web analytics
ސިގިރޭޓް

މާލޭގެ މަގުތަކުގައި ސިނގިރޭޓް ބުއިން މަނާ ކުރެވިދާނެބާ؟

ނިސްބަތުން ބަލާއިރު ދިވެހިރާއްޖޭ އަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ގިނަ ޤައުމެކެވެ. ކުރިއާ އަޅާ ބަލާއިރު މި އަދަދު އަންނަނީ އިތުރުވަމުން ވެސް މެއެވެ. މިއީ ޞިއްޙީ ގޮތުން ގެއްލުން ލިބޭ ކަމެއް ކަމުގައި މުޅި ދުނިޔެ ހެކިދޭ ކަމެއް ނަމަވެސް މި ކަމަށް ދެވިހިފަމުންދާ ޒުވާނުންނާއި ކުޑަކުދިންނާއި މުސްކުޅިން މި ދިވެހި ޖީލުގައި މަދެކޭ ނުދެންނެވޭނެއެވެ. މިއަދު  ގިނަ ބަޔަކު ޤަބޫލު ކުރަނީ ސިނގެރޭޓު ބޯލުމަކީ ފެޝަނެއް ކަމުގައެވެ. ބޯ ހާސްވެ ކަންބޮޑު ވުމުން ބޯ ހަމަޖައްސާލަން، ސިނގިރޭޓް ބުއިމަކީ ވެސް މި ބޯ މީހުން ސިނގިރޭޓް ބުއިމަށް ދައްކާ އުޒުރެކެވެ. ކޮންމެއަކަސް ކަމުގެ ބޮޑުކަމާއި ސީރިއަސްކަމާއި ޞިއްޙީ ގޮތުން ލިބޭ ގެއްލުންތަކަށް ބަލާ މީހުން މީގެ ތެރެއިން ވަރަށްވެސް މަދެވެ. ހާއްސަކޮށް އެހެން މީހުންނަށް މީގެ ސަބަބުން އުފުލަން ޖެހޭ ތަކުލީފަށް ނަޒަރު ހިންގާލާނެ މީހުން މީގެ ތެރޭގައި ނެތޭ ދެންނެވުމަކީ ވެސް ދޮގަކަށް ނުވާނެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމުގެ ގޮތުން ތަފާތު ކަންކަން ކުރެވިފައިވޭ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަދު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ޒަމާނުއްސުރެ އަންނަނީ ތަފާތު ކަންކަން ކުރަމުންނެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ އެކަށީގެންވާ ހެޔޮ ބަދަލެއް އައިސްފައި ވޭތޯއެވެ؟ ޒަމާނުއްސުރެ ކުރަމުން މި އައި ކަންކަމުގައި  މާ ބޮޑު ކުލައެއް ޖެހިފައިވާކަމުގެ ހެއްކެތް ދިވެހި ފަސްގަނޑުން ފެންނާކެއް ނެތެވެ. އެ ގޮތުން ބަލާނަމަ 1971 ގައި ދުންފަތުގެ ހުރިހާ ބާވަތަކުން ނަގާ ޑިއުޓީ %30 ވަނީ އިތުރުކޮށްފައެވެ. 1984 ގައި ޤައުމީ ޓީވީ އަދި ޤައުމީ ރޭޑިޔޯ އިން ދުންފަތުގެ އިޝްތިހާރުކުރުން މަނާކުރެވުނެވެ. 2000 ވަނަ އަހަރު ދުންފަތުން ނަގާ އިމްޕޯޓް ޑިއުޓީ 3 ގުނައަށް އިތުރު ކުރެފިވައިވެއެވެ. 2002 ވަނަ އަހަރު ފިންލޭންޑުގެ ކޭޓީއެލް އާއި ގުޅިގެން ” ހުއްޓައިގެން ހޯދާ” މި ނަމުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ދެވަނަ ފަހަރަށް ޕުރޮގުރާމެއް ހިންގުނެވެ. 2009 ވަނަ އަހަރު ދުންފަތް ކޮންޓުރޯލް ކުރުމުގެ ބިލް މަޖިލީހަށް ހުށަހެޅުނެވެ. 2010 ގައި ފުންފަތް ކޮންޓުރޯލް ކުރުމުގެ ބިލް ފާސްކޮށް ހަމަ އެ އަހަރު ޤާނޫނު ތަޞްދީގުކޮށް ގެޒެޓް ކުރެވުނެވެ. 2013 ވަނަ އަހަރު އާންމުން އެއްވެ އުޅޭ ތަންތަނާއި، ސުކޫލުތަކާއި، ކުޑަކުދިންގެ ޕާކުތަކާއި، ސައިހޮޓާ ރެސްޓޯރެންޓު ފަދަ ތަންތަނުގައި ސިނގެރޭޓް ބުއިން މަނާކޮށް ޤާނޫނެއް ހެދުނެވެ. މި ނޫނަސް ދުންފަތް ކޮންޓުރޯލް ކުރުމަށްޓަކައި ތަފާތު އެތަކެއް ކަމެއް، މި ފާހަގަކޮށްލެވުނު ތާރީހުގެ ތެރޭގައި ވަނީ ކުރެވިފައެވެ.

ޤާނޫނަށް މި ބަދަލުތައް ގެނެވުނު ނަމަވެސް، ހިތާމަޔާ އެކު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ޤާނޫނީ ގޮތުން މި ކަންކަން ތަންފީޒު ނުކުރެވޭ ކަމެވެ. ކިތަންމެ ޤާނޫނެއް ވެސް ހެދިފަ އެބަ ހުއްޓެވެ. ލިޔެވިފަ އެބަ ހުއްޓެވެ. އެހެންނަމަވެސް މިއީ އާންމު ރައްޔިތުން ބޯލަނބާ ޤާނޫނުތަކެއް ނޫނެވެ. އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ވެސް ސިނގިރޭޓް ބޯ މީހުން މަދެއް ނޫނެވެ. މިފަދަ މީހެއް ފެނުމުން ފުލުހަށް ރިޕޯޓުކުރުމުން އަޅާނުލާ ކަމުގެ ޝަކުވާ އާންމުންގެ ތެރޭގައި އިންތިހާއަށް ބޮޑެވެ. އަދި ތަފާތު ބޯޑުތަށް ޖަހާ ޖޫރިމަނާ ކުރެވޭނެ ކަމުގެ އިންޒާރު ރަތް އަކުރުން ފަވާލެވިފައި ވީނަމަވެސް އެއިން ކުރާ އެއްވެސް ރާހަތެއް ނެތެވެ. ހާއްސަކޮށް ސައިހޮޓާ ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާއިރު ޖެހިގެން އިންނަ މޭޒުގައި އިންނަ މީހާއަށް އިންތިހާއަށް އުނދަނގޫވެއެވެ. އެހެންނަމަވެސް މި ކަމަށް ކުރެވޭނެ އިތުރު ދެވަނަ ކަމެއް ނެތުމުން އާންމު ރައްޔިތުން ހަނުހުރުން އިސްކުރަނީއެވެ. ފަހަރުގައި ވެސް އެއީ ދުންފަތުގެ އިސްތުއުމާލު ކުރުމަށް ތާއީދުކުރާތީއެއް ނޫނެވެ. ނުވަތަ އުނދަގޫ ނުވާތީއެއް ވެސް ނޫނެވެ. އެހެންނަމަވެސް ރިޕޯޓުކޮށްގެން ވެސް އެއްވެސް ހައްލެއް ލިބިފައި ނުވާތީއެވެ. އަދި ހައްލެއް ލިބިދާނެކަމުގެ އުންމީދުވެސް ނުކުރެވޭތީއެވެ.

އަތޮޅުގެ ރަށްރަށުގެ މަގުތަކުގައިވެސް ސިނގެރޭޓް ބުއިން މަނާކުރަންޖެހޭ

މި ދުވަސްކޮޅު އެންމެ ބާރަށް ފެތުރިގެން ދިޔަ އަޑަކީ  މާލޭގެ މަގުތަކުގައި ސިނގެރޭޓް ބުއިން މަނާކުރަން މާލޭގެ ސިޓީ ކައުންސިލުން ނިންމި ވާހަކައެވެ. މިއީ ވަރަށް ވެސް ރަނގަޅު ނިންމުމެކެވެ. ސިޓީ ކައުންސިލުން އަންގާ ގޮތުންނަމަ މިކަމާ ބެހޭ ގާނޫނުތައް ހެދުމަށް އަދި ހަ މަސް ނަގާނެއެވެ. ޤާނޫނުތައް ހަދާ މި ކަން ތަންފީޒުކުރެވިއްޖެ ނަމަ މިއީ ވަރަށް ވެސް ފައިދާ ހުރި ކަމެކެވެ. އެހެންނަމަވެސް މިއާ ވިދިގެން އިތުރު ސުވާލެއް ކުރިމަތި ކުރުވައެވެ. އެއީ މީހުން ހިނގާ ބިނގާވާ މަގުތައް ހުރީ ހަމައެކަނި މާލޭގަ ތޯއެވެ؟ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ވެސް ދުންފަތުގެ މި ވަބާ މި ވަނީ ފެތުރިފައެވެ. މާލޭގެ މަގުތަށް ވަރަށް ތޮށްނުޖެހުނަސް، ދިވެހިރާއްޖޭގެ އެހެން ރަށްތަކުގެ މަގުތަކުގައި ވެސް މީހުން ހިނގާބިނގާވެއެވެ. މަގުތަކުގައި ސިނގެރޭޓް ބޯ މީހުންގެ އަދަދު ވެސް ނިސްބަތުން މަދެއް ނޫނެވެ. ހަމައެހެންމެ ކުޑަކުދިންނާއި މާބަނޑު މީހުންނާއި އަދި އާންމު ރައްޔިތުމީހާއަށްވެސް މިކަމުގެ ސަބަބުން އުނދަނގޫވެއެވެ. ވީއިރު މާލެއަށް ހަމައެކަނި ހާއްސަކޮށްގެން މިފަދަ ޤާނޫނުތައް ހެދުމުން ރާއްޖެތެރޭ ރައްޔިތު މީހާގެ ޙައްޤަށް އުނިކަމެއް ނާންނާނެބާއެވެ؟ މި ކަމުގައި އެންމެ ރަނގަޅު ގޮތަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ޤާނޫނެއް ހެދުމެވެ. އެހެނީ މާލެއަސް ރާއްޖެތެރެއަސް ސިނގެރޭޓް ނުބޯ މީހާ އެ ދުމުގެ ޝިކާރައަކަށް ވާކަށް ބޭނުމެއް ނުވާނެއެވެ. މި ނިންމުމާ ގުޅިގެން އާންމު އެތައް ފަރާތަކުން އަންނަނީ މީސް މީޑިއާގައި ހިންހަމަނުޖެހުން ފާޅުކުރަމުންނެވެ.

އަލަށް މި ހަދާ ޤާނޫނުން މާލޭގެ މަގުތަކުގައި ސިނގިރޭޓް ބުއިން ހުއްޓުވިދާނެބާ؟

ދިވެހި މުޖުތަމައުގައި ތަފާތު ކުއްތައް ކުރުން މި ދަނީ އާންމު ވަމުންނެވެ. ޝައްކެތް ނެތްގޮތުގައި މި ކަމުގެ މައިގަނޑު ސަބަބަކީ އެކަށީގެންވާ އަދަބު ނުދެވުމެވެ. މިކަމާ ދެބަސްވާނެ ފަރާތެއް ވަރަށް މަދުވާނެއެވެ. ދެން ބަލައިލަންވީ މާލޭގެ މަގުތަކުގައި، އަލަށް މި ހަދާ ޤާނޫނު ތަންފީޒު ކުރެވިދާނެތޯއެވެ. މީގެ ކުރިން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ލައްކަ ޤާނޫނުތައް ހެދިފައި އެބަހުއްޓެވެ. އެހެންނަމަވެސް އެކަށީގެންވާ ހެޔޮ ބަދަލެއް ނުފެންނަކަމީ ޙަޤީޤަތެވެ. އެހެނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވާއިދު ހަދާ 2013 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ވަނީ ޢަމަލު ކުރަން ފަށާފައެވެ. މި ޤަވާއިދުގެ ދަށުން ވަރަށް ގިނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ވަނީ މަނާ ކޮށްފައެވެ. އެ ގޮތުން މުސްކުޅިން ބަލަހައްޓާ ތަންތަނުން ފެށިގެން، ކުޑަކުދިންގެ ޕާކުތަކާއި، އާންމުން އެއްވެ އުޅޭ ސަރަހައްދުތަކާއި، ސައިހޮޓާ ރެސްޓޯރެންޓުތައް ހިމެނެއެވެ. އަދި މި ނޫނަސް ވެސް ކިތަންމެ ކިތަންމެ ތަނެއް ހިމެނެއެވެ. ދުންފަތް ކޮންޓުރޯލް ކުރުމާބެހޭ ގާނޫނާއި މި ޤަވާއިދުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަމަށް ކަނޑައަޅާފައިވާ ޢާންމު ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކޮށްފި ނަމަ، އެ ކަމެއް ކުރާ މީހަކު 500 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. އަދި  މި ޤަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން އާންމު ތަންތަން ފިޔަވާ އެހެނިހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރަމުން ދާނަމަ، އެ ތަނެއްގެ ވެރި ފަރާތް 1000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ވެސް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ރަތް އަކުރުން ސިނގެރޭޓް ބުއިން މަނާ ޖަހާފައި ހުންނަ  ސައިހޮޓާ ރެސްޓޯރެންޓު ފަދަ ތަންތަނުގައި ސިނގެރޭޓް ބޯ މީހުން މަދެއް ނޫނެވެ. މި ބޯޑުގެ ކުރިމަތީގައި ސިނގެރޭޓް ބޮމުންދާއިރު ޤާނޫނީ ގޮތުން އެ މީހަކަށް ދެވެންވީ އަދަބު ކޮބައިތޯއެވެ. 2013 ވަނަ އަހަރު ހެދުނު މި ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރެވުނީ ކިތައް މީހުންބާއެވެ؟ ކިތައް ތަނުގެ ވެރިންބާއެވެ؟ ހަމަ ޔަގީނުން ވެސް ޤާނޫނު އޮތީ ހެދިފައެވެ. ލިޔެވިފައެވެ. އެހެނަސް ޢަމަލީ ގޮތުން އެއްވެސް ހެޔޮ ބަދަލެއް ނާދެއެވެ.

މިހާރު މި ވަނީ މާލޭގެ މަގުތަކުގައި ސިނގެރޭޓް ބުއިން މަނާކޮށް ޤާނޫނުތަކުގެ ހާރަށް، މުޅިން އައު ބޮޅެއް އިތުރު ކޮށްފައެވެ. ޤާނޫނު ކިތަންމެހާ ވެސް ރަނގަޅެވެ.  އެހެނަސް އުފެދޭ ސުވާލަކީ މި ކަން ބަލަހައްޓަނީ ކޮން ފަރާތަކުން ތޯއެވެ؟ އެކަށީގެންވާ ވަރަށް ހަރުދަނާ ކަމާއެކު ބެލެހެއްޓިދާނެތޯއެވެ؟ ޤާނޫނެއް ހަދާ އެ ޤާނޫނާ އެއްގޮތަށް އަމަލު ކުރެވިދާނެތޯއެވެ؟ އާންމުން އެއްވެ އުޅޭ ތަންތަނުގަޔާއި މަގުތަކުގައި ސިނގިރޭޓް ބުއިން ހުއްޓުވިދާނެތޯއެވެ؟

އާދެ! އަޅުގަނޑުމެން ދިވެހިންގެ އުންމީދަކީ ދިވެހި މުޖުތަމައުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ދުވަހެއް ދުވަހަކަށް ވުރެ މަދުވުމެވެ. ހާއްސަކޮށް، އާންމުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އެކަށީގެންވާ އަދަބު ދެވި މި ކަމަށް އިޞްލާޙީ ބަދަލެއް ގެނައުމެވެ. މި ކަން އިޞްލާޙު ކުރުމަށް ބޭނުން ވަނީ ދެ އިރު ދެ ދަޅަޔަށް ހަމައެކަނި ނަމެއްގައި ހެދޭ ޤާނޫނުތަކެއް ނޫނެވެ. ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ޢަމަލު ކުރުމެވެ. ކަންކަން ބަލަހައްޓާނެ ހަރުދަނާ ފަރާތްތަކެކެވެ. އިޞްލާޙާ އެއްގޮތަށް ކަންކަން ހަމަޔަށް އެޅުވޭނެ ޤާނޫނުތަކެކެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މިއަދަކީ ދުންފަތަށް އަލްވަދާޢު ކިޔާ ދުވަހަކަށް ހެދުމަށް ރައީސް ގޮވާލައްވައިފި

ސުވާދީބު