web analytics
ްކޮލަމ

“ހުސް ހަމީދު”

މުހައްމަދު ބުޝްރީ

މައުމޫން އަބްދުލް ޤައްޔޫމްގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި ރާއްޖެތެރެ ބަނޑުފުޅު ދަށުގަ ލައްވައިގެން އޮންނެވީ މައުމޫންގެ ކޮއްކޯފުޅު، އެއިރުގެ އެޓޯލްސް މިނިސްޓަރ އަބްދުﷲ ހަމީދެވެ. ހަމީދުގެ ވެރިކަމުގައި ރާއްޖެތެރޭގެ ރަށަކަށް ވަޑައިގެންފަ އަތޮޅުވެރިޔާ ނުވަތަ ކަތީބުންނާ ބައްދަލު ކުރައްވައިފައި ރަށުގެ ކަންތައްތައް ރަނގަޅުދޯއޭ އައްސަވާނެއެވެ. އަތޮޅުވެރިޔާ އާއި ކަތީބުން އެއްއަޑަކުން އާދެ މަސާހިބުއޭ ވިދާޅުވެ ޖަވާބު ދެއްވާނެއެވެ. ރައްޔިތުންނަކާ ހަމީދު ބައްދަލެއް ނުކުރައްވާނެއެވެ. ރައްޔިތުންގެ ކެކުޅުންތައް މިނިސްޓަރާ ހިސާބަށް ގެންގޮސްދެއްވަން ތިއްބަވާ އަތޮޅުވެރިޔާއާއި ކަތީބުންނަކަށް އެފަދަ ޝަކުވާއެއް އުފުއްލަވާކަށް ކެރިވަޑައެއް ނުގަނެއެވެ. ދެން އަތޮޅުގޭގައި ކަލިޔާ ބިރިންޖީއާއި ފޮލައާއި ފިހުނު ކުކުޅާއި ކުކުޅު ރިހައާއި ކަސްޓަޑް ފަރީއްކުޅުއްވައިގެން މިނިސްޓަރ މާލެވަޑައިގެންފާނެއެވެ.

މާލެ ވަޑައިގެންފައި ކޮންމެވެސް ނޫހަކަށް މިނިސްޓަރ މައުލޫމާތު ދެއްވާނެއެވެ. އެވެނި އަތޮޅަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އަތޮޅުގެ ރައްޔިތުންގެ ހާލުބައްލަވައި، އަތޮޅުގެ ތަރައްގީއަށް ކުރެވިދާނެ ކަންތައްތަކާއިމެދު އަތޮޅުވެރީންނާއި މަޝްވަރާ ކުރެއްވި ކަމަށެވެ.

ރައްޔިތުންގެ ބެއްލެވުނު “ހާލަކީ” ފަރިއްކުޅުއްވި “ހާ” އެކަންޏެވެ. އެނޫން “ހާލެއް” މިނިސްޓަރަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ. އަތޮޅުގެ ތަރައްގީއަށް ކުރެވުނު މަޝްވަރާއަކީ އަތޮޅުގެ ކަނތައްތައް ރަނގަޅުދޯއޭ އައްސަވާލި އައްސަވާލެއްވުން އެކަންޏެވެ. އެއޮތީ ދަތުރުފުޅު ނިމިފައެވެ.

މިހާރުގެ ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރު، އަލީ ވަހީދު މި ޖެނުއަރީ މަހު އައްޑުއަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީވެސް މިފާޑުގެ ދަތުރުފުޅެކެވެ. ހެނދުނުވަޑައިގެން ކައުންސިލަރުންނާ ބައްދަލު ކުރައްވާފައި މެންދުރު ފަރީއްކޮޅަށް ޝަންގްރިއްލާ ރިސޯރޓަށް ވަޑައިގެންފައި އެނބުރި މާލެ ވަޑައިގަތީއެވެ. ހަންކެޑެ ސަރަހައްދުގައި ސިޓީހޮޓަލެއް އެޅުމާމެދު މިމަސްތެރޭ ގޮތެއް ނިންމަވާނެ ކަމަށް މިނިސްޓަރު ދަތުރުފުޅަށް ފަހު މީޑިއާއަށް ވިދާޅުވިއެވެ. އަތޮޅުގެ ކަމުވޮށިގެންވާ މީހަކާ މަޝްވަރާއެއް ނުކުރައްވައެވެ.

ހަންކެޑެއަކީ ސިޓީ ހޮޓަލެއް އެޅުމަށްވުރެ ފަތުރުވެރީންގެ ބީޗެއް ގޮތަށް ތަރައްގީ ކުރަންޖެހޭ ތަނެކެވެ. އެސަރަހައްދުން ބިންދޫކުރަން ޖެހެނީ ތަފާތު ގެސްޓްހައުސް އަޅަންށެވެ. އެ ގެސްޓްހައުސްތަކުގައި ތިބޭ ގެސްޓުން ބޭނުންކުރާ ބީޗެއްގެ ގޮތުގައި ހަންކެޑެ ބީޗް ތަރައްގީ ކުރަންވީއެވެ. ދިވެހީންނަށް ވަކި ސަރަހައްދެއް ގައުކެނޑި ސަރަހައްދު ބީޗުންވެސް ތަރައްގީ ކޮށްދެވިދާނެއެވެ. 100 ނުވަތަ 200 ކޮޓަރީގެ ސިޓިހޮޓަލެއް ހަނކެޑެގައި ހެދުމުން އެސަރަހައްދު އެއްކޮށް ބޭކާރުވީއެވެ. އައްޑުއަތޮޅަކީ ވަށްކޮށް އޮތް އަތޮޅެއްތޯ ނުވަތަ ތިން ކަނަށް އޮތް އަތޮޅެއްތޯވެސް އެނގިވަޑައިނުގަންނަވާ މިނިސިޓަރުން ހަމަ ތިއްބަވާފަ އެއްދުވަހަކު އެއަތޮޅަށް ވަޑައިގެންފައި ތަރައްގީއޭ ފޮލައޭ ވިދާޅުވެފައި އަތޮޅުގައި އޮތް ހަމައެކަނި ފައިވްސްޓަރ ރިސޯރޓުން ކަލިޔާބިރިންޖީ ފަރިއްކުޅުއްވައިގެން މާލެ ވަޑަައިގެން މިކަހަލަ ބަޔާން ދެއްވާފައި ރައްޔިތުންގެ ލޮލުގައި އަނދުންއެޅުވުމުން ރައްޔިތުން އަބަދުވެސް ތިބޭނީ އެއްކަލަ ތަރައްގީގެ އިންތިޒާރުގައެވެ. އެތަރައްގީ އަންނަ ދުވަހެއް ހަރާމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފުރަތަމަ ޖަލްސާ ބޭއްވެވީ އައްޑު އަތޮޅުގައެވެ. އެޖަލްސާގައި ވިދާޅުވީ އައްޑޫ ތަރައްގީނުވެ ރާއްޖޭގެ އެހެން އެއްވެސް ތަނެއް ތަރައްގީ ނުވާނެ ކަމަށެވެ. ރައީސް ސޯލިހަށް އެންމެ މަތީ އިންސައްތައަކުން ވޯޓު ދިނީވެސް އައްޑޫ ރައްޔިތުންނެވެ. ނަމަވެސް ނޮވެމްބަރު މަހު ރައީސް ކަމާ ހަވާލުވެ ވަޑައިގެން ފަހުން ދެމަސް ދުވަސް ފާއިތުވިއިރު، އަދި އޭގެފަހުން އެކި އަތޮޅުތަކަށް ދަތުރު ކުރެއްވި އިރުވެސް އައްޑުއަތޮޅަކަށް ވަޑައެއްނުގަންނަވައެވެ. އަތޮޅަށް ވަޑައިގަތުން ކީއްކުރަންތޯ ދެކުނާވީފަރާތަށް މޫނުވެސް ނުލައްވާފަދައެވެ.

ރައީސް ސޯލިހުގެ ޒައާމަތުގައި އައްޑޫގައި އަދި އެއްވެސް ކަމެއް ނުހިނގައެވެ. ކޮންވެންޝަން ސެންޓަރުގައި ރައީސް ޔާމީނު އަޅުއްވަން ފެއްޓެވި ޓާރޝަރީ ހޮސްޕިޓަލުގެ މަސައްކަތްވެސް މިހާރު ކުރިއަށްދަނީ ފިނިހަކަ ދުވެލީގައެވެ. ހެލްތު މިނިސްޓަރު އައްޑުއަށް ވަޑައިގެން ކޮންވެންޝަން ސެންޓަރުގެ ހޮސްޕިޓަލް ހަގީގަތަކަށް ވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތަށް އައްޑޫ ވިލިގިނލި ރިސޯރޓް މައުމޫނުވެސްް ހަގީގަތަކަށް ހެއްދެވިއެވެ. ވައުދުވީތާ 20 އަހަރު ފަހުންނެވެ. މިއީ ކޮންމެ ސަރުކާރަކުންވެސް ރާއްޖެތެރެއަށް، ހާއްސަކޮށް އައްޑުއަށް ތަރައްގީ ގެނެސް ދެއްވާ ސްޕީޑެވެ.

އައްޑޫސިޓީ ސިޓީއަކަށް ވަނީ ނަމުން އެކަންޏެވެ. މަގުތަކުގެ ފެންވަރު އެހާ ދަށެވެ. ގެސްޓްހައުސް މަޝްރޫއެއް މިތާކު ނުހިނގައެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ފުރިހަމައެއް ނުވެއެވެ. ގަމުގެ ވައިގެ ބަނދަރު ބައިނަލްއަޤްވާމީ ވެފައި އޮތީ ނަމަކަށެވެ. ވާރޭ ވެހޭނަމަ ފަތުރުވެރީން ބޯޓަށްއަރަނީ ކުޑަނަގައިގެންނެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރާއި ތަނުގެ ވަސީލަތްތައް އިންތިހާއަށް ދަށެވެ. އަތޮޅުގައި ވަޒީފާ މަދުވުމުން ޒުވާނުން މަގުމަތިވެފައެވެ. ކަން މިހެން އޮތްއިރު ކޮންމެވެސް މިނިސްޓަރަކު ދޭތެރެއަކުން ވަޑައިގެންފައި ރާއްޖެ ތަރައްގީ ވާނީ އައްޑޫ ތަރައްގީވެގެންނޭ، އެވެނި މަޝްރޫއެއް ވަރަށް އަވަހަށް ހަގީގަތަކަށް ވާނެއޭ ވިދާޅުވިއަސް އައްޑޫރައްޔިތުން މާބޮޑު ސީރިއަސްކަމެއް އެފަދަ ވާހަކަފުޅުތަކަކަށް ނުދެއެވެ.

ވެރީން ދޮގުހަދަހަދާ ރައްޔިތުންތިބީ އެއްގޯސްވެފައެވެ. ދޮގުވާހަކަ އަޑުއަހަން އާދަވެފައެވެ. ވެރީން އެވެނިކަމެއް ވާނެއޭ ބުނެފިނަމަ އެކަމެއް ނުވާނެ ކަމާއި، ވެރީން އެވެނި ކަމެއް ނުވާނެއޭ ބުނެފިނަމަ އެކަމެއް ވާނެކަމަށް ރައްޔިތުން ޤަބޫލު ކުރެއެވެ. ބަދަލުވީ ހަމައެކަނި ޒަމާނެވެ. އަދިވެސް މާލޭންވަޑައިގަންނަވާ ވެރީންގެ ބަހާއި އަމަލު ހުރީހަމަ ހަމީދުގެ އުސޫލުގައެވެ. ހުސް ހަމީދެވެ!

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ނިރުބަވެރިކަމުގެ މައްސަލަ: އިންސާފުވެރި ބަލައިލުމެއް

ސުވާދީބު

އިންޑިޔާގެ ބޮލުގައި ރިހެނީބާ؟

ސުވާދީބު

ޓެރަރިޒަމްގެ ޤާނޫނުގެ އިސްލާހުތައް، ސީރިއަސްކޮށް ވިސްނަން ޖެހޭ ކަންކަން

ސުވާދީބު