ޙަބަރު

“ޝައުނާގެ ފަހު ވަގުތުކޮޅު”

އިއްޔެގެ އިރާކޮޅުގެ ވަގުތެއްގައި މާލޭ ހެންވޭރުގައި ހުރި ގެތަކެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ހަބަރާއި އެކު މުޅި ރާއްޖޭގެ ރައްޔިތުންގެ ސަމާލުކަން އެކަމަށް ހުއްޓިފައި ވަނިކޮށް، އެކަންތައް ނިމުނި އިރު ގިނަ ބައެއްގެ ލޯތަކުން ވަނީ ކަރުނަތައް އޮހިގެން ގޮސްފައެވެ. ދެ ކުދިންގެ މަންމަ، އެތައް ކުދިންނެއްގެ މުދައްރިސް މިވަނީ މި ދުނިޔެ ދޫކޮށް ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފައެވެ. ނަމަވެސް، މިކަމުން އަހަރެމެންނަށް ލިބިގެންދާ ކުޑަވެސް ހިތްހަމަޖެހުމަކީ ޝަހީދެއްގެ ގޮތުގައި ޝައުނާ މި ދުނިޔެއާއި ވަކިވުމެވެ.

ތ. ބުރުނީ އަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ އައިޝަތު ޝައުނާ އަކީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ އިން ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ރޮނގުން ޑިގްރީ ހާސިލް ކޮށް، އޭނާ އަށް ލިބިފައިވާ އިލްމް އެހެން މީހުންނަށް ފޯރުކޮށްދިނުމުގައި އުޅުނު ހެޔޮލަފާ ހިތްހެޔޮ މީހެކެވެ.

ހ.ތިލަފުށީގޭގައި ކެމިކަލްތަކެއް ރައްކާ ކޮށްފައި ހުރި ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިޘާގައި އެ ކެމިކަލްތައް ގޮވައި، އެންމެ ބޮޑަށް އަސަރު ކޮށްފައި ވަނީ ތިލަފުށީ ގޭ ކުރިމަތީގައި ހުރި ހ.ރަނދުވާގެއަށެވެ. މިއީ ޝައުނާ ދިރިއުޅެމުން އައި ގެއެވެ. އެ ގޭގައި އަލިފާންގަނޑުގެ ހުޅު ހިފައި، މީހުން ނިކުތުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު ޝައުނާ އޮތީ ނިދާފައި ކަމަށް މައުލޫމާތު ލިބެއެވެ. އެވަގުތު އެގޭގައި ޖުމްލަ 6 މީހަކު ތާށިވި ނަމަވެސް، 5 މީހަކު ވަނީ އެ ގެއިން ނިކުމެ ސަލާމަތްވެފައެވެ. ނަމަވެސް، ޝައުނާ އަށް ވަނީ އެކަން ކާމިޔާބުވާގޮތް ނުވެފައެވެ.

ޝައުނާ އޭނާ ދިރިއުޅެމުން އައި ގެއިން ނިކުތުމަށް މަސައްކަތް ކުރި ނަމަވެސް، އަލިފާންގަނޑު ފެތުރިފައިވާލެއް ބޮޑުކަމުންނާއި، އެގޭގެ ދޮރުވެސް ބަންދުވެފައި ހުރުމުން އެކަމެއް ނުވިއެވެ. ޝައުނާ ދެ ފަހަރެއްގެ މަތިން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއަށް ގުޅައި ތާށިވެފައިވާ ކަމަށް ތަކުރާރުކޮށް ވަނީ ބުނެފައެވެ.

ބޭބެ އަށް ގުޅައިގެން ހުރެ ޝައުނާ އޭނާގެ އެންމެ ފަހު ޖުމްލައެއްގެ ގޮތުގައި ބުނެފައި ވަނީ އަލިފާންގަނޑު ރޯވެފައިވާލެއް ބޮޑުކަމުން އޭނާ އަށް އެތަނުން ނިކުމެތް ނެތް ކަމަށާއި އޭނާ އަށް ހެޔޮ ދުއާ ކޮށްދިނުމަށެވެ.

ޝައުނާ މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ ފޮޓޯއެއް

” އަލިފާންގަނޑާއި ހެދީ ނުނިކުމެވިގެން މި އުޅެނީ. ހެޔޮ ދުޢާ ކޮށްދީ” މިއީ ޝައުނާ ބުނި އެންމެ ފަހު ޖުމްލަ ކަމަށް ޝައުނާގެ ބޭބެ ވަނީ ބުނެފައެވެ. މި ހާދިޘާ އާއި ގުޅިގެން އޭނާގެ ބޭބެ އަށްވެސް ބޮޑު ހިތްދަތި ކަމެއް ކުރިމަތި ވެފައި ވާއިރު، ޝައުނާ އާއި އޭނާގެ ބޭބެވެސް ދިރިއުޅެމުން އައީ ރަނދުވާގޭގައެވެ. ޝައުނާގެ 18 އަހަރު ފުރިފައިތިބި 2 ދަރިންވެސް ވަކިން ދިރިއުޅެމުން އައި އިރު މި ހާދިޘާ ހިނގި ވަގުތު ޝައުނާގެ ބޭބެވެސް ހުރީ ގެއަކު ނޫނެވެ.

ޝައުނާގެ ފަހު ޖުމްލަ އާއި އެކު އޭނާގެ ބަސް ހުއްޓި، އޭގެ ފަހުން ހަބަރެއް ވެފައި ނުވާއިރު، ބެލެވޭ ގޮތުގައި އޭނާ ނޭވާ ހާސްވެގެން ހޭ ނެތުނީއެވެ. ޝައުނާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ސިފައިންނަށް ކުރުމުން އެފަރާތުން ވަނީ 6 ފަހަރެއްގެ މަތިން ޝައުނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ފެނިފައި ވަނީ އަލިފާންގަނޑު ކޮންޓްރޯލްވި ފަހުން، އޭނާ ދިރިއުޅެމުން އައި ގޭގެ ފްރިޖް ކައިރީ އޮއްވައެވެ.

އޭރު ޝައުނާގެ ގައި މައްޗައް ބަދިގޭގެ ކަބަޑުތައްވެސް ވެއްޓިފައި ވާކަމަށް އާއިލާގެ މީހުން މައުލޫމާތު ދީފައި ވާއިރު، އޭނާގެ ހަށިގަނޑު ފެނުމުން އެއީ ކާކުކަން ދެނެގަނެވޭ ވަރަށްވުރެންވެސް ބޮޑަށް އަނދާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ފަހުން އެއީ ޝައުނާކަން ވަނީ ޔަގީން ކުރެވިފައެވެ.

މިދިޔަ އޯގަސްޓް މަހުގެ ތެރޭގައިވެސް ޝައުނާ މީސް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި މަރުވާނެ އިރެއް ނޭނގޭނޭ ކަމަށާއި، މާދަމާވެސް އޭނާގެ ޖަނާޒާ އަށް ދައުވަތެއް ލިބިދާނޭ ކަމަށްބުނެ އޭނާ އަށް މާފް ކުރުމަށާއި، ހެޔޮ ދުއާ ކޮށްދިނުމަށް ވަނީ އެދިފައެވެ.

“މި ދުނިޔެ އަކީ ވަގުތުކޮޅެކެވެ. ފާއިތުވެފާ ކޮންމެ ސިކުންތެއް އަހަރެމެންގެ މަރާއި ކައިރިކުރުވަމުން ދެއެވެ. މިރޭ ނިދާފައި ފަތިސް ނަމާދަށް ހޭލެވޭނެ ކަމުގެ ގެރެންޓީ އެއް ނެތެވެ. މާދަމާ ލިބޭނީ އަހަރެންގެ ޖަނާޒާގެ ދައުވަތު ނޫންކަމެއްވެސް ނޭނގެއެވެ. ހިތްހެޔޮ ކުރައްޗެވެ. އަހަރެންގެ ފާފަތައް ފުއްސަވައި ދެއްވާތޯ ދުޢާ ކުރައްޗެވެ” ޝައުނާ ހިއްސާ ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.

ޝައުނާގެ މައްޗައް ކުރެވޭ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކުރުމަށް ހަމަޖެހިފައި ވާއިރު، މޫނު ބެލުން ހެނދުނު 10:30 ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެއެވެ. ޝައުނާ ދަންނަ އެންމެންވެސް އޭނާ އާއި ބެހޭ ގޮތުން ބުނަނީ ރަނގަޅު ވާހަކަތަކެވެ. ޝައުނާ ތަކުރާރުކޮށް އޭނާގެ މައްޗައް ހެޔޮ ދުޢާ ކޮށްދެން އެދިފައި ވާއިރު، އަހަރެމެން އެންމެންގެ ދުޢާތަކުގައިވެސް ޝައުނާ ޝާމިލް ކުރަމާ ހިނގާށެވެ. ޝަހީދެއްގެ ގޮތުގައި ޝައުނާ މި ދުނިޔެ ދޫކޮށްފައި ވާއިރު، އޭނާގެ އާއިލާ އަށް މި ދަތި ވަގުތުގައި ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރާށެވެ. އެހެނީ، މުސްލިމަކަށް ލިބިފައިވާ އެންމެ ބާރުގަދަ އެއް ހަތިޔާރަކީ ދުޢާ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މައްޗަންގޯޅީ މެދު ދާއިރާއަށް ވާދަކުރާ އިބްރާހިމް މުހައްމަދުގެ ޑޯޓުޑޯ ހަރަކާތްތައް ފަށައިފި

ސުވާދީބު

ރަށްރަށުގައި ހިންގާ އިޖްތިމާއީ ކަންކަމަށް ފައިސާގެ އެހީ ދެނީ

ސުވާދީބު

ހިޔާނާތްތެރިންނަށް ނޫނެކޭ ބުނީމަ ގައުމު ހަލަބޮލިކުރަން ނޫޅޭ: އިލިޔާސް

ސުވާދީބު