މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ފޯމު ހުށަހަޅުއްވައިފިއެވެ.
ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިޒާރު ފޯމު ހުށަހަޅުއްވާފައިވާއިރު އޭނާގެ ކެންޑިޑޭޓް ނަމްބަރަކީ 2 އެވެ.
މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް އަޅުގަޑު ވަނީ ޕާޓީގެ ސެކްރެޓޭރިއަޓަށް މިއަދު ފޯމު ހުށައަޅާފައެވެ. އަޅުގަޑުގެ ކެންޑިޑޭޓް ނަމްބަރ އަކީ 2.
ނިޒާރު ވިދާޅުވީ މޭޔަރު ކަމަށް ވާދަކުރައްވަނީ އައްޑޫ ސިޓީގެ ތަރައްގީ ހަލުވިކޮށް، މަލަމަތި ބަދަލުކޮށްލުމުގެ އުއްމީދުގައި ކަމަށެވެ.
އެގޮތުން މިއަދުވެސް ދައްކަންޖެހެނީ މީގެ އަހަރުތަކެއް ކުރަން ދެއްކި ވާހަކަތަކެއް ކަމަށާއި އައްޑޫގެ މަލަމައްޗަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ފާހަގަކުރަމުން ނިޒާރު ވިދާޅުވީ މިހާރު އޮތް ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދަނީ މަޑު ދުވެއްޔެއްގައި، ވިޔަސް ނުވަތަ ނުވިޔަސް ވަރިހަމަ އުސޫލުން ކަމަށެވެ.
“އަޅުގަނޑުމެން މުސްކުޅިވެ ދާއިރުވެސް އެ މަގު ހަމަ އެ އޮތް ގޮތުގައި. އެ ފާރުވެސް އެހުރި ގޮތުގައި. އައްޑޫ އަށް އަންނައިރު އެންމެ ފުރަތަމަ ޓްރާންސިޓް ޕޮއިންޓަކީ ފޭދޫ. ފޭދޫން ވެސް ފެންނަނީ އެ ނިކަމެތިކަން، ހިތަދޫގައި ވެސް އެކަން. ހުޅުމީދޫގެ ވާހަކަ ދެއްކުމެއް ނެތް” ނިޒާރު ވިދާޅުވިއެވެ.
ނިޒާރުގެ އިތުރުން މިހާތަނަށް އައްޑޫގެ މޭޔަރު ކަމަށް ކުރިމަތި ލައްވާނެކަން އިއުލާން ކުރައްވާފައިވަނީ ފާއިތުވި ތިން ދައުރުގައިވެސް އައްޑޫގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ސޯދިގު (ސޯބެ)އެެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ބާއްވާ ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލުތަކުގެ މޭޔަރުން އިންތިހާބު ކުރާނީ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.
Facebook Comments