވައިސް ޗާންސިލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ ވިދާޅުވީ ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ވެއްޖެއާ އެކަމުގެ ދަލީލެއް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސާފުކޮށް ލިޔެފައި އޮންނަނެ އެވެ. ނަމަވެސް ރަސޫލުންގެ ޒަމާނުގައި ކަމެއް ނެތުމަކީ ނުވަތަ ކަމެއް ނުކުރުމަކީ އެއީ އެ ކަމެއް މަނާވުން ނުވަތަ ކަމެއް ހަރާމްވުމެއް ނޫނެވެ.

“އިސްލާމް ދީނުގެ އަލިފު އެނގޭ މީހާއަށް ވެސް އެވަރު އެނގޭނެ. ރަސޫލުން ނުކުރައްވާ ކަމަކީ ހަރާމް ކަމަކަށް ވާކަށް ލާޒިމެއް ނޫން އެއްގޮތަކަށް ވެސް،” ޒަކަރިއްޔާ ވިދާޅުވި އެވެ.

ވެކްސިނާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު އޭގެން ބަލަން ޖެހޭނެ ކަމަކީ ވެކްސިންގެ ސަބަބުން އިންސާނުންނަށް ފައިދާ ކުރޭތޯ ނުވަތަ ނޫންތޯ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ. ފައިދާ ކުރާނަމަ އެކަމެއް ކުރަން ދީނުގައި އަންގަވާފައި އެބައޮތެވެ. އަދި ގެއްލުން ވަންޏާ އެކަމުން ދުރުވާން ވެސް އަންގަވާފައި އެބައޮތެވެ.

“މިސާލަކަށް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި އާފަލެއް ކާލައިގެން ވެސް އެލާޖިކްވެ ފުރާނަދާ ހިސާބަށް ގޮސްފައި ތިބި މީހުން. ބައެއް ބޭސްތައް ނުކެވޭ މީހުން އަދި ބައެއް މޭވާ އާއި ތަރުކައިރި ވެސް ކައިގެން ގެއްލުންވާ މީހުން އެބަތިބި. އެކަމަކު އޭގެ މާނައަކީ ބޭހާއި ތަރުކާރި އާއި މޭވާއަކީ ހަރާންވެފައި އެންމެނަށް ކެއުން މަނާ އެއްޗަކަށް ނުވޭ. ހަމަ އެގޮތައް ވެކްސިން ޖަހައިގެން މީހަކަށް ގޮތެއް ވިޔޭ ކިޔައިގެން ވާހަކަަ ދެއްކި ނަމަވެސް ބޮޑެތި ސިއްހީ ޖަމިއްޔާ ޖަމާއަތްތަކާއި ގައުމުތަކުން ބަލައިގަނެ، އޭގެން ކުރާ ފައިދާ ބޮޑު ކަމަށް ނިންމާފައިވާ އެއްޗެއް ވެކްސިންއަކީ،” ޒަކަރިއްޔާ ވިދާޅުވި އެވެ.

މި މައްސަލައަށް ސިއްހީ ނަޒަރަކުން ބަލައިލަމުން ކުރީގެ އެޕިޑެމޮލޮޖިސްޓެއްގެ މަގާމް އަދާ ކުރެއްވި ތަޖުރިބާކާރެއް ކަމަށްވާ ޑރ. އައިޝަތު އަރޫނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ހިމަބިހިއަށް ލިބޭނެ ފަރުވާއަކީ ކޮބައިތޯ ބެލިއިރު ސާފުތާހިރުވުމުގެ ސަބަބުން ހިމަބިހިގެ މައްސަލަތައް މަދު ކުރެވުނު ކަން ބައެއް ގައުމުތަކަށް ފާހަގަ ކުރެވުނު ކަަމަށް ޑރ. އަރޫނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ކޮންމެ ގައުމެއްގައި ވެސް މަދު ކުރެވެނީ ވަކި މިންވަރަކަށެވެ. އެއްކޮށް އެ މައްސަލަ ހައްލު ނުކުރެވި ބަލި ދެމިގެންދެ އެވެ.

އެހެން ނަމަވެސް މީސުލްސް ވެކްސިން ތައާރަފްކޮށް ޖަހަން ފެށުމުން ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް 80-90 ޕަސަންޓުގެ އަދަދަށް ކޮންޓްރޯލް ކުރެވުނެވެ. ރާއްޖޭގައި ވެސް އެ ބަލި އެހާބޮޑަށް ފިލުވައިލެވުނީ ވެކްސިން ޖަހަން ފަށައި އެކަމަށް މީހުން ހޭލުންތެރިވުމުންނެވެ. ނަމަވެސް މިހާރު އަލުން ވެކްސިން ނުޖަހާ މީހުން ގިނަވުމަކީ އަލުން އެ ބަލި ވަރަށް ބޮޑަށް ފެތުރެން ލިބޭ ފުރުސަތެއް ކަމަށް ޑރ. އަރޫނާ ވިދާޅުވި އެވެ.

“ގިނަ މީހުންނަށް ވެކްސިން ދިނީމަ މުޖުތަމައުގަ ވެކްސިން ނުޖަހާ ތިބި މީހުންނަށް ވެސް އޭގެ ފައިދާ ކުރޭ. އަދި ބަލިތަކުން ކޮންމެވެސް ވަރަކަށް ސަލާމަތް ކުރެވޭ، ރާއްޖޭގައި ވަރަށް ގިނަ ބަލިތައް މި ނުފެންނަ ސަބަބަކީ 90 ޕަސަންޓަށް ވުރެ ގިނަ މީހުން ވެކްސިން ޖަހާތީ. މިސާލަކަށް ގިނަ މީހުން ރިފިއުޒްކޮށްފައި ވެކްސިން ނުޖަހަންޏާ ބަލި ފެތުރޭނެ،” ޑރ. އަރޫނާ ވިދާޅުވި އެވެ.

ޑރ. އަރޫނާ ވިދާޅުވި ގޮތުން ވެކްސިންގެ ސަބަބުން އެހެން ބަލިތަކައް ނުވަތަ ކުއްޖާގެ ސިކުންޑިއަށް އަސަރު ކުރާ އެއްޗެއް ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫނެވެ. ހާއްސަކޮށް ރާއްޖެއަށް ވެކްސިން އެތެރެ ކުރަނީ ވަރަށް ބޮޑަށް އެކަން އޮޅުން ފިލުވައި ބަލައިފަ އެވެ.

ހިމަބިހީގެ އަލާމާތްތައް
ހިމަބިހި ވައިރަސްގެ އަސަރު ކުރާތާ 15 ދުވަސް ތެރޭގައި އަލާމާތްތައް ފެންނާނެ
ހުން އަންނާނެ
ކަރުގައި ރިއްސުން
އަނގައިގެ ތެރޭގައި، ހުދު ލައްތަކެއް ހުރުން
ހިކިކޮށް ކެއްސުން
ލޯ ދުޅަވެފައި ހުރުން
ގައިގައި ވަރަށް ގިނަ ބިހިތަކެއް ނަގަން ފެށުން

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ނުހައްގު މުއްސަނދިކަން ކުށަކަށް ނުހަދަނީ ކީއްވެ؟

ސުވާދީބު

ސިންގަޕޫރުން ކޮރޯނާވައިރަސް ފެނިއްޖެ

ސުވާދީބު

ޤައުުމު މުށުތެރެއަށް ލައިގެން އުޅޭ ވިޔަފާރިވެރީންނަށް ވުރެ ޤައުމު މުހިއްމެވެ!

ސުވާދީބު