މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް އިންޑިއާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމު ވިދާޅުވެއްޖެއެވެ.
ޝަހީމު މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއު އެއްގައި އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އިންޑިއާ އޮފިޝަލުންނާއި ޑިޕްލޮމެޓުން ގަދަޔަށް މަސައްކަތް ކުރިކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެ ވާހަކަތަކާ ގުޅިގެން ޝަހީމު ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ކުރަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
Riyaasee Inthikhaabah Nufoozu foaruvi kamah Bunaa Massala Dhaulathuge kamaa behey Idhaaraa thakun Thahuqeequ kuran jeheyne kamah dhekemeve.
އިންތިޚާބެއްގައި ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ރާއްޖެއިން ބޭރުގެ އެހީ ހޯދުމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި މަނާ ކަމެކެވެ.
ނަޝީދު ދެއްކެވި އެ ވާހަކަތައް ބެލުމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.
ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވިއިރު އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް އަންނަނީ އެ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާ ކަމަށާއި އެ އިންތިހާބަކީ ވަރަށް ބޮޑަށް އޮޅުވާލާފައިވާ އިންތިހާބެއް ކަމަށް ބުނަމުންނެވެ.
އެގޮތުން އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ވެއްދިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އިންތިހާބު ބާތިލުކުރާނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
Facebook Comments